ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް، އަބްދުލް ހަންނާނު އިދްރީސް ހޮވައިދީފިނަމަ، ރައްޔިތުންގެ މަޖިލީހުގައި ކޮމަންޑޫ ދާއިރާގެ އަޑު މެދުނުކެނޑި އިއްވައިދެއްވާނެ ކަމަށް އެމްއެންޕީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ހަންނާނުގެ ކެމްޕޭން ފެށުމުގެ ގޮތުން ށ. ކޮމަންޑޫގައި މިރޭ ބޭއްވި ޖަލްސާގައި ނާޒިމް ވިދާޅުވީ ހަންނާނަކީ ތައުލީމީ ދާއިރާގައި 32 އަހަރު ހިދުމަތްކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ. އަދި ހަންނާނަކީ ފަސްބައިގައި ކިލަނބުކަމެއް ނެތް އިހުލާސްތެރި ބޭފުޅެއް ކަމަށާއި ރައްޔިތުންގެ މަޖިލީހަށް ބޭނުން ވަނީ ހަންނާނު ފަދަ ބޭފުޅުން ކަމަށެވެ.

ނާޒިމް ވިދާޅުވީ ޕާޓީގެ ފިކުރަށް ނުބަލައި އެންމެ ރަނގަޅު ކެންޑިޑޭޓަކު ހޮވަން ޖެހޭ ކަމަށާއި އެ ކެންޑިޑޭޓަކީ ހަންނާނު ކަމަށެވެ.

"އަބްދުލް ހަންނާނު ހޮވައިދެއްވައިފިނަމަ ތިބޭފުޅުން ތިއެދޭ ކަންކަން ތިބޭފުޅުންގެ އަޑު މެދުކެނޑުމެއްނެތި މަޖިލީހުގައި އިއްވާނަން. އިރާދަކުރެއްވިއްޔާ އޭރަށް އަޅުގަނޑުމެންނާއެކު ހަތަރު މެންބަރުން ވާނެ، އޭރަށް ތިބޭފުޅުންގެ އަޑު މަޖިލީހުގެ މެދުނުކެނޑި އިވޭނެ" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އެމްއެންޕީ ވުޖޫދުވެގެން އައީ ފުދުންތެރިކަން ރައްޔިތުންނަށް ހޯދައިދިނުމަށް ކަމަށާއި އެ މަސައްކަތް އެމްއެންޕީން ކުރާނެ ކަމަށެވެ.

ނާޒިމް އިތުރަށް ވިދާޅުވީ އެމްއެމްޕީއަށް ވޯޓު ދީ ހަންނާނު ހޮވައިދީފިނަމަ އެދާއިރާގެ ކުރީގެ މެމްބަރު މަހްރޫމް ހުސައިން ވަހީދު ވެފައިވާ ވައުދުތައް އެޕާޓީން ފުއްދައިދޭނެ ކަމަށާއި ހާއްސަކޮށް ޒުވާނުންނަށް ވެފައިވާ ވައުދުތައް ފުއްދައިދޭނެ ކަމަށެވެ.