ސްޕެނިޝް ލީގުގައި ރޭ ގްރަނާޑާ އާއި ބާސެލޯނާ ކުޅުނު މެޗު 1-1 އިން އެއްވަރު ވެގެން ނިމުނު އިރު، ތާވަލުގެ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑުން 4-1ގެ ނަތީޖާއަކުން ވެލެންސިއާ ބަލިކޮށްފިއެވެ.
ރޭގެ މޮޅާ އެކު ރެއާލް އެއް ވަނައިގައި އޮތީ ދެ ވަނައިގައި އޮތް ސެވިއްޔާ އަށްވުރެ ދެ މެޗު އިތުރަށް ކުޅެގެން އަށް ޕޮއިންޓުގެ ލީޑަކާ އެކުގައެވެ. ރެއާލަށް 21 މެޗުން 49 ޕޮއިންޓް ލިބިފައިވާ އިރު، ސެވިއްޔާއަށް 19 މެޗުން ވަނީ 41 ޕޮއިންޓް ލިބިފައެވެ. ތިން ވަނައިގައި އޮތް ރެއާލް ބެޓިސް އަށް 19 މެޗުން 33 ޕޮއިންޓް ލިބިފައިވާ އިރު، ހަތަރު ވަނައިގައި އޮތް ރެއާލް ސޮސިއެޑާޑް ރޭ ވަނީ ސެލްޓަ ވިގޯ 1-0 އިން ބަލިކޮށް 20 މެޗުން 33 ޕޮއިންޓް ހޯދައިފައެވެ.
އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑް ފަސް ވަނައިގައި އޮތީ 19 މެޗުން 32 ޕޮއިންޓާ އެކުއެވެ. ހަ ވަނައިގައި ބާސެލޯނާ އޮތީ 20 މެޗުން 32 ޕޮއިންޓާ އެކުއެވެ.
ބާސާއިން ރޭ ގްރަނާޑާއާ ދެކޮޅަށް ކުޅުނު މެޗުގައި އެޓީމުގެ ލެޖެންޑަރީ ޑިފެންޑަރު ޑެނީ އަލްވޭސް ފެނިގެން ގޮސްފައިވެއެވެ. އެ މެޗަކީ 2016 ވަނަ އަހަރަށްފަހު ލަލީގާގައި އަލްވޭސް ކުޅުނު ފުރަތަމަ މެޗެވެ. އަލްވޭސްގެ ޓްރާންސްފާ ޖެނުއަރީގެ ދެ މަސްކުރިން ބާސާއިން ނިންމި ނަމަވެސް ފައިސާގެ ހާލަތު ހުރި ގޮތުން އޭނާ ރަޖިސްޓްރީ ކުރެވުނީ މި މަހުއެވެ.
ގްރެނާޑާ ދަނޑުގައި ރޭ ކުޅުނު މެޗުގައި ބާސާއިން ލީޑު ނެގީ މެޗުގެ 56 ވަނަ މިނެޓުގައެވެ. އަރިމަތިން އަލްވޭސް ނަގައިދިން ހުރަސް ގޯލަށް ވައްދާލީ ލޫކް ޑިޔޯން ބޮލުން ޖަހައެވެ.
ބާސެލޯނާއިން މުހިންމު ތިން ޕޮއިންޓަކަށް ކުރަމުން ދިޔަ މަސައްކަތަށް ހުރަސް އެޅުނީ މެޗުގެ 79 ވަނަ މިނެޓުގައި ޒުވާން މިޑްފީލްޑަރު ގަވީއަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކުމުންނެވެ. ބާސެލޯނާގެ ކުޅުންތެރިއަކު މަދުވިތާ 10 މިނެޓު ފަހުން، މެޗުގެ ފަހު މިނެޓުގައި ގްރަނާޑާގެ އެންޓޯނިއޯ ޕުއެޓާސް ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
ރޭ ރެއާލްއިން އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އެޓީމުގެ ގޯލުތައް ޖަހައިދިނީ ކަރިމް ބެންޒެމާއާއި ވިނީޝިއަސް ޖޫނިއާއެވެ. ބެންޒެމާ މެޗުގައި ޖެހި ފުރަތަމަ ގޯލަކީ ޕެނަލްޓީއެކެވެ. އޭގެ ފަހުން ދެވަނަ ހާފުގެ ކުރީކޮޅުގައި ފޯމުގައި ހުރި ވިނީޝިއަސްގެ ދެ ގޯލު ފެނިގެން ގޮސްފައިވާ އިރު، ބެންޒެމާގެ ދެވަނަ ގޯލަކީ ވެލެންސިއާގެ ގޮންކާލޯ ގުއިޑެސްގެ ގޯލަށް ފަހު ފެނުނު ގޯލެކެވެ. ވެލެންސިއާގެ ގުއިޑެސް ޖެހި ގޯލަކީ ޕެނަލްޓީއެއްގެ އެހީގައި ޖެހި ގޯލެކެވެ.
ރޭގެ މެޗުގައި ބެންޒެމާ ޖެހި ދެވަނަ ގޯލާއެކު އޭނާ ވަނީ ރެއާލް ޖާޒީގައި 300 ގޯލު ހަމަކޮށްފައެވެ.