އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރު ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ.
ރައީސް އޮފީހުން ބުނީ، އެ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތި ލުމުގެ ފުރުސަތު އަލުން ހުޅުވާލައްވާފައި މި ވަނީ އެ ކޮމިޝަނުގެ ފަސް މެންބަރުން އިސްތިއުފާ ހުށަހަޅުއްވާފައި ވާތީއެވެ.
މި ފުރުސަތު ހުޅުވާލައްވާފައި ވަނީ މިއަދުން ފެށިގެން މި ޖެނުއަރީ މަހުގެ 17 ވާ ހޯމަ ދުވަހުގެ 12:30 ގެ ނިޔަލަށެވެ.
އޭސީސީގެ މެންބަރު ކަމުގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މި ޖެނުއަރީމަހުގެ 16 އަދި 17 ވަނަ ދުވަހު ހެނދުނު 9:30 އިން މެންދުރު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ. އަދި، އެ އޮފީހުގެ ވެބްސައިޓް presidency.mv އިން ފޯމާއި އިގުރާރު ޑައުންލޯޑް ކުރެއްވޭނެ ކަމަށްވެސް ބުނެފައިވެއެވެ.
އޭސީސީގެ މެންބަރު ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު އަލުން ހުޅުވައިލުމާއެކު، މީގެ ކުރިން ހުސްވި 2021 ވަނަ އަހަރުގެ ޑިސެންބަރު ފަސްވަނަ ދުވަހު އެކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކޮށްފައިވާ އިއުލާން ބާތިލުވީ ކަމަށްވެސް އެ އޮފީހުން ބުނެފައިވެއެވެ.
އެއީ ކޮމިޝަންގެ މެންބަރުކަމުގެ މަގާމުން އަލީ އަޝްރަފު އިސްތިއުފާ ދެއްވުމާގުޅިގެން އޭނާގެ ބަދަލުގައި މެންބަރަކު ހޯދުމަށް ކުރި އިއުލާނެކެވެ.
ނަމަވެސް މިއަދު އިއުލާން ކޮށްފައިމިވަނީ، އޭސީސީގައި އޭރު ތިއްބެވި ފަސް މެންބަރުން ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ވަކި ކުރުމަށް އެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމި ނިންމުމާ ގުޅިގެން އެ ހުރިހާ މެންބަރުން އިސްތިއުފާ ދެއްވުމުގެ ސަބަބުން ކުރި އިއުލާނެކެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން
އެންޓި ކޮރަޕްޝަން ކޮމިޝަން
އެންޓި ކޮރަޕްޝަން ކޮމިޝަން