ތިންހާސް މެންބަރުން ހަމަ ނުވާ ގިނަ ސިޔާސީ ޕާޓީތަކެއް އެބަ ހުރި ކަމަށާއި، ކޮވިޑް 19 އާ ގުޅިގެން އިއުލާން ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމުން މެންބަރުން ހަމަ ކުރުމަށް އެ ޕާޓީތަކަށް އިތުރު ފުރުސަތު ދިނުމަށްފަހު، 3000 މެންބަރުން ހަމަނުވާ ޕާޓީތައް އުވައިލައްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (ސީސީ) ގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން އީސީގެ ދަފުތަރުގައި ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރެވޭނީ، އެކަމަށް ހުއްދަ ދޭތާ ތިންމަސް ދުވަހުގެ ތެރޭގައި 3000 މީހުން ހަމަކުރުމަށްފަހު އީސީއަށް ހުށަހަޅައިގެންނެެވެ.
ފުއާދު ވިދާޅުވީ، އީސީގައި ރަޖިސްޓްރީ ކޮށްފައި ހުރި ބައެއް ޕާޓީތަކުގެ މެންބަރުންގެ އަދަދު މިހާރު 3000 އަށްވުރެން ދަށަށް ގޮސްފައިވާ ކަމަށެވެ. އެފަދަ ޕާޓީތަކަށް 3000 މެންބަރުން ހަމަކުރުމަށް އިތުރު މުއްދަތެއްދީ ސީޓީއަކުން ދަންނަވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެ މުއްދަތުގައި 3000 މެންބަރުން ހަމަ ނުކުރާ ސިޔާސީ ޕާޓީތައް އުވައިލައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ފުއާދު ވިދާޅުވީ، ޕާޓީ ރަޖިސްޓްރީ ކުރުމަށް 3000 މެންބަރުން ހަމަ ކުރަން ދީފައިވާ މުއްދަތު ގުނުން ވެސް ކޮވިޑް 19 އާ ހިސާބުން ހުއްޓާލާފައިވާ ކަމަށެވެ. އެއީ ގޭގެއަށް ޒިޔާރަތް ކުރުމާއި އެއްވުންތައް ބާއްވައިގެން ޕާޓީތަކަށް މީހުން އިތުރު ކުރުގެ ހަރަކާތްތައް ކޮވިޑްގެ ސަބަބުން ކުރިއަށް ނުގެންދެވޭނެތީ ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް ފުއާދު ވިދާޅުވީ، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނިމޭ ހިސާބުން 3000 މެންބަރުން ހަމަ ކުރުމަށް ޕާޓީތަކަށް ދީފައިވާ މުއްދަތު ގުނަން ފަށާނެ ކަމަށާއި އެއަށްފަހު މުއްދަތު ހަމަ ވުމުން އެ އަދަދަށް މެންބަރުން ހަމަ ނުވާ ޕާޓީތައް ވެސް އުވާލާނެ ކަމަށެވެ.
ފުއާދު ވިދާޅުވީ އީސީގައި 11 ސިޔާސީ ޕާޓީ ރަޖިސްޓްރީ ކޮށްފައިވާއިރު، 10،000 މެންބަރުންނަށްވުރެ މަތީގައި އުޅެނީ އެންމެ ހަތަރު ސިޔާސީ ޕާޓީ ކަމަށެވެ. އޭގެ ތެރޭގައި އެމްޑީޕީއާއި ޕީޕީއެމް އަދި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ.
އެ އަދަދު ތަކަކީ ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ބަޖެޓް ފާސް ކުރުމާ ހަމައަށް ޕްރޮސެސް ކުރި މެންބާޝިޕް ފޯމުތަކުން ދައްކާ ނަތީޖާ ކަމަށްވެސް ވިދާޅުވިއެވެ.
ދަފްތަރުގައި ހިމެނޭ ޕާޓީތަކުގެ ތެެރެއިން ދެ ޕާޓީއަކުން 10000 މެންބަރުންނާ ކައިރިކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އޭގެ ތެރޭގައި ދ. މީދޫ ދާއިރާގެ މެންބަރު، ސަން ސިޔާމުގެ އެމްޑީއޭ އާއި ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމުގެ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އެވެ.
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން