ބޮޑުތަފަތަކުން ކޮމަންޑޫގެ މަޖިލިސް ގޮނޑި ކާމިޔާބުކުރައްވާނެ ކަމަށް ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ރާޝިދު (ރާޑޯ) ވިދާޅުވެއްޖެއެވެ.
ރާޝިދުގެ ކެމްޕެއިން އިފްތިތާހުކުރުމަށް ކޮމަންޑޫގައި ރޭ ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ، ކޮމަންޑޫ ދާއިރާއަށް އެމްޑީޕީން ކުރިމަތިލަނީ، މަރްހޫމް ހުސައިން ވަހީދުގެ ތަސައްވަރު ދިރިވުމަށް ކަމަށާއި ހުސައިންގެ ވައުދުތައް ފުއްދައިދިނުމަށް ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ކޮމަންޑޫ ދާއިރާއަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާކަން ފާހަގަކުރައްވައި ރާޝިދު ވިދާޅުވީ، އެމްޑީޕީއަކީ ކޮމަންޑޫ ރައްޔިތުންނަށް ތަރައްގީ ގެންނާނެ ޕާޓީ ކަމަށާއި އަސާސީ ހިދުމަތްތައް ގާއިމުކޮށްދޭނީ އެމްޑީޕީން ކަމަށެވެ
"އިރާދަކުރެއްވިއްޔާ ކޮމަންޑޫ ދާއިރާގެ ގޮނޑި އަޅުގަނޑުމެން ކާމިޔާބު ކުރާނީ ބޮޑު ތަފާތަކުން. އަދި އަޅުގަނޑު ދެމިހުންނާނީ ހުސެންގެ ތަސައްވަރު ދިރުވުމަށް." ރާޝިދު ވިދާޅުވިއެވެ.
ރާޝިދު ވިދާޅުވީ، އޭނާއަކީ ކޮމަންޑޫއަށް އުފަން ދަރިއަކަށް ނުވި ނަމަވެސް ޒުވާން ދުވަސްވަރު އޭނާއަށް ކޮމަންޑޫ ރައްޔިތުންގެ ކިބައިން ލިބުނީ ލޯތްބާއި ހިތްހެޔޮކަން ކަމަށާއި އެކަމުގެ ބަދަލެއްގެ ގޮތުން ކޮމަންޑޫއަށް ހިދުމަތް ކުރުމުގެ ފުރުސަތު އޭނާއަށް ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ރާޝިދު އިތުރަށް ވިދާޅުވީ، އޭނާ މަސައްކަތް ކުރައްވާނީ އިހްލާސްތެރިކަމާއެކު ކަމަށާއި ކޮމަންޑޫ ދާއިރާގެ ލާބައަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ އެ ދާއިރާގެ މެންބަރެއްގެ ގޮތުގައި ހުންނެވި ހުސައިން ވަހީދު މިދިޔަ މަހުގެ 14 ވަނަ ދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެންނެވެ. އެ ދާއިރާގެ ބައި-އިލެކްޝަން ބާއްވަން ތާވަލު ކޮށްފައިވަނީ އަންނަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުއެވެ.