ކޮމަންޑޫ ދައިރާގެ ބައި އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓުންގެ ފަރާތުން އެންޓި ކެމްޕޭން ކުރަމުންދާ މަންޒަރު ފެންނަ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފުއާދު ވިދާޅުވީ ކޮމަންޑޫ ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕޭން ހަރަކާތްތައް މީޑިއާތަކުން، ވަކިން ހާއްސަކޮށް އޮންލައިން މީޑިއާތަކުން ބަލަމުން އަންނަ ކަމަށެވެ.
"މި ދޭތެރެއަކުން ވެސް އެންޓި ކެމްޕޭން ކުރި މަންޒަރު ފެނުނު، ވަކި ޕާޓީއެއް ނޫން، ހުރިހާ ޕާޓީއެއްގެ ކެންޑިޑޭޓުންގެ ފަރާތުން ވެސް އެންޓި ކެމްޕޭން ކުރަމުންދާ މަންޒަރު ފެނޭ،" ފުއާދު ވިދާޅުވިއެވެ.
ފުއާދު ވިދާޅުވީ އީސީން އަމިއްލައަށް އިސްނަގައިގެން ކެމްޕޭން ކުރަމުގެ ގަވާއިދާ ހިލާފަށް ކެންޑިޑޭޓަކު ނޫނީ ކެންޑިޑޭޓަކު ނިސްބަތްވާ ޕާޓީން ކަމެއް ކުރިޔަސް އެކަމެއް ނުބަލާނެ ކަމަށެވެ. ނަމަވެސް އެންޓި ކެމްޕޭން ކުރަމުންދާކަމުގެ ޝަކުވާ އީސީއަށް ހުށަހަޅައިފިނަމަ އެ މައްސަލައެއް ބަލާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހަކީ ގާނޫނޫ ހަދާ މަޖިލިސް ކަމަށްވުމުން ރައްޔިތުން މަޖިލީހަށް ވަންނަން ބޭނުންވާ ފަރާތްތަކުން ވެސް އަމަލުކުރަންވާނީ ގާނޫނާ އެއްގޮތަށް ކަމަށެވެ. އަދި ވިދާޅުވީ ކޮމަންޑޫ ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓުން ގާނޫނާއި ގަވާއިދުގެ ތެރެއިން ކެމްޕޭން ކުރުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުންދާކަން ފާހަގަކުރައްވައި ފުއާދު ވަނީ ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވާ ތަރުތީބު ވިދާޅުވެފައެވެ. އެގޮތުން ކޮމަންޑޫ ދާއިރާގައި ހިމެނޭ މާރޮށީގައި ބަހައްޓަނީ އެއް ވޯޓު ފޮށި ކަމަށާއި އަދި ކޮމަންޑޫ އާއި ފޯކައިދޫގައި ދެ ވޯޓު ފޮށި ބަހައްޓާނެ ކަމަށެވެ. އަދި މާލޭގައި ބަހައްޓާނީ އެއް ވޯޓު ފޮށި ކަމަށް ފުއާދު ވިދާޅުވިއެވެ.
ވޯޓުލުން އޮންނާނީ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ހެނދުނު 8:00 ކުން ހަވީރު 4:00 އަކާ ހަމައަށެވެ.
ފުއާދު އިތުރަށް ވިދާޅުވީ ބައި އިލެކްޝަންގެ ހުރިހާ އިންތިޒާމުތަކެއް ހަމަޖައްސާނީ ވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިނާ އެއްގޮތަށް ކަމަށެވެ. އަދި ވިދާޅުވީ ފެބްރުއަރީ ފަސް ވަނަ ދުވަހު އޮންނަ ވޯޓުލުން ކެންސަލް ނުކުރާނެ ކަމަށާއި ކޮވިޑުގެ ހާލަތު ގޯސްވިޔަސް އެޗްޕީއޭއިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް ވޯޓުލުން ކުރިއަށް ގެންދާނެ ކަމަށެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ ތިން ކެނޑިޑޭޓުން ދަނީ ވާދަވެރި ކެމްޕެއިނެއް ކުރަމުންނެވެ. މިއިންތިހާބުގައި ވާދަކުރަނީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ކެނޑިޑޭޓަކާއި އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓެއްގެ އިތުރުން އެމްއެންޕީގެ ކެނޑިޑޭޓެކެވެ. އެމްޑީޕީގެ ފަރާތުން ވާދަކުރަނީ މުހައްމަދު ރާޝިދުއެވެ. އެމްއެންޕީގެ ފަރާތުން އަބްދުލް ހަންނާނު އިދުރީސް ވާދަކުރާއިރު، ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަ ކުރަނީ މޫސާ ފަތުހީއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުކަމުގައި ހުންނެވި އެމްޑީޕީގެ މެންބަރު ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު