ޚަބަރު

މަރުވެފައި އޮއްވައި ފެނުނު ހާޝިމްގެ މަރުގައި މީހެއްގެ އިހުމާލެއް އޮތް ކަމަކަށް ނުބެލެވޭ: ފުލުހުން

މާލޭ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު ހއ. ހޯރަފުށި ޑީންސްވިލާ، ހާޝިމް މުހައްމަދު، 44ގެ މަރުގައި އެއްވެސް މީހެއްގެ އިހުމާލެއް އޮތް ކަމަށް މިހާތަނަށް ފާހަގަކުރެވިފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ހާޝިމް މަރުވެފައި އޮއްވާ ފެނުނީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ 9:30 އެހާކަންހާއިރު އެވެ. އޭނާގެ މަރުގައި ޝައްކުތަކެއް ހުރުމުން އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލަކު "ވަން" އަށް ވިދާޅުވީ، މިހާތަނަށް ބެލި ބެލުމުން އޭނާގެ މަރުގެ މައްސަލައިގައި މީހެއްގެ ޖިނާއީ އަމަލެއް އަދި އިހުމާލެއް ފާހަގަކުރެވިފައެއް ނުވާ ކަމަށެވެ. ނަމަވެސް އެކަން އިތުރަށް ބަލަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުން، ހާޝިމް ފެނުނު އިރުވެސް މަރުވެފައިވާ ކަމަށް ސީންއަށް އެޓެންޑްވި ފުލުހުންގެ ޑޮކްޓަރުން މައުލޫމާތު ދީފައިވާ ކަމަށެވެ.

ނަމަވެސް "ވަން" އަށް އެނގިފައިވާ ގޮތުގައި، ހޮސްޕިޓަލުގެ ބޭރުން މަރުވާ މީހުންގެ މައްސަލަތައް ފުލުހުން އެންމެ ފުރަތަމަ ތަހުގީގު ކުރަނީ އަބަދުވެސް ސަސްޕިޝަސް ޑެތު ނުވަތަ ޝައްކު ކުރެވޭ މަރެއްގެ ގޮތުގައެވެ.