ޚަބަރު

ހީނާފަތް އެޅުމާއި ނިޔަފަތީގައި ކުލަ ޖެއްސުމާއި ޓެޓޫ ޖެހުން މަނާކޮށް ފުލުހުންގެ ޔުނިފޯމު ގަވާއިދު އާންމުކޮށްފި

އިބްރާހިމް ޒަކީ

އަންހެން ފުލުހުން އަތުގައި ހީނާފަތް އެޅުމާއި ނިޔަފަތީގައި ކުލަޖެއްސުމަކީ މަނާކަމެއް ކަމަށް ކަނޑައަޅައި ދިވެހި ފުލުހުން ޔުނިފޯމު އެޅުމުގެ ގަވާއިދު އެކުލަވާލައި އާންމުކޮށްފިއެވެ.

މިއަދު އާންމުކުރި މި ގަވާއިދުގައިވާގޮތުން އަންހެން ފުލުހުން މޭކަޕް ކުރުމުގެ ގޮތުން ހަމުގެ ކުލައާ ނުގުޅޭ ޓޯނެއްގެ ފައުންޑޭޝަން ބޭނުންކުރުމަކީ މަނާކަމެކެވެ. އަދި ބޮލުގެ އިސްތަށިގަނޑުގައި ޖައްސާ ކުލައަކުން، އަތްވަށް ނުކުތުމުން ކަޅުކުލަ ނޫންކުލައެއް އަރާނަމަ، އެފަދަ ކުލައެއް ޖައްސައިގެން ނުވާނެ ކަމަށްވެސް ބުނެފައިިވެއެވެ. އަދި ބޮލުގެ އިސްތަށިގަނޑު ހައިލައިޓް ކުރުމަކީ ވެސް މަނާ ކަމެކެވެ.

އަތުގައި ހީނާފަތް އެޅުމާއި އަތާއި ނިޔަފަތީގައި އެއްވެސް ކުލައެއް ޖެއްސުމަކީ މަނާކަމެއް ކަމަށާއި ފިރިހެން ފުލުހުން ގައިގެ ތަންތަނުގައި ގަހަނާ އެޅުމާއި ކަންފަތުމުދި ލެއްވުމަކީ މަނާކަމެއް ކަމަށްވެސް ބުނެފައިވެއެވެ. އަދި ހަށިގަނޑުގެ އެއްވެސް ތަނެއްގައި ޓެޓޫ ޖެހުމަކީ ވެސް މަނާ ކަމެކެވެ.

ގަވާއިދުގައިވާގޮތުން ފުލުހުންނަކީ ޒިންމާދާރުކަމާއެކު ޖަވާބުދާރީވާންޖެހޭ މަސައްކަތެއް ކުރާ ބަޔަކަށް ވެފައި، އެފަދަ މަސައްކަތްކުރާ ފުލުހުން ފާހަގަކޮށް އެނގެންޖެހޭނެތީ، ޑިއުޓީ ގަޑީގައި އެ ފުލުހަކީ ކާކުކަން ފާހަގަކުރަން ނޭނގޭނެ ގޮތަށް ހެދުން އަޅައިފައި ހުރެގެން ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ގަވާއިދުގައިވާގޮތުން ފިރިހެން ފުލުހުންގެ ފޯމަލް ސިވިލް ހެދުމަކީ ދިގުފަޓުލޫނާއެކު އަތްދިގު ގަމީހާއި ޓައީއެވެ. މިގޮތަށް ހެދުން އަޅައިފައި ހުންނައިރު ހުންނަންވާނީ ދަށަށް ޖަހައިފައި، އޮފީސް ބޫޓަކަށް ނުވަތަ އޮފީސް މާހައުލުގައި ބޭނުންކުރުމަށް އެކަށީގެންވާ ބޫޓަކަށް އަރައިފައެވެ.

އަންހެން ފުލުހުންގެ ފޯމަލް ސިވިލް ހެދުމަކީ ފާސްކުރިހެދުން ނުވަތަ މުޖުތަމައު ބަލައިގަންނަ އެކަށީގެންވާ ހެދުމަކާއި އޮފީސް މާހައުލުގައި ބޭނުންކުރުމަށް އެކަށީގެންވާ ފައިވާން ނުވަތަ ބޫޓު ކަމަށާއި އަދި އެ ހެދުމަކީ ޖަމާއަތުގެ އަދަބާ ހިލާފު ހެދުމަކަށް ވެގެން ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ގަވާއިދު ބުނާގޮތުން ޔުނިފޯމުގެ އައިޓަމެއްގެ ގޮތުގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ތަކެއްޗާއި ޔުނިފޯމާއެކު ބޭނުންކުރެވިދާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ކަނޑައަޅާ ތަކެތި ފިޔަވައި އެހެން އެއްވެސް އެއްޗެއް ޔުނިފޯމާއެކު ބޭނުންކުރުމަކީ މަނާކަމެކެވެ.

ވޯކިން ޑްރެސްގައި އުޅޭ ފުލުހުން ރޭޑިޔޯ ސެޓުގެ މައުތު ޕީސް ޔުނިފޯމުގައި ހަރުކުރެވިދާނެ ކަމަށާއި އަދި ކަންފަތަށް އިއާ ޕީސް ޖަހައިގެން އުޅެވިދާނެ ކަމަށެވެ. ނަމަވެސް އުޅަނދެއް ދުއްވަމުން އެފަދަ މުއާސަލާތީ އާލާތްތައް ބޭނުންކުރުމަކީ މަނާ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގައި ބޭނުންކުރާ ޔުނިފޯމެއް ނުވަތަ ޔުނިފޯމެއްގެ އައިޓަމެއް، މުވައްޒަފެއްގެ އިހުމާލުން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެއްޖެނަމަ ނުވަތަ ގެއްލިއްޖެނަމަ، އެ އެއްޗަކަށް ކަނޑައެޅިފައިވާ އަގުކަމަށް ގަވާއިދުގެ ދަށުން އެކުލަވައިލާ އުސޫލުގައި ބަޔާންކުރާ މިންވަރު މުވައްޒަފު ދޭންވާނެ ކަމަށެވެ. އެގޮތަށް ދައްކަންޖެހޭ ފައިސާ، މުވައްޒަފުގެ މުސާރައިން އުނިކުރެވިދާނެ ކަމަށްވެސް ބުނެފައިވެއެވެ.

ފުލުހުންގެ ޑިއުޓީ ގަޑި އާއި، ރަސްމީ ގަޑި އާއި، ނުރަސްމީ ގަޑީގައި ހެނދުން އަޅާނެ ގޮތްތައް މި ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. އަދި ޔުނީފޯމުގައި މެޑެލް ބޭނުން ކުރެވޭނެ ގޮތްތަކާއި އަންހެން ފުލުހުން ބުރުގާ އެޅުމާއި ފިރިހެން ފުލުހުން ތުނބުޅި އާއި މަތިމަސް ބަހައްޓައި ބޮލުގެ އިސްތަށީގަނޑު ބަހައްޓާނެ ގޮތްތައްވެސް ވަނީ ކަނޑައަޅައިފައެވެ.