ގެއްލިގެން ހޯދަމުން އަންނަ "އަލަމާ 5" ދޯނީގެ ދެ ފަޅުވެރިއެއްގެ މައުލޫމާތު ފުލުހުން އާންމުކޮށްފިއެވެ.

ފުލުހުން މިރޭ ބުނީ ދޯނިން ގެއްލިފައިވާ ތިން މީހުންގެ ތެރެއިން ދެ މީހުންނަކީ ކ. ގުރައިދޫ/ ނަލަވާ، އާދަމް ޝަފީޤް (32އ) އާއި ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ އަސަދުލް އިސްމާލް (37އ) ކަމަށެވެ. ގެއްލިފައިވާ ތިންވަނަ މީހާގެ މައުލޫމާތު ހޯދައި ވެރިފައިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ދޯނީގެ ފަޅުވެރިންނާ ބެހޭ މައުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކޮމިއުނިކޭޝަން ސެންޓަރު 3322111 އަށް ނުވަތަ ވ. ފެލިދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792782 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.

ދޯނި އަޑިއަށްދާ ކަމުގެ މައުލޫމާތު ދޯނީގެ ކެޕްޓަން އާދަމް ޝަފީއު އެންމެ ފުރަތަމަ ދިނީ އޭނާއާ އެކު ފާނަ ކިރުމުގެ މަސައްކަތުގައި ހަމަ އެ ކުންފުނީގައި ހަރަކާތްތެރިވާ އެހެން ދޯންޏެއްގެ ކެޕްޓަނެއް ކަމަށްވާ، އަލީ ރަޝީދު އަށެވެ. އަލީ ރަޝީދު ދުއްވާ ދޯނި އެއިރު ދަތުރުކުރަމުން އައީ ރ. އަތޮޅުން މާލެ އަށެވެ.

އަލީ ރަޝީދު "ވަން" އަށް މައުލޫމާތު ދެމުން ބުނެފައިވަނީ އަޑިޔަށް ދިޔަ ދޯނީގައި ސަލާމަތީ ކަންކަން ރަނގަޅަށް ހުންނާނެ ކަމަށާއި ދިޔަ ހިއްކާ ދެ ޕަންޕު ހުންނާނެ ކަމަށެވެ. ދޯނި ދިޔަވެ އަޑިޔަށް ހިނގައްޖެ ނަމަ، ފެންމަތީގައި ތިބުމަށް އެހީތެރިކަން ހޯދޭނެ ވަރަށް ގިނަ ތަކެތި ވެސް ދޯނީގައި ހުންނާނެ ކަމަށެވެ. އޭގެ ތެރޭގައި ފައިބަރު ފޮށި ތަކާއި ބޮޑެތި ހަމާއި 50 އަށްވުރެ ގިނަ ލައިފް ޖެކެޓު ވެސް ހިމެނޭ ކަމަށް އަލީ ރަޝީދު ބުންޏެވެ.

އޭނާ ބުނީ އެމީހުން ދަތުރު ކުރި ދޯނި އައީ ރ. އަތޮޅުން މާލެއަށް ކަމަށާއި އޮތް ހިސާބުގެ ގޮތުން ރަނގަޅަށް ރޭންޖުވެސް ނުލިބޭތީ، ރަށަކާ ގާތް ކޮށްފައި އަލުން "އަލަމާ 5" އާ ގުޅޭތޯ މަސައްކަތް ކުރި ކަމަށެވެ. އެކަމަކު އޭގެ ފަހުން އެއްވެސް މީހަކަށް ނުގުޅޭ ކަމަށެވެ. އެހެން ކަމުން ކޯސްޓްގާޑަށާއި ކުންފުންޏަށް ވަގުތުން އެންގި ކަމަށް ވެސް އަލީ ރަޝީދު ބުންޏެވެ.

އެމްއެންޑީއެފުން މިރޭގެ ވަގުތެއްގައި ބުނެފައިވަނީ ގެއްލިގެން ހޯދަމުން އަންނަ ފަޅުވެރިން ހޯދަން 2,720 ސްކެޔާ ނޯޓިކަލްމޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. ދޯނި އަޑިޔަށްދާ ކަމުގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވަނީ ރޭ 11:22 އެހާކަންހާއިރުއެވެ. އެ ދޯނި ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކޯސްޓުގާޑަށް ވަނީ އެ ދޯނީގައި ހުރިތަކެތި އޮޔާ ދަނިކޮށް ފެނިފައެވެ. ނަމަވެސް ދޯނީގެ ފަޅުވެރިން ނުފެނެއެވެ.