ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ސަރުކާރު ވައްޓާލާނެކަމަށް ބުނެ އިންޒާރު ދީފައިވާ ލިޔުންތަކެއް 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހުގެ ރޭ ދަންވަރު، މާލޭގައި ހުރި ފުލުހުންގެ ބައެއް އިމާރާތްތަކަށް އެޅިކަމުގެ ތުހުމަތުގައި ފުލުހުންގެ ޕޮލިސް ކޯޕްރަލްގެ މަގާމުގައި ހުއްޓާ ވަޒީފާއިން ވަކިކުރި މައްސަލައިގައި މ.ތިރިންގަލި މުހައްމަދު ވިސާލް އަށް ދޭން ފުލުހުންގެ މައްޗަށް ސިވިލްކޯޓުން އަމުރުކުރި ފައިސާ އެއްވެސް ފަރާތަކަށް ދޫ ނުކޮށް ބެހެއްޓުމަށް ހައިކޯޓުން އަމުރު ކޮށްފިއެވެ.
އެ ލިޔުންތައް އެޅި މައްސަލައިގައި ތުހުމަތު ކުރެވިގެން 22 ނޮވެމްބަރު 2016 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރުމަށްފަހު، 23 ނޮވެމްބަރު 2016 ގައި ވަޒީފާއިން ސަސްޕެންޑްކޮށް، އެދުވަހުން ފެށިގެން މުސާރަ އާއި އިނާޔަތްތއް ހިފަހައްޓައި ތިނެއް ޖެނުއަރީ 2017 ގައި އޭނާ ވަޒީފާއިން ވަކިކުރިއެވެ.
އެ މައްސަލައިގައި ވަޒީފާ އަނބުރާ އިއާދަކޮށްދިނުމަށާއި، މުސާރަ އާއި އިނާޔަތްތައް ލިބިދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ވިސާލްގެ ފަރާތުން ސިވިލްކޯޓަށް މައްސަލަ ހުށަހެޅިއެވެ. އެ މައްސަލައިިގައި ކޯޓުގައި ވިސާލް ބުނެފައި ވަނީ، އެ ލިޔުންތަކަކީ މިހާރު ޕޮލިސް ކޮމިޝަނަރުކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ހަމީދު (އެމްސީ ހަމީދު) ދިން ސިޓީއެއްގައި ހުރި ލިޔުންތަކެއް ކަމަށެވެ.
މައްސަލަ ބެލުމަށްފަހު ސިވިލްކޯޓުން ކުރި ހުކުމްގައި ވަނީ އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ އިޖުރާއީ އަދުލުވެރިކަން ފުރިހަމައަށް ގާއިމު ކުރުމެއްނެތި ކަމުގައި ވިޔަސް، ވަކިކޮށްފައިވަނީ މައުލޫއީ އަދުލުވެރިކަން ގާއިމުކޮށް އެކަށީގެންވާ ސަބަބުތަކެއް އޮވެގެން ކަން ސާބިތު ވާތީ ވަޒީފާ އަނބުރާ އިއާދަކުރަން ޖެހޭ ތަނެއް ނެތް ކަމަށެވެ. އަދި އިޖުރާއީ އަދުލުވެރިކަން ފުރިހަމައަށް ގާއިމު ކުރުމެއްނެތި އޭނާ ވަޒީފާއިން ވަކިކުރުމުގެ ސަބަބުން އަދުލުވެރި ބަދަލެއްގެ ގޮތުގައި ހަ މަސްދުވަހުގެ މުސާރަ އާއި އިނާޔަތަށް ވާ ޖުމުލަ 91،350 ރުފިޔާ ވިސާލް އަށް ދޭން ޖެހޭނެ ކަމަށް ކަނޑައަޅައި މި ފައިސާ ވިސާލް އަށް ލިބިދިނުމުގެ ގޮތުން 19 މެއި 2021 އިން ފެށިގެން އެއްމަސްދުވަހުގެ ތެރޭގައި ސިވިލްކޯޓަށް ފައިސާ ދައްކައި ހަލާސް ކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ މައްޗަށާއި ދިވެހި ދައުލަތުގެ މައްޗަށް އަންގައި ހުކުމްކުރާ ކަމަށްވެސް އެ ހުކުމްގައި ވެއެވެ.
މި މައްސަލަ ފުލުހުންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށް، އެ ހުކުމް ތަންފީޒު ކުރުން ފަސްކޮށްދިނުމުގެ އަމުރަކަށް ފުލުހުން ވަނީ ކޯޓުގައި އެދިފައެވެ. އެކަމާގުޅިގެން މިދިޔަ އަންގާރަ ދުވަހު ހައިކޯޓުން ބުނެފައި ވަނީ ފުލުންގެ ފަރާތުން އެދިފައިވާ ގޮތަށް ހުކުމް ތަންފީޒު ކުރުން ފަސްކޮށްދެވެން ނެތްކަމަށެވެ. އަދި ސިވިލްކޯޓުގެ ހުކުމުގެ ދަށުން ފުލުހުންގެ ފަރާތުން ދައްކަން ޖެހޭ ފައިސާ ހުކުމާ އެއްގޮތަށް ސިވިލްކޯޓަށް ދައްކަމުން ގެންދިއުމަށާއި، އެފައިސާއާމެދު ވަކިގޮތަކަށް އަމަލުކުރަން ހައިކޯޓުން އަންގަންދެން ނުވަތަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައިގައި ހުކުމް ކުރަންދެން އެ ފައިސާ އެއްވެސް ފަރާތަކަށް ދޫނުކޮށް ސިވިލްކޯޓުގައި ބެހެއްޓުމަށް ވެސް ހައިކޯޓުން ވަނީ އަމުރު ކޮށްފައެވެ.
ހައިކޯޓު
ހައިކޯޓު
ހައިކޯޓު