ރާއްޖޭގައި ރިސޯޓު ތަރައްގީކުރަން އެކިއެކި ފަރާތްތަކަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން ނުހެދި ހުރި ރަށްތައް ތިން އަހަރުގެ ތެރޭގައި ނުހެދިއްޖެ ނަމަ، އެގްރީމަންޓް ބާތިލު ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
ވީޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ރޭ ވިދާޅުވީ، ރިސޯޓު ހަދަން ރާއްޖޭގައި ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން 85 ރަށެއް ނުހެދި އެބައޮތް ކަމަށާއި އެރަށްތައް ނުހެދުމަކީ، އެކަމުގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެއް ކަމަށެވެ.
"އަޅުގަނޑުމެން މިހާރު މި ނިންމާފައި އޮތީ އެބޭފުޅުންނަށް ތިން އަހަރު ދިނުމަށް އެކިއެކި ލުއިތަކާއެކު ރިސޯޓު ހަދަން. ދޮޅު އަހަރުން އެންމެ އަވަހަށްވެސް ރިސޯޓެއް މި ތަރައްގީ ކުރެވެނީ. އެހެންވީމާ ދޮޅު އަހަރުވާއިރު މަސައްކަތް ނުފަށައިފިނަމަ، އަޅުގަނޑުމެން އެގްރީމަންޓް ބާތިލު ކުރާނަން" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ޓޫރިޒަމަށް ދޫކުރާ ރަށްތައް ނުހެދި ގިނަ ދުވަސްވުމުން އެކަމުގެ ގެއްލުން މުޅި އިގްތިސޯދަށް ކުރާ ކަމަށާއި އެހެންވެ، އެންމެ ފައިދާ ހުރި ގޮތަކީ އެ ރިސޯޓުތައް އަވަހަށް ހުޅުވޭނެ ގޮތަކަށް ކަންކަން ކުރުން ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މިހާރު ނުހުޅުވި ހުރި ރިސޯޓުތައް ހުޅުވިގެން ދިއުމުން، އެކަމުގެ ނަފާ މުޅި އިގްތިސޯދަށް ކުރާނެ ކަމަށެވެ.