މިދިޔަ ހޮނިހިރު ދުވަހު މާލޭ ފިހާރައަކުން ވައްކަންކޮށް، ވަޅިއަކުން ބިރު ދައްކައި ހަމަނުޖެހުން ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ދެމަފިރިއަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ފިރިހެނަކާއި 31 އަހަރުގެ އަންހެނެކެވެ.
އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފިރިހެން މީހާ ވަނީ ވައްކަންކުރި ކަމަށް އެއްބަސްވެފައެވެ. އަދި ވައްކަންކުރަން އުޅުމުގެ ތެރޭގައި ފިހާރާގައި މަސައްކަތްކުރާ ބިދޭސީއަކަށް ވަޅިން ބިރު ދައްކައި ހަމަނުޖެހުން ހިންގަން ޖެހުނީ އަމިއްލަ ނަފުސުގެ ދިފާއުގައި ކަމަށް ބުނެފައެވެ. އަދި އޭނާ ވަނީ ވައްކަން ކުރެވުނުތީ މާފަށް އެދިފައެވެ.
ފުލުހުން ކޯޓުގައި ބުނެފައިވަނީ ފިރިހެން މީހާ، ބިދޭސީ މީހާއަށް ވަޅިން ބިރު ދެއްކި ވަގުތު، އަންހެން މީހާ އޭނާގެ ފިރިމީހާއަށް އެހީވުމުގެ ގޮތުން ބިދޭސީ މީހާގެ ގަމީހުގައި ހިފައި ދަމައި ހެދި ކަމަށެވެ. އެކަން ދޮގުކޮށް އަންހެން މީހާ ބުނެފައިވަނީ ބިދޭސީ މީހާގެ ގަމީހުގައި ހިފައި ދެމީ، ފިރިމީހާއަށް އަނިޔާކުރުމުން ކަމަށެވެ.
އަންހެން މީހާ އިތުރަށް ބުނެފައިވަނީ އެދެމަފިރިންގެ ހަތް އަހަރުގެ ކުއްޖަކާއި ފަސް މަހުގެ ކުއްޖެއް އޮންނަ ކަމަށެވެ. އެހެންވެ ބަންދުން ދޫކޮށްލުމަށް އެދޭ ކަމަށެވެ.
އެކަމާ ގުޅިގެން މައްސަލަ ބައްލަވާ ގާޒީ ދީބާނާޒް ފަހުމީ ކުރެއްވި ސުވާލަކަށް ޖަވާބު ދެމުން އަންހެން މީހާ ފަހުން ބުނެފައިވަނީ ދަރިން ތިއްބަސް ދަރިން ބަލަމުންނުދާ ކަމަށެވެ.
އެ އަންހެން މީހާ ބުނެފައިވަނީ އޭނާއަކީ މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ އަދި ފަރުވާ ހޯދަމުން އަންނަ މީހެއް ކަމަށްވުމުން ދޮށީ ދަރިފުޅު ބަލަނީ އޭނާގެ މައިންބަފައިން ކަމަށާއި ފަސް މަހުގެ ކުއްޖާ ހުންނަނީ ޖެންޑާ މިނިސްޓްރީން ވަގުތީ ގޮތުން އޭނާގެ ދައްތައާ ހަވާލުކޮށްފައި ކަމަށެވެ. ފަރުވާ ހޯދައި ނިމުމުން ދެ ދަރިން ވެސް އޭނާއާ ހަވާލުކުރާނެ ކަމަށް އަންހެން މީހާ ބުންޏެވެ.
ނަމަވެސް ފުލުހުން ވަނީ އެދެމަފިރިން ބަންދު ދަމަހައްޓަން އެދިފައެވެ. އެއީ އެ ދެމީހުންގެ ވެސް ކުށުގެ ރެކޯޑު އޮތުމުންނެވެ. ފިރިހެން މީހާއަކީ މަސްތުވާތަކެތި ބޭނުން ކުރުމާއި ވައްކަންކުރުން އަދި ހަތިޔާރު ބޭނުން ކޮށްގެން ފޭރުމުގެ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނެފައިވަނީ ފިރިހެން މީހާ 40 ފަހަރު ތަފާތު އެކި ކުށްތަކުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން އެދުނުގޮތަށް ގާޒީ ވަނީ އެ ދެމީހުން ބަންދު ދަމަހައްޓަން ނިންމައި 15 ދުވަސް ޖަހައިފައެވެ. އެއީ އެ ދެމީހުންގެ ފަރާތުން މުޖުތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެތީއެވެ.
ޚަބަރު
ޚަބަރު
ޚަބަރު