ރާއްޖޭގައި އިންތިހާބެއް ބާއްވާނަމަ އެމްޑީޕީ ފިޔަވައި ވޯޓުދިނުން އައުލާކަން ބޮޑު އެހެން ޕާޓީއެއް އަދިވެސް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ރާޝިދު (ރާޑޯ)ގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް ރޭ ކޮމަންޑޫގައި ބޭއްވި ޖަލްސާއަށް ފޮނުއްވި އޯޑިއޯ މެސެޖުގައި ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީއަށް ރައްޔިތުން ކުރާ އިތުބާރު ބޮޑު ކަމަށާއި އޭގެ އެންމެ ބޮޑު ހެއްކަކީ މަޖިލީހުގެ 65 ގޮނޑި އެމްޑީޕީއަށް ދީ ސަރުކާރު ހިންގުމުގެ ފުރުސަތު ދިނުން ކަމަށެވެ.
ނަޝީދު ވިދާޅުވީ، ބައިނަލްއަގުވާމީ މުޖުތަމައުން ރާއްޖެ ބިކަ ކުރުމަކީ އެމްޑީޕީގެ އަމާޒެއް ނޫން ކަމަށާއި ރާއްޖެއަކީ ބިކަ ތަނެއްގެ ގޮތުގައި ދުވަހަކުވެސް އެމްޑީޕީން ސިފަ ނުކުރާ ކަމަށެވެ. އަދި އެމްޑީޕީގެ މަގުސަދަކީ ރައްޔިތުންނަށް ވިޔަފާރި ކުރެވޭނެ މަގު ފަހިކޮށްދިނުން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީއަކީ ޖަޒީރާ ދިިރިއުޅުމަކަށް ލޯބިކުރާ، ލާމަރުކަޒީ ސިޔާސަތު ގެންގުޅޭ ޕާޓީއެއްކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، ރާއްޖެ ތަރައްގީކުރުމަށް އެމްޑީޕީއަކީ މުހިންމު ވަސީލަތެއް ކަމަށެވެ.
"އެމްޑީޕީ ނޫނީ ވޯޓު ދިނުން އައުލާކަން ބޮޑު ޕާޓީއެއް އަދިވެސް ނެތް. އެކަން ކަށަވަރު ކޮށްދޭންވީ އަނެއްކާވެސް ކޮމަންޑޫ ދާއިރާގެ ރައްޔިތުން،" ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ހުރިހާ ސިޔާސަތެއްވެސް ހުންނާނީ ރައްޔިތުންނަށް މަންފާވާ ގޮތަށް ކަމަށާއި ރާއްޖޭގައި ގިނަ އަހަރުތަކަކު އެމްޑީޕީން ވެރިކަން ކުރަމުން ދިއުމަކީ ރައްޔިތުންނަށް އެންމެ ފައިދާ ވާނެ ގޮތް ކަމަށެވެ.
ނަޝީދު އިތުރަށް ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަކީ އެމްޑީޕީން ބޭނުންވެގެން ކުރިމަތިލާން ޖެހުނު އިންތިހާބެއް ނޫން ކަމަށާއި އެ އިންތިހާބުގައި އެ ޕާޓީން ވާދަކުރަނީ، ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެން ހުސައިން ކުރެއްވި މަސައްކަތް ކުރެއްވުމަށާއި އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ކަމަށެވެ.
ޚަބަރު
ޚަބަރު