ޚަބަރު

ރާޝިދުގެ ކެމްޕެއިނަށް ރައީސް ކޮމަންޑުއަށް ވަޑައިގަންނަވަނީ

މުހައްމަދު އިޝާން

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕެއިން ލޯންޗުކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ށ. ކޮމަންޑުއަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.

އެމްޑީޕީން އިއްޔެ ބުނީ ރާޝިދުގެ ކެމްޕެއިން ފެށުމަށްޓަކައި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ ހަތް ވަނަ ދުވަހު، ކޮމަންޑޫގެ އެމްޑީޕީ ހަރުގޭގަ ކަމަށެވެ. އަދި އެ ޖަލްސާގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

ބައި އިލެކްޝަންގައި ވާދަކުރާ ރާޝިދުއަކީ ފޯކައިދޫ ކައުންސިލްގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ. ބައި އިލެކްޝަނަށް ކުރިމަތިލުމުގެ ކުރިން ރާޝިދު ހުންނެވީ ށ. ފޯކައިދޫ ކައުންސިލްގެ ސެކެޓްރީ ޖެނެރަލްގެ މަގާމުގައެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ކެންޑިޑޭޓް އަބްދުލް ހަންނާނު އިދުރީހާއި އިދިކޮޅު ޕީޕީއެމްގެ ފަރާތުން ކުރިމަތިލައްވާ ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުސާ ފަތުހީ ވެސް ވާދަކުރައްވައެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ން ވަނީ އަންނަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު އެ ދާއިރާގެ ބައި އިލެކްޝަން ބާވާނެކަމަށް އިއުލާނުކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑީ ހުސްވީ އެ ދާއިރާގެ މެންބަރުކަމުގައި ހުންނެވި އެމްޑީޕީގެ މެންބަރު ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެނެވެ.