ރައްޔިތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުގައި މަރުވެފައިވާ ހަ މީހެއްގެ ނަން އޮތްކަމުގެ ޝަކުވާ ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ރޭ ފުއާދު ވިދާޅުވީ، މަރުވެފައިވާ މީހުންގެ ނަންތައް ވޯޓާސް ލިސްޓުގައި އޮތުމުން، އެ ނަންތައް އުނިކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އީސީން އެންމެ އިސްކަމެއް ދީގެން ބަލަހައްޓަމުން އަންނަނީ ވޯޓާސް ލިސްޓު ކަމަށް ވެސް ވިދާޅުވިއެވެ.
"މިހާތަނަށް އަޅުގަނޑުމެންނަށް ލިބިފައިވޭ ހަ ޝަކުވާއެއް. އެއީ މަރުވެފައިވާ ހަ މީހެއްގެ ނަން ލިސްޓުގައި އޮތުމުން. އަޅުގަނޑުމެން ވާނީ މިހާރު ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނަށް މި ނަންތައް ފޮނުވައި، ލިސްޓުން އުނިކުރުމަށް އެދިފައި،" ފުއާދު ވިދާޅުވިއެވެ.
ފުއާދު ވިދާޅުވީ އީސީން އިންތިހާބުތަކުގައި މިހާރު އަމަލުކުރަމުން އަންނަނީ ސުޕްރީމް ކޯޓުން ނެރެފައިވާ ގައިޑްލައިންއާ އެއްގޮތަށް ކަމަށާއި ގައިޑްލައިންގައި ބުނާގޮތުން އީސީން އަމަލުކުރާ ވޯޓާސް ލިސްޓަކީ، ނޭޝަނަލް ރަޖިސްޓްރޭޝަނުން ނެރޭ ލިސްޓަށްވުމުން، ލިސްޓުގައި އެއްވެސް މައްސަލައެއް އޮތްނަމަ އެކަން އެ އިދާރާގައި އެދިގެން ހައްލުކުރަން ޖެހޭނެ ކަމަށެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނަކަން ފާހަގަކުރައްވައި ފުއާދު ވަނީ ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވާ ތަރުތީބު ވިދާޅުވެފައެވެ. އެގޮތުން ކޮމަންޑޫ ދާއިރާގައި ހިމެނޭ ށ. މަރޮށީގައި ބަހައްޓަނީ އެއް ވޯޓު ފޮށި ކަމަށާއި ކޮމަންޑޫ އާއި ފޯކައިދޫގައި ދެ ވޯޓު ފޮށި ބަހައްޓާނެ ކަމަށެވެ. އަދި މާލޭގައި ބަހައްޓާނީ އެއް ވޯޓު ފޮށި ކަމަށް ފުއާދު ވިދާޅުވިއެވެ. ވޯޓުލުން އޮންނާނީ އަންނަ މަހުގެ ފަސްވަނަ ދުވަހު ހެނދުނު 8:00 އިން ހަވީރު 4:00 އާ ހަމައަށެވެ.
ފުއާދު ވިދާޅުވީ، ބައި-އިލެކްޝަންގެ ހުރިހާ އިންތިޒާމުތަކެއް ހަމަޖައްސާނީ ވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިނާ އެއްގޮތަށް ކަމަށެވެ. އަދި އަންނަ މަހުގެ ފަސްވަނަ ދުވަހު އޮންނަ ވޯޓުލުން ކެންސަލް ނުކުރާނެ ކަމަށާއި ކޮވިޑުގެ ހާލަތު ގޯސްވިޔަސް އެޗްޕީއޭއިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް ވޯޓުލުން ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ ތިން ކެންޑިޑޭޓުން ވެސް އަންނަނީ ވާދަވެރި ކެމްޕެއިނެއް ކުރަމުންނެވެ. މި އިންތިހާބުގައި ވާދަކުރަނީ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ކެންޑިޑޭޓަކާއި އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓެއްގެ އިތުރުން އެމްއެންޕީގެ ކެންޑިޑޭޓެކެވެ. އެމްޑީޕީގެ ފަރާތުން ވާދަކުރަނީ މުހައްމަދު ރާޝިދުއެވެ. އެމްއެންޕީގެ ފަރާތުން އަބްދުލް ހަންނާނު އިދުރީސް ވާދަކުރާ އިރު، ޕީޕީއެމްގެ ފަރާތުން ވާދަކުރަނީ މޫސާ ފަތުހީއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުކަމުގައި ހުންނެވި އެމްޑީޕީގެ މެންބަރު ހުސައިން ވަހީދު، މިދިޔަ މަހު އަވަހާރަވުމާ ގުޅިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު