ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް ޖާގަ ދީ، ސިޔާސީ އެހެން ޕާޓީތަކުން މަޑުކޮށްލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވިދާޅުނުވެވޭނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނައިބު ރައީސް އަދި ވިލިމާލެ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރު އަހުމަދު އުޝާމު ވިދާޅުވެއްޖެއެވެ.

މިދިޔަ ހުކުރު ދުވަހު ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ އެމްޑީޕީގެ ކެންޑިޑޭޓުގެ ކެމްޕެއިން އިފުތިތާހު ކުރުމަށް އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ ސަރުކާރުން އެ ދާއިރާ އަށް ވައުދުތަކެއް ވެފައިވާ ކަމަށާއި އެ ވައުދުތައް ފުއްދުމަށް އެހެން ޕާޓީތަކުން ޖާގަ ދޭން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑުމެން މިއަދު ކުރަމުން މިގެންދަނީ އެ ވައުދުތައް ފުއްދުމުގެ މަސައްކަތް. މި ދާއިރާއަށް ކުރިމަތިލައްވައިގެން ތިއްބެވި، އެހެން ޕާޓީތަކުގެ ބޭފުޅުންނަށް އަޅުގަނޑު ދަންނަވާނީ މަޑުކޮށްލައްވާށޭ. އިހަށް މަޑުކޮށްލައްވާށޭ،" ރައީސް ވިދާޅުވެފައިވެއެވެ.

ރައީސްގެ އެ ވާހަކަފުޅުތަކަށް ރައްދުދެއްވައި އުޝާމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގާނޫނުއަސާސީގެ 26 ވަނަ މާއްދާއިން ކޮންމެ ރައްޔިތަކަށް ވެސް އިންތިހާބުތަކަށް ކުރިމަތިލުމުގެ ހައްގު ކަށަވަރު ކޮށްދީފައިވާއިރު ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ބަސްމަގު އެ ގޮތަށް ހުރުމަކީ ލަދުވެތި ކަމެއް ކަމަށެވެ.

"އިންތިހާބުތަކަށް ކުރިމަތިލުމަކީ ގާނޫނޫއަސާސީގެ 26ވަނަ މާއްދާއިން ކޮންމެ ރައްޔިތަކަށްވެސް ލިބިދީފައިވާ އަސާސީހައްގެއް. މިއާހިލާފަށް ދައުލަތުގެ އެންމެ މަތީވެރިޔާގެ ބަސްމަގު ހުރުމަކީ ލަދުވެތިކަމެއް. އެންމެ ޑިމޮކްރެޓިކް ކަމަށް ވަކާލާތުކުރައްވާ ބޭފުޅުންގެ ފަރާތުންވެސް މިފެންނަނީ ހުދުމުހުތާރުކަން،" އުޝާމް ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ އެމްޑީޕީގެ ކެމްޕެއިން ޖަލްސާގައި ރައީސް އިތުރަށް ވިދާޅުވެފައިވަނީ ވޯޓު ދޭން ވަނީ ބަޣާވާތް ކުރާ މީހުންނާއި މަނީ ލޯންޑަރިން އަދި ޑްރަގް ވިޔަފާރި ކުރާ މީހުންނާ ދެކޮޅަށް ކަމަށެވެ.

ރައީސްގެ އެ ވާހަކަފުޅަށް ވެސް އުޝާމް ވަނީ ރައްދު ދެއްވައިފައެވެ. އުޝާމް ވިދާޅުވެފައިވަނީ އެމްޑީޕީން ވެރިކަން ހޯދުން އުޅުނުއިރު ބަގާވާތާއި މަނީ ލޯންޑަރިންނާއި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ވެސް "އޯކޭ" ކަމަށެވެ. އަދި ވިދާޅުވެފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ އެންމެ ގިނައިން ލިބުނު މީހުން ތިބީ ސަރުކާރުގައި ކަމަށެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްއެންޕީގެ ފަރާތުން ވާދަކުރަނީ އަބްދުލް ހަންނާނު އިދްރީސްއެވެ. ޕީޕީއެމްގެ ފަރާތުން ވާދަކުރަނީ މޫސާ ފަތުހީއެވެ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަނީ، އެ ދާއިރާގެ މެންބަރު ހުސައިން ވަހީދު ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަނިކޮށް އަވަހާރަވުމާ ގުޅިގެންނެވެ. އެ ދާއިރާގެ އިންތިހާބު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހުއެވެ.