ޕްރެޒިޑެންޓްސް ކަޕްގެ ލީގު ބުރުގައި ސުޕަ ޔުނައިޓެޑް (ސަސް) އާ ދެކޮޅަށް ކުޅުނު މެޗުންވެސް މޮޅުވެ، ވެލެންސިއާއިން ފައިނަލާ ގާތަށް ޖެހިލައިފިއެވެ.

މިއަދު ހަވީރު ގައުމީ ދަނޑުގައި ކުޅުނު މެޗުގައި ވެލެންސިއާއިން ސަސް ބަލިކުރީ 4-1 ގެ ނަތީޖާއަކުންނެވެ. އަމިއްލަ ބާރުގައި ފައިނަލުގެ ޖާގަ ހޯދަން ވެލެންސިއާ އަށް ދެން ބޭނުން ވަނީ ޕޮއިންޓެކެވެ. އެ ޓީމަށް ލީގު ބުރުގައި ބާކީ ދެން އޮތީ ދެމެޗެވެ. އެއީ މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗާއި ކްލަބު އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގެ ޖާގަ ލިބެނީ އަށް ޓީމު ކުޅޭ ލީގު ބުރުގެ އެއްވަނަ އަދި ދެވަނަ ޓީމަށެވެ. ރ. އަލިފުށީގައި ބާއްވަން ނިންމާފައިވާ ފައިނަލަށް ވެލެންސިއާއިން ފުރުސަތު ފަހިކޮށްފައިވާ އިރު، އެޓީމު އެއްވަނައިގައި އޮތީ މިހާތަނަށް ކުޅުނު ފަސް މެޗުވެސް ކާމިޔާބުކޮށް 15 ޕޮއިންޓާ އެކުގައެވެ. މިހާތަނަށް ހަތަރު މެޗު ކުޅެ، މާޒިޔާއިން 12 ޕޮއިންޓާ އެކު ދެ ވަނައިގައި އޮތް އިރު، ދެން ފައިނަލްގެ ފުރުސަތު އެންމެ ތަނަވަސްކޮށް އޮތް ގްރީން ސްޓްރީޓްސް އަށް ހަތަރު މެޗުން ލިބެނީ ނުވަ ޕޮއިންޓެވެ.

މެޗުގައި ފުރަތަމަ ލީޑު ނަގަން އެންމެ ހުސް ފުރުސަތެއް ލިބުނީ ސަސް އަށެވެ. މެޗުގެ 19 ވަނަ މިނެޓްގައި ސަސް އަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް އައިހަމް އަހުމަދު ފޮނުވާލި ޕެނަލްޓީ ވެލެންސިއާގެ ކީޕަރު މުހައްމަދު ފައިސަލް ވަނީ މަތަކޮށްފައެވެ.

އެހިސާބުން މެޗަށް އަނބުރާ ވަދެ ވެލެންސިއާއިން ޑޮމިނޭޓް ކުރި އިރު، މެޗުގެ ތަރިއަކަށްވީ ރަނގަޅު ފޯމެއްގައި ހުރި އަލީ ފާސިރު (ސެންޓޭ) އެވެ. ހާފުގެ ކުރީ ކޮޅުގައިވެސް ސެންޓޭގެ ނުރައްކާތެރި ހަމަލާއެއް ފެނުނު އިރު، ފުރަތަމަ ހާފުގައި އޭރިއާތެރެއިން ސެންޓޭ ޖެހި ޝޮޓެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ.

ހަމަލާތައް ގިނަކޮށް ފުރަތަމަ ހާފު ނިމިގެން ދިޔަ އިރު، ވެލެންސިއާ އިން ވަނީ ދެވަނަ ހާފުގެ ކުރީކޮޅުގައި ލީޑު ނަގައިފައެވެ. މެޗުގެ 51 ވަނަ މިނިޓްގައި ވެލެންސިއާ ލީޑު ނެގީ ބޯހާސް މާޓިންގެ ގޯލުންނެވެ. ސެންޓޭގެ މަސައްކަތުން ބޯޅަ ހޯދައި މިދުހަތު ފަހުމީ (ބިޗަޑު) އަށް ޖައްސާލި ބޯޅަ އޭނާ ބޯހާސްއަށް ޖައްސާލުމުން، ބޯހަސް ބޯޅަ ގޯލަށް ވައްދާލީ ފަސޭހަ ކޮށެވެ.

ވެލެންސިއާ އަށް ލީޑު ހިފަހައްޓައިލެވުނީ އަށް މިނިޓް ވަންދެނެވެ. ސަސް އަށް މެޗުގައި ލިބުނު ދެވަނަ ޕެނަލްޓީގައި މުހައްމަދު ހަނީފް (ބެންޖޯ) ވަނީ ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

ދެ ވަނަ ފަހަރަށް ވެލެންސިއާ އިން ލީޑުނެގީ މެޗުގެ 65 ވަނަ މިނިޓްގައި އަސްހަދު އަލީ (އަޑޭ) ޖެހި ގޯލުންނެވެ. މެޗުގެ 90 ވަނަ މިނިޓްގައި ވެލެންސިއާގެ ތިން ވަނަ ގޯލު ޖެހީ ދެވަނަ ހާފުގައި މެޗަށް ނުކުތް އިސްމާއިލް އީސަ (މެސީ) އެވެ. އީސައަށް ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިން ހުސެއިން ހަނާން ވެސް ކުޅެން އެރީ ބަދަލެއްގެ ގޮތުގައެވެ. އިތުރު ވަގުތުގެ ފަހު ސިކުންތު ކޮޅުގެ ތެރޭގައި ވެލެންސިއާގެ ހަތަރު ވަނަ ގޯލު ޖެހީ ސެންޓޭއެވެ. އެ ގޯލު ޖަހަންވެސް އެސިސްޓް ކޮށްދިނީ ހަނާނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ ސެންޓޭ އަށެވެ.