ހުރިހާ ރަށެއްގައި މާސްކު އަޅަން މަޖުބޫރުކޮށްފައިވާތީ، މާސްކު އަޅަމުންދާކަން ކަށަވަރު ކުރަން ފުލުހުން ނުކުމެއްޖެއެވެ.
ފުލުހުން އެކަން ތަންފީޒު ކުރަން ފަށާފައި މިވަނީ ކޮވިޑާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށް، މާސްކު ނާޅާ މީހުންނަށް ފިޔަވަޅު އަޅަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ފުލުހުންނަށް، ރައީސް އޮފީހުން އެންގުމާ ގުޅިގެންނެވެ.
ފުލުހުން މިރޭ ބުނީ ކޮވިޑްގައި ފައްސިވާ އަދަދު މަތިވަމުންދާތީ ރާއްޖޭގެ ހުރިހާ ރަށެއްގައި މާސްކު އެޅުން މިހާރު މަޖުބޫރު ކޮށްފައިވާ ކަމަށެވެ. އަދި އެކަން ތަންފީޒުކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާނެ ކަމަށްވެސް ބުންޏެވެ.
ރައީސް އޮފީހުގެ ފޮރިން ރިލޭޝަން ސެކްރެޓަރީ އިބްރާހީމް ހޫދު މިއަދު "ވަން" އަށް ވިދާޅުވީ ހުރިހާ ރަށެއްގައި މާސްކު އެޅުން މަޖުބޫރުކޮށް، މާސްކު އަޅަމުންދާކަން ކަށަވަރު ކުރަން ފުލުހުންނަށް އަންގާފައިވާ ކަމަށެވެ. އަދި މާސްކް ނާޅާ މީހުންނަށް ފިޔަވަޅު އަޅަން އަންގާފައި ވާނެ ކަމަށްވެސް ހޫދު ވިދާޅުވިއެވެ.
މާލޭ ސަރަހައްދުގައި ދުވާލަކު 3000 މީހުންނަށް ބޫސްޓާ ޑޯޒު ދިނުމުގެ ގޮތުން ނޫސަންދަ ކުލިނިކުން ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ބޫސްޓާ ޑޯޒު ޖެހޭނެ އިންތިޒާމު ހަމަޖެއްސުމަށް ވެސް ރައީސް އޮފީހުން ވަނީ ނިންމައިފައެވެ. ކުރިން ހަމައެކަނި ބޫސްޓާ ޑޯޒު ޖަހަފާއިވަނީ އެޗްޕީއޭއިން ކަނޑައަޅާފައިވާ ކެޓަގަރީތަކުގެ މީހުންނެވެ. އެ ކެޓަގަރީގައި ފުލުހުންނާއި ފުލުހުންގެ އާއިލާ ނުހިމެނެއެވެ.
ހޫދު އިތުރަށް ވިދާޅުވީ ޕޮލިސް ލެބޯޓަރީން ކޮވިޑު ޓެސްޓު ހަދަން ވެސް މިހާރު އަންގާފައިވާ ކަމަށެވެ.
މިދިޔަ އަންގާރަ ދުވަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ކޮވިޑު ކޭސްތައް އިތުރުވެދާނެކަމުގެ އިންޒާރު ވެސް ދެއްވައިފައެވެ. އެގޮތުން ކުރިއަށް އޮތް ތިން ހަފުތާ ތެރޭގައި ރާއްޖޭގެ ކޮވިޑް ކޭސްތައް އިތުރުވެދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރާއްޖޭން އޮމިކްރޯން ވޭރިއަންޓް ފުރަތަމަ ފެނިފައި ވަނީ މިދިޔަ ޑިސެމްބަރު ފަސް ވަނަ ދުވަހުއެވެ. އެއީ ދެކުނު އެފްރިކާއިން ރާއްޖެ އައި ފަތުރުވެރިއްގެ ގައިންނެވެ. އެފަހުން ވަނީ އޮމިކްރޯންގެ އިތުރު ހަތަރު ކޭސްއެއް ފެނިފައެވެ. ފަހުން ފެނުނު ހަތަރު ކޭހަކީ، ފުރަތަމަ ފެނުނު ކޭސްތަކާ ގުޅުން ހުރި ކޭސްތަކެއް ނޫން ކަމަށް މީގެ ކުރިން އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ކޮވިޑް ކޭސްތައް އަނެއްކާވެސް އިތުރުވަމުންދާއިރު، އެޗްޕީއޭއިން އަންގައިގެން އެޗްޑީސީން ވަނީ ހުޅުމާލޭގައި ހަފުލާތަކާއި ހަރަކާތްތައް ބޭއްވުމަށް ދޫކުރަމުންދިޔަ ހުއްދަތައް މަޑުޖައްސާލައިފައެވެ. އަދި މާލޭގައި ބާއްވަމުން ދިޔަ ނައިޓްމާކެޓު ވެސް އެޗްޕީއޭއިން ވަނީ ހުއްޓުވައިފިއެވެ.
މިފަހަކަށް އައިސް ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުން ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. އެގޮތުން މިއަދު ވެސް ވަނީ 300 އަށްވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައެވެ. އަދި މާލެ ސަރަހައްދުން އިއްޔެ އާއި މިއަދުވެސް ވަނީ 100 އަށްވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައެވެ.
ޚަބަރު
ޚަބަރު