ސިޔާސީ ޕާޓީތަކުން މެމްންރުން އިތުރުކުރަން ވަގު ފޯމު ހުށަހެޅިޔަސް އެކަމާ ދެކޮޅަށް މާބޮޑު ކަމެއް ކުރެވެން ނެތްކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

"ސަންގު ޓީވީ"ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ފުއާދު ރޭ ވިދާޅުވީ، މެންބަރުން އިތުރުކުރުމުގެ ބޭނުމުގައި ހުރިހާ ޕާޓީތަކުން ވެސް ވަގުފޯމު ހުށަހަޅާ ކަމަށެވެ. ފުއާދު ވިދާޅުވީ އަލަށް ޕާޓީ އުފެދިގެން އުންނައިރު ގިނަ އަދަދެއްގެ ފޯމުތައް އީސީއަށް ހުށަހަޅާ ކަމަށާއި، އެ ފޯމުތަކުގައި ގިނަ އަދަދަކަށް ވަގު ފޯމު ހުންނަ ކަމަށެވެ.

"ފޭކް ފޯމުތަކެއް ހުށަހެޅުން ނުރަނގަޅު ފޯމުތަކެއް ދެން މިކަމުގައި އަޅުގަނޑުމެން ހަމަ ދޭތެރެ ދޭތެރެއިން ހުރިހާ ޕާޓީތަކެއްގެ ބޭފުޅުންނާއެކީ ވެސް މަޝްވަރާކޮށްހަދަން، ދެން ތި ވިދާޅުވާ މައްސަލައަކީ ހަމަ ހުރިހާ ޕާޓީއަކަށް އެބައޮތް ދިމާވެފަ އެ މައްސަލަ އިނގޭތޯ، ވަކި ޕާޓީއަކަށް އިސްތިސްނާއެއް ނުކުރެވޭ، އެހެން ނަމަވެސް އެ ޕާޓީއެއް އުފެދިގެން އަންނައިރު ގިނަ އަދަދެއްގެ ފޯމުތައް ހުށަހަޅާތީވެ އެ އުފެދޭ ޕާޓީގެ އެކަހަލަ ވަގު ފޯމު ފޭކު ފޯމު ހަމަ ގިނަ." ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ، އީސީއަށް ހުށަހަޅާ ފޯމުތައް ވަކިވަކިން ޗެކްކުރުމުގެ އުސޫލެއް ނޯންނަ ކަމަށެވެ. އޭގެ ބަދަލުގައި އޮންނަނީ ޕާޓީގެ މެންބަރަކަށްވުމަށް އެދޭ ފޯމުގައި އޮންނަނީ ޕާޓީގެ ޒިންމާދާރުވެރިޔަކު ސޮއިކުރަން ކަމަށެވެ. އޭނާ ވިދާޅުވީ ޕާޓީގެ މެންބަރަކަށް ވުމަށް އެދޭ ފޯމުގައި ޕާޓީއަށް އަލަށް ސޮއިކުރާ ފަރާތާއި، އޭނާ ސޮއިކުރިކަމުގެ ދެ ހެކިވެރީންގެ ސޮއިގެ އިތުރުން ފޯމުތައް ހިފައިގެން ޕާޓީގެ ފަރާތުން އަންނަ މީހާ އިގުރާރެއްގައި ސޮއިކުރަން ޖެހޭ ކަމަށެވެ. އެ އިގުރާރުގައި އޮންނަނީ އެ ފޯމުތަކުގައި ހަގީގަތާ ހިލާފު ވާހަކެއް ނެތް ކަމަށް އިގުރާރުވާ ކަމަށެވެ.

އޭނާ ވިދާޅުވީ، އެކަން އެގޮތަށް އޮތް ނަމަވެސް ވަގު ފޯމު ހުށަހެޅި މައްސަލައެއް ބަލަން ޕާޓީއަކަށް ގުޅާލުމުން އެކަމުން ދިފާއުވެގެންނަ ކަމަށެވެ. އެހެންވެ އީސީއަށް ކުރެވޭނެ ކަމެއް ނެތް ކަމަށެވެ.

"އަޅުގަނޑުމެން އިލެކްޝަނުން ކޮންމެ ފޯމެއް ޗެކް ކުރާކަށް އުސޫލެއްް ނޯވޭ، މި އޮންނަނީ ޕާޓީތަކުން އެކަމުގައި ޒިންމާވާ ގޮތަށް، ޕާޓީގެ ފަރާތުން ސޮއިކުރައްވަން ޖެހިވަޑައިގަންނަވާނެ މި ދެނީ ތެދު މައުލޫމާތު ކަމަށާއި މީހަމަ ރަނގަޅު ފޯމެއް ކަމަށް އަދި އޭގެ އިތުރުން ވެސް ދެ މީހުންގެ ސޮއި ވެސް އެބަ އޮވޭ، ޕާޓީގެ މެންބަރަކަށް ވާން އެދޭ މީހާގެ ސޮއިގެ އިތުރުން އަދި އޭނަ ސޮއިކުރިކަމަށް ބުނާ ދެ މީހުންގެ ސޮއިވެސް އެބަ އޮވޭ، އަދި ފޯމުތައް އައީމަ ޕާޓީގެ އިދާރާގެ ފަރާތުން އޮފީހުގެ ފަރާތުން ވެސް ހަމަ ޒިންމާދާރުވެރިން ސޮއިކުރައްވާ ގޮތަށް މި އޮންނަނީ، އެހެން ނަމަވެސް ޕާޓީތަކުން ދެން މި ވިދާޅުވަނީ ތިމަންނަމެންގެ މެންބަރުން މި ލިބެނީ ރާއްޖޭގެ ހުރިހާ އެކިއެކި ކަންކޮޅުތަކުންނޭ، އެއީ ސަޕޯޓަރުން ފުރި ފޯމުތަކޭ، ތިމަންނާމެންނަށް ތިކަމާ ބެހޭ މައުލޫމާތު ނޭނގޭކަމަށް" ފުއާދު ވިދާޅުވިއެވެ.

ސިޔާސީ ޕާޓީއަކަށް ސޮއި ނުކުރަނީސް ޕާޓީއަކަށް ރަޖިސްވެފައިވާ ނަމަ އެކަމުގެ ޝަކުވާ ހުށަހެޅުމުން އެ މައްސަލައެއް ބަލާނެ ކަމަށް ފުއާދު ވިދާޅުވިއެވެ. އަދި ވިދާޅުވީ މައްސަލަ ބަލާފައި އެއީ ވަގު ފޯމެއްކަން ޔާގީންވުމުން ޕާޓީގެ ދަފުތަރުން އުނިކޮށްދޭނެ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، ވަގު ފޯމު ހުށަހެޅި މައްސަލައިގައި ސިޔާސީ ޕާޓީއަކާ ދެކޮޅަށް ޝަރުއީ ކޯޓަކަށް ނުވަތަ ފުލުހަށް މައްސަލަ ޖައްސަން ބޭނުންވާ ފަރާތްތަކަށް އީސީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ.

މީގެ އިތުރުން ފުއާދު ވިދާޅުވީ ރާއްޖެއަށް އީވޯޓިން ތައާރަފު ކުރުމަށް 2008 ގެ އިންތިހާބަށްފަހު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ އީ ވޯޓިން ތައާރަފު ކުރެވިއްޖެނަމަ ވަރަށް ބޮޑު ހަރަދެއް ސަލާމަތް ކުރެވޭނެ ކަމަށެވެ. ނަމަވެސް އީ ވޯޓިންއާ އަބަދުވެސް ދެކޮޅު ހަދަނީ އޭރަކު އިދިކޮޅުގައި އޮންނަ ޕާޓީއެއް ކަމަށެވެ. އެމްޑީޕީ އަދި ޕީޕީއެމުން ވެސް ވަނީ އީވޯޓިން އަށް ދެކޮޅު ހަދާފައިކަމަށް ފުއާދު ވިދާޅުވިއެވެ.

ދެހާސް އަށާރައިގައި ބޭއްވި ރިޔާސީ އިންތިހާބު އޮޅުވާލިކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރި ތުހުމަތަކާ ގުޅިގެން ފުއާދު ވިދާޅުވީ، އިދިކޮޅުން ކުރި ތުހުމަތާ ގުޅިގެން ހާއްސަ އޮޑިޓެއް ހާދަފައިވާނެ ކަމަށެވެ. އަދި އެ އޮޑިޓުން އެކަހަލަ އެއްވެސް ކަމެއް ފާހަގަ ވެފައި ނެތް ކަމަށެވެ.

"ރާއްޖޭގައި އަބަދުވެސް ކަން އޮންނަ ގޮތް، އެއީ. ފުޓްބޯޅަ މެޗަކުން ބަލިވީމާ ރެފްރީ ވަކިއަތަކަށް ހިފާފަ، ނޫނީ ދަނޑުގެ މައްސަލަ، ވިނަގަނޑުގެ މައްސަލަ" ފުއާދު ވިދާޅުވިއެވެ.