މާލެ، ވިލިމާލެ، ހުޅުމާލެ ހިމެނޭ ގޮތަށް މާލޭ ސަރަހައްދުގެ އެކި ހިސާބުތަކުގައި ބެޓްރީ ވެހިކަލްތައް ޗާޖު ކުރާނެ ސްޓޭޝަންތަކެއް ބަހައްޓަން މާލޭ ސިޓީކައުންސިލުން ނިންމައިފިއެވެ.
މިއަދު ބޭއްވި މާލޭ ސިޓީކައުންސިލްގެ ބައްދަލުވުމުގައި އެގޮތަށް ނިންމީ، އަމިއްލަ ކުންފުންޏެއް ކަމަށްވާ ދަ ގޯލްޑަންލޭކުގެ ފަރާތުން މާލެ ސަރަހައްދުގައި ބެޓްރީ ކާރުތައް ޗާޖު ކުރާނެ ސްޓޭޝަންތަކެއް ހެދުމަށް ހުށަހެޅުމުން އެކަމާމެދު ބަހުސް ކުރުމަށްފަހުގައެވެ.
އެ ހުށަހެޅުމަށް މަޝްވަރާކުރުމަށް ފުރުސަތު ހުޅުވައިލެއްވުމުން ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ އެފަދަ ތަންތަން ހެދުމަށް ވަކި ފަރާތަކަށް ބިން ދޫކުރުމަކީ އެންމެ ރަނގަޅު ގޮތުން ނޫން ކަމަށެވެ. އޭގެ ބަދަލުގައި މާލޭ ސިޓީކައުންސިލަށް އަދި މާލޭގެ ރައްޔިތުންނަށް އެފަދަ ސްޓޭޝަންތަކެއް ގާއިމު ކުރުން މުހިއްމު ކަމަށް ވިދާޅުވިއެވެ.
އެގޮތުން މާލޭ ސިޓީކައުންސިލަށް އާމްދަނީ ލިބޭ ގޮތަށް އެކައުންސިލުން ރެގިއުލޭޓް ކޮށް، ކައުންސިލްގެ ބެލުމުގެ ދަށުން މާލެ، ވިލިމާލެ، ހުޅުމާލެ، ހިމެނޭ ގޮތަށް ކަނޑައަޅާ ވަކި ސަރަހައްދުތަކެއްގައި އެފަދަ ސްޓޭޝަންތަކެއް ގާއިމު ކުރުމަށް ނަރީޝް ހުށަހެޅުއްވިއެވެ. އެ ހުށަހެޅުން ކައުންސިލުން ވަނީ ފާސްކޮށްފައެވެ.
ނަމަވެސް އެ މަސައްކަތް ކުރިއަށްގެންދިއުމަށް ކައުންސިލުން ނިންމީ، އެކައުންސިލްގެ ޓްރާންސްޕޯޓް ކޮމެޓީން ދިރާސާކޮށް، މާލޭ ސަރަހައްދުގައި އެފަދަ ސްޓޭޝަންތައް ގާއިމު ކުރާނެ ތަންތަން ފާހަގަ ކޮށް ޕްލޭނެއް ކައުންސިލަށް ހުށަހެޅުމުން އެ ޕްލޭން ފާސްކޮށްގެންނެވެ.
މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލް