އަންހެނުންނަށް އަނިޔާކޮށްގެން ހުށަހަޅާފައިވާ މައްސަލަތަކުގައި ދައުވާ ކުރެވޭ އަދަދު މަދުކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

އެޗްއާރްސީއެމް އިން މިހެން ބުނެފައިވަނީ އެ ކޮމިޝަނުން މިއަދު ނެރުނު މިދިޔަ އަހަރުގެ ރިޕޯޓުގަ އެވެ.

އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި 2015 އިން 2020 އާއި ދެމެދު އަންހެނުންނަށް އަނިޔާކޮށްގެން ފުލުހުން ބެލި މައްސަލަތަކުގެ ތެރެއިން ދައުވާކުރަން ފޮނުވާފައިވަނީ ހަމައެކަނި 14 ޕަސެންޓު މައްސަލަކަމަށް ފުލުހުން އެ ކޮމިޝަނާ ހިއްސާކޮށްފައިވާ މައުލޫމާތުން އެނގެ އެވެ. އަދި 2016 އާއި 2019 އާއި ދެމެދު އަންހެނުންނަށް އަނިޔާ ކޮށްފައިވާ 60 މައްސަލައެއްގެ ދައުވާކޮށްފައި ވާއިރު ކުށް ސާބިތުވެފައިވަނީ 10 މައްސަލައެއްގައި ކަމަށް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން މައުލޫމާތު ލިބިފައިވާ ކަމަށްވެސް އެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

އެޗްއާރްސީއެމުން ބުނީ މިފަދަ މައްސަލަތަކުގައި ދައުވާކުރުމުގައި ދިމާވާ ދަތިތަކުގެ ތެރޭގައި، އާއިލާއިން ނުވަތަ ތުހުމަތުކުރެވޭ ފަރާތުން އަނިޔާ ލިބުނު ފަރާތަށް ނުފޫޒު ފޯރުވައިގެން މައްސަލަ އަނބުރާ ގެންދާކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެން ނަމަވެސް، ވިޓްނެސް ޕްރޮޓެކްޝަން ބިލާއި ހެއްކާބެހޭ ބިލު ފަދަ ގާނޫނުތައް ވުޖޫދަށް އައުމުން މިފަދަ މައްސަލަތަކުގައި ދައުވާކުރާއިރު އަނިޔާ ލިބޭ ފަރާތްތަކަށް އިންސާފު ހޯދުމަށް ފަސޭހަވެގެން ދާނެކަން އެ ކޮމިޝަނުން ވަނީ ފާހަގަ ކުރައްވާފަ އެވެ.

ކޮވިޑް-19 އާއި ގުޅިގެން އައި ފުރަބަންދުގެ މުއްދަތަށް ފަހު ވަކި ޖިންސަކަށް ވީތީ އަނިޔާކޮށްގެން ނުވަތަ ގެވެށި އަނިޔާކޮށްގެން ހުށަހެޅުނު މައްސަލަތައް އިތުރުވެފައިވާ ކަމަށްވެސް އެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ. އެގޮތުން އަންހެނަކު ގެއިން ބޭރަށް ނުދެވޭ ގޮތަށް ގޭގައި ބަންދުކޮށްފައިވާ ކަމަށްބުނެ ހުށަހެޅުނު މައްސަލައަކާ ގުޅިގެން ހިންގުނު ތަހުގީގުގައި އެ ކޮމިޝަނަށް ފާހަގަކުރެވިފައިވާ ގޮތުގައި، އަންހެން މީހާއަށް ނަފްސާނީ ގޮތުން އެހީތެރިކަން ބޭނުންވާއިރު އެފަދަ އެހީތެރިކަމެއް ލިބިފައި ނުވާކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ. އަދި އެ އަންހެން މީހާ އަކީ މުޖުތަމައުން އެކަހެރިވެ މުޖުތަމައުގެ އާއްމުންނާއެކު އުޅޭ މީހެއް ނޫންކަން އޭނާގެ ވާހަކަތަކާއި އަދި އަމަލުން ފާހަގަކުރެވިފައިވާތީ، އޭނާ މުޖުތަމައަށް ނެރެ ރީއިންޓަގްރޭޓްކޮށް، އޭނާ ބާރުވެރިކުރުވަން މަސައްކަތް ކުރަންޖެހޭކަމަށްވެސް އެ ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފަ އެވެ.

"މިފަދަ ކޭސްތަކުގައި މަސައްކަތް ކުރާނޭ ވަކި ޕްރޮސީޖާއެއް ކަނޑައެޅިފައި ނެތްކަމާއި، ވިކްޓިމައިޒް ވެފައިވާ ފަރާތްތައް ގްރޫމް ކުރެވިފައިވަނީ ކިހާ މިންވަރަކަށް ކަން އެނެލައިޒް ކުރެވޭނެ އުސޫލެއް ގާއިމު ކުރެވިފައި ނުވާ ކަމާއި، އަތޮޅު ތެރޭގައި އެފަދަ ޓްރެއިނިންއެއް ލިބިފައި ހުރި މުވައްޒަފުން ނެތްކަން ވަނީ ފާހަގަކުރެވިފައި." އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އަންހެނުންނަށް ކުރާ އަނިޔާއާ ގުޅިގެން އެ ކޮމިޝަނަށް ނުވަ މައްސަލަ ހުށައަޅާފައިވާ ކަމަށާއި އޭގެ ތެރޭގައި ނަފުސާނީ އަނިޔާ ލިބިފައިވާ ކަމަށްބުނެ ހުށައަޅާފައިވާ މައްސަލައާއި ޖިސްމާނީ އަނިޔާ ލިބިގެން ހުށައަޅާފައިވާ މައްސަލައާއި ޖިންސީ ފުރައްސާރަ ލިބިގެން ހުށައަޅާފައިވާ މައްސަލައާއި ގެވެށި އަނިޔާގެ މައްސަލައާއި ޖިންސީ ގޯނާގެ މައްސަލަ ހިމެނޭ ކަމަށްވެސް އެ ކޮމިޝަނުގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

ގާނޫނު އަސާސީ އާއި ކަމާ ގުޅުން ހުރި އެހެން ގާނޫނުތައް ކަމުގައިވާ ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާ ކުރުން ހުއްޓުވުމުގެ ގާނޫނާއި ޖިންސީ ކުށުގެ ގާނޫނާއި ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނަށް ރިއާޔަތްކޮށް، އެ ކޮމިޝަނަށް ހުށައެޅޭ މިބާވަތުގެ މައްސަލަތަކަށް ރިއާޔަތްކުރާއިރު ވަޒީފާގެ މާހައުލުންނާއި އާއިލާގެ ތެރެއިންނާއި މުޖުތަމައުގެ ތެރެއިން އަންހެނުންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށް ޓަކައި ގާނޫނީ ބާރުވެރިކަން ލިބިފައިވާ ކަން އެޗްއާރްސީއެމުން ވަނީ ފާހަގަކޮށްފަ އެވެ. އެހެންނަމަވެސް މި ގާނޫނުތަކަށް އެންމެ އެކަށީގެންވާ ގޮތުގައި ރައްޔިތުން ހޭލުންތެރިވެފައި ނުވުމުގެ ސަބަބުން މިފަދަ މައްސަލަތައް މަދުކުރުމަށް ކަމާ ގުޅުން ހުރި އިދާރާތަކަށް ގޮންޖެހުންތަކާ ދިމާވާ ކަމަށްވެސް އެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ. އަދި، ހުށައެޅޭ މައްސަލަތައް ބަލައި ތަހުގީގު ކުރުމަށް ބޭނުންވާ ހެކި ހޯދުމަށް މިފަދަ މައްސަލަތަކުގައި އުނދަގޫކަން ވެސް އެ ކޮމިޝަނަށް ފާހަގަވެފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.