އޮމިކްރޯން ވޭރިއަންޓް އަށް ދިވެއްސަކަށް ޖެހިފައިވާ ކަމަށް އެޗްޕީއޭ އިން މިއަދު ބުނެފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، އޮމިކްރޯން ޖެހިފައިވާ އަށް ދިވެއްސަކު ފެނިފައިވާ ކަމަށާއި އިތުރު ދިވެހިންނަށްވެސް އޮމިކްރޯން ޖެހިފައި ތިބެދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
"ދިވެހިންގެ ތެރޭގައިވެސް އޮމިކްރޯން އުޅޭކަން އަޅުގަނޑުމެންނަށް މިވަނީ ސީކުއެންސުން ކަށަވަރު ކުރެވިފައި. އެންމެ ފަހުން އިއްޔެގައި އަޅުގަނޑުމެންނަށް ލިބުނު ރިޒަލްޓުންވެސް ހަތް ދިވެއްސަކު އަދި އޭގެ ކުރިން ހަފުތާގެ ރިޒަލްޓުގައި އެއް ދިވެއްސަކު މިވަނީ އޮމިކްރޯނަށް ޕޮޒިޓިވެފައި،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ، އޮމިކްރޯން ޖެހޭ މީހުންގެ އަދަދު ޑެލްޓާ ވޭރިއަންޓުން ޕޮޒިޓިވްވާ މީހުންނަށްވުރެ އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ. އެގޮތުން އޮމިކްރޯންގެ ކޭސްއެއް އެއް ދުވަހާއި ތިން ދުވަހާ ދެމެދުގެ މުއްދަތެއްގައި ދެގުނަވާ ކަމަށް ވިދާޅުވިއެވެ.
އޮމިކްރޯން ވޭރިއަންޓު ރާއްޖޭގެ ހުރިހާ ހިސާބަކުންވެސް ފެނުމުގެ ފުރުސަތު އޮތްކަން ފާހަގަކުރައްވައި ޑރ. ނަޒްލާ ވިދާޅުވީ، ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި އޮމިކްރޯންގެ ނުރައްކާ ބޮޑުވާނެ ކަމަށެވެ.
"އަޅުގަނޑުމެން މިބަލަނީ ދިރިއުޅުމަށް، އިގުތިސޯދީ ހަރަކާތްތަކަށް ދަތި ނުވާ ގޮތަށް އަދި ސްކޫލުތަކުގެ ކިޔެވުން ވެސް ކުރިއަށް ގެންދެވޭ ގޮތަށް އެކަންކަމަށް ބުރޫނާރާ ގޮތަށް ފިޔަވަޅުތައް އަޅާނަމަވެސް އަޅަން،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަލްޒާ ވިދާޅުވީ، އޮމިކްރޯންގެ ކޭސްތައް މައިގަނޑު ގޮތެއްގައި މާލެ ސަރަހައްދުން ފެނުނު ނަމަވެސް ކ. މާފުށްޓާއި ދ. ކުޑަހުވަދޫން ވެސް އޮމިކްރޯންގެ ކޭސްތައް ފެނިފައިވާ ކަމަށެވެ. އެގޮތުން އޮމިކްރޯނަށް ޕޮޒިޓިވްވީ މާލެ އިން ހަތަރު މީހުންނާއި މާފުށިން ތިން މީހުންނާއި ކުޑަހުވަދޫން މީހެއް ކަމަށް ވިދާޅުވިއެވެ.
ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ، އޮމިކްރޯނަށް ޕޮޒިޓިވްވެފައިވާ 19 ފަތުރުވެރިޔަކުވެސް ރާއްޖެއިން ފެނިފައިވާ ކަމަށެވެ.
ފުރަތަމަ ދެކުނު އެފްރިކާއިން ފެނުނު ކޮވިޑުގެ އާ ވޭރިއަންޓް، އޮމިކްރޯންއާ ގުޅިގެން ހަތް ގައުމަކުން ރާއްޖެއަށް މީހުން އެތެރެވުންވެސް ވަނީ މަނާކޮށްފައެވެ. އެއީ ސައުތު އެފްރިކާއާއި ނެމީބިއާއާއި މޮޒަންބީކާއި ލެސޯތޯ އާއި ބޮޓްސްވާނާއާއި ޒިންބާބްވޭގެ އިތުރުން އެސްވަޓީނީއެވެ.