ކުޅިވަރު

ލުކާކޫ މައާފަށް އެދި މައްސަލަ ހައްލުކޮށްފި

ސްކައި ސްޕޯޓްސްގެ އިޓަލީ ނޫހަށް ދިން އިންޓަވިއުގެ މައްސަލައިގައި ރޮމެލޫ ލުކާކޫ މައާފަށް އެދިފައިވާ ކަމަށް ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.

ޗެލްސީއަށް މި ސީޒަނަށް ބަދަލުވި ލުކާކޫ މީގެ ތިން ހަފުތާ ކުރިން ސްކައި ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި ޗެލްސީގެ ކޯޗުގެ ސްޓައިލާއި ޗެލްސީގެ ސަޕޯޓަރުންނަށް އަމާޒުކޮށް ގިނަ ވާހަކަތަކެއް ދައްކާފައިވެއެވެ. އިންޓަވިއުގައި ލުކާކޫ އަދިވެސް އިންޓައަށް ލޯބިކުރާ ކަމަށް ބުނެ ވާހަކަތައް ދައްކާފައިވާ އިރު، އިންޓަވިއުގެ މައްސަލައަށް މީޑިއާގެ ސަމާލުކަން ބޮޑުވިއެވެ. އޭގެ ސަބަބުން ޗެލްސީ ކޯޗުގެ ރުޅި ގަދަވެ، އެންމެފަހުން ޗެލްސީން ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުގެ ސްކޮޑުންވެސް ލުކާކޫ ވަނީ ބޭރު ކޮށްފައެވެ.

މައްސަލަ ހައްލު ކުރުމަށް ޓުޗެލް އާއި ލުކާކޫ ވަކިން ބައްދަލު ކޮށްފައިވާ އިރު، މިއަދުގެ ޕްރެސްގައި ޗެލްސީ ކޯޗު ބުނެފައި ވަނީ ލުކާކޫ މައާފަށް އެދުމުން ދެން މެޗެއްގެ ސްކޮޑުން ފެންނާނެ ކަމަށެވެ.

"ލުކާކޫ މައާފަށް އެދުމުން ޗެލްސީގެ ތަމްރީނުތަކަށްވެސް މިހާރު ނުކުމޭ. އަދި ދެން މެޗެއްގެ ސްކޮޑުންވެސް ފެންނާނެ. އެ ދެއްކި ހުރިހާ ވާހަކައަކަށް ބަލައި، އެކަމަށް ސަމާލުކަން ދޭން ވަގުތު ނެގުމަށްފަހު ވާހަކަ ދައްކައި މިހާރު ވަނީ މައްސަލަ ވަރަށް ތަފުސީލުކޮށް ސާފު ކޮށްފައި. ލުކާކޫ އެ ވާހަކަ ދެއްކީ މައްސަލައެއް ފެންމަތި ކުރުމުގެ ނިޔަތަކު ނޫން. ހާއްސަކޮށް ބޮޑު މެޗެއް އޮއްވައި އެފަދަ ވާހަކައެއް ދައްކަން ލުކާކޫވެސް ބޭނުން ނުވާނެ،" ކޯޗު ޓުޗެލް ބުނެފައިވެއެވެ.

ޓުޗެލް ބުނެފައި ވަނީ ލުކާކޫ ދެއްކި ވާހަކަތަކަކީ އެހާ ބޮޑު ވާހަކަތަކެއް ނޫން ނަމަވެސް އެކަން ބޮޑުކުރަން ބަޔަކު މަސައްކަތް ކުރުމުން އެންމެ މުހިއްމު ކަމަކަށްވީ މަޑުމައިތިރިވެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރުން ކަމަށެވެ. މައްސަލަ ހައްލުކުރަން ފަސޭހަވީ ލުކާކޫ އަމިއްލައަށް ޒިންމާ ނަގައިގެން އެކަން ހައްލުކުރަން މަސައްކަތް ކުރުމުން ކަމަށްވެސް ޓުޗެލް ބުންޏެވެ.

ޗެލްސީން މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް، މި ސީޒަނަށް އިތުރަށް ޓީމު ވަރުގަދަކޮށް ނުކުތީ ލީގަށްވެސް ވާދަކުރުމަށެވެ. ސީޒަން ރަނގަޅަށް ފެށި ނަމަވެސް މިހާރު އެޓީމަށް އަނިޔާގެ މައްސަލަތަކެއް ދިމާވެ، ޗެލްސީއަށް ވަނީ ދަތި ހާލަތްތަކާ ކުރިމަތިލާން ޖެހިފައެވެ. ލުކާކޫއަށްވެސް އަނިޔާގެ އިތުރުން ކޮވިޑްގެ ސަބަބުން ސީޒަނުގެ ބައެއް މެޗުތައް ވަނީ ގެއްލިފައެވެ.