ކުޑަ އަންހެން ކުއްޖަކަށް ގަދަކަމުން ޖިންސީ ގޯނާކުރި މައްސަލައެއްގައި ހައްޔަރުކުރި ހދ. ކުޅުދުއްފުށީ/ ތަލްފޯނު އަބްދުއްސަލާމް މޫސާ ދޫކޮށްލަށް ކުޅުއްފުށީ ކޯޓުން ކުރި އަމުރު ހައިކޯޓުން ބާތިލުކޮށްފިއެވެ.
މި މައްސަލައަކީ އަބްދުއްސަލާމް މޫސާ، 6 އޮގަސްޓް 2021 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކުޑަ އަންހެން ކުއްޖަކާމެދު ގަދަކަމުން ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހެކި ގަރީނާ ލިބުމަށް ހުރަސްއަޅާނެ ކަމަށް ފެންނާތީއާއި މައްސަލައިގެ ބާވަތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ދިމާވެދާނެ ކަމަށް ފެންނާތީ، އޭނާ ހައްޔަރުކުރުމުގެ އަމުރަކަށް އެދި ފުލުހުންގެ ފަރާތުން ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމާ ގުޅިގެން އޭނާ ހައްޔަރުކުރި މައްސަލައެކެވެ.
އަދި ހަމަ އެދުވަހު އޭނާ ހައްޔަރުކޮށް ކޯޓު އަމުރުގެ ދަށުން ބަންދުކުރިއެވެ. އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރަމުން ގޮސް ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ފުލުހުންގެ ހިދުމަތުން އެދުމުން 22 ސެޕްޓެމްބަރު 2021 އިން ފެށިގެން އޭނާ ބަންދުގައި ބެހެއްޓުމަށް ކުޅުދުއްފުށީ ކޯޓުން އަމުރުކުރިއެވެ.
ނަމަވެސް އެ މައްސަލަ މައުލޫއީ ގޮތުން ކުރިއަށް ގެންދިއުމަށް 23 ޑިސެމްބަރު 2021ގައި އެ ކޯޓުން ނިންމުމަށްފަހު، އޭނާގެ ބަންދު މުރާޖައާ ކުރުމުގެ ތެރެއިން އޭނާގެ ބަންދުގެ އަމުރު ދެމެހެއްޓުމުގެ ބޭނުމެއް ނެތް ކަމަށް ނިންމައި، ސަލާމް ބަންދުން ދޫކޮށްލުމަށް އެކޯޓުން އަމުރުކުރިއެވެ.
މި މައްސަލައަކީ ސަލާމް ދޫކޮށްލުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރަކީ އުސޫލުތަކާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށް ބުނެ ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލައެކެވެ.
މި މައްސަލަ ބެލުމަށްފަހު ހައިކޯޓުން އިއްޔެ ވަނީ، ސަލާމް ދޫކޮށްލުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރު ބާތިލުކޮށްފައެވެ. އަދި ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އެ ކޯޓުން ނެރުނު އަމުރު ބާތިލުނުވެ ދެމި އޮތް ކަމަށްވެސް ހައިކޯޓުން ވަނީ ކަނޑައަޅައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު