އަންހެނުންނަށް އަނިޔާ ކުރުމަށާއި މިންތީގެ ހަމަހަމަކަމަށް ހުރަސްއެޅުމަށް ދީން ހަތިޔާރަކަށް ބޭނުންކުރާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

އެޗްއާރްސީއެމް އިން މިހެން ބުނެފައިވަނީ އެ ކޮމިޝަނުން މިއަދު ނެރުނު އެ ކޮމިޝަނުގެ މިދިޔަ އަހަރުގެ "ހިއުމަން ރައިޓްސް ރިޕޯޓު" ގައެވެ.

އެޗްއާރުސީއެމުން ބުނީ އަންހެނުންގެ ހައްގުތަކާއި މިންތީގެ ހަމަހަމަކަން މުޖުތަމައު ބަލައިގަންނަ މިންވަރު ދަށްވެފައިވާ ކަމަށެވެ. އެގޮތުން އަންހެނުންގެ ހައްގުތަކާއި މިންތީގެ ހަމަހަމަކަން ގާއިމު ކުރުމަށް ކުރާ މަސައްކަތަށް ހުރަސްއެޅުމަށް ދީން ބޭނުންކުރާކަން ފާހަގަ ކުރެވިފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެ އެވެ. އަދި އަންހެނުންނަށް އަނިޔާކުރުމަށް ދީން ހަތިޔާރެއްގެ ގޮތުން ބޭނުންކުރުމާއި ސިޔާސީ މައިދާނުގައި އަންހެނުންގެ ބައިވެރިވުން ކުޑަކަން ފާހަގަވެފައިވާ ކަމަށްވެސް އެ ރިޕޯޓުގައިވަނީ ބުނެފަ އެވެ.

މިންތީގެ ހަމަހަމަކަން ގާއިމުކޮށް އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް މަގުފަހިވާ ގޮތަށް ގާނޫނީ އޮނިގަނޑު ފަރުމާކުރެވިފައި ވީނަމަވެސް އެކަން ތަންފީޒު ކުރުމަށް އެކަށީގެން ވާ މަސައްކަތް ކޮށްފައި ނުވާ ކަމަށް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އެ ރިޕޯޓުގައި ބުނެފައިވަނީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ކުޑަކުދިންގެ ނާޖާއިޒު ބޭނުންކޮށްފައިވާ މައްސަލަތައް ރިޕޯޓުކޮށްފައިވާ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އެހެން ނަމަވެސް ޖިންސީ ވިޔަފާރީގައި ކުޑަކުދިން ބޭނުންކުރުމާއި މަސްތުވާތަކެތީގެ ވިޔަފާރީގައި ކުޑަކުދިން ބޭނުންކުރުމުގެ މައްސަލަތަކުގައި އިޖުތިމާއީ ޕްރޮގްރާމުތަކުގެ ތެރެއިން އެންމެ ފުރިހަމައަށް އެޑްރެސް ކުރެވިފައި ނުވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ޖިންސީ ވިޔަފާރީގައި ކުޑަކުދިން ބޭނުންކޮށްފައިވާ މައްސަލަތައް މުޖުތަމައުން ނައްތާލުމަށްޓަކައި ގޮތް ނިންމާ ލެވެލްގައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް އެ ކޮމިޝަނުން ދެކޭ ކަމަށްވެސް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފަ އެވެ.

ވޭތުވެދިޔަ އަހަރުގެ ތެރޭގައި ކުޑަކުދިންނަށް އަނިޔާކޮށްގެން ޖެންޑާ މިނިސްޓްރީ އާއި ފުލުހުންނަށް ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ޖިންސީ އަނިޔާ އާއި އިހުމާލު އަދި ޖިސްމާނީ އަނިޔާގެ މައްސަލަތައް ކަމަށްވެސް ބުނެފައިވެ އެވެ. އެގޮތުން ގެވެށި އަނިޔާ ކޮށްގެން ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައިވެސް އެންމެ ގިނައިން ހުށަހަޅާފައިވަނީ ކުޑަކުދީންނަށް އަނިޔާ ކޮށްގެން ހުށަހަޅާފައިވާ މައްސަލަތައް ކަމަށް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި މީގެ އިތުރުންވެސް އެ ރިޕޯޓުގައި ވަނީ އުމުރުން ދުވަސްވީ މީހުންގެ ހައްގުތަކާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަކާއި ތައުލީމާއި ދުޅަހެޔޮ ސިއްހަތު ހޯދުމުގެ ހައްގާ ގުޅޭ ގޮތުންވެސް މިދިޔަ އަހަރު ފާހަގަވެފައިވާ ކަންކަން ހިމަނާފަ އެވެ.