2021 ވަނަ އަހަރު ޝަރުއީ ދާއިރާގައި ހިނގައި ދިޔަ މުހިއްމު ކަންކަމުގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމާ ގުޅޭ ޝަރީއަތްތައް ފާހަގަ ކޮށްލެވެއެވެ.
ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ދުވަހުގެ ޖަލު ހުކުމާއި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅި ޝަރީއަތަކީ އެންމެ ގިނަ ބަޔަކު އިންތިޒާރުކުރި ޝަރީއަތެވެ. ރައީސް ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުން ފަސް އަހަރުގެ ދުވަހުގެ ޖަލު ހުކުމެއް އިއްވައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. ރައީސް ޔާމީނުގެ ޝަރީއަތަކީ އެމަނިކުފާނުގެ އެދުމުގެ މަތިން ލައިވްކޮށްގެން ކުރިއަށް ގެންދިޔަ ޝަރީއަތެކެވެ. އެ ޝަރީއަތް ރާއްޖޭގެ އެކި ކަންކޮޅުތަކުން އެތައް ބަޔަކު ދިޔައީ ވަގުތުން ބަލަމުންނެވެ.
ގއ. ވޮޑަމުލާ ރިސޯޓު ތަރައްގީކުރަން ދޫކޮށްގެން ލިބުނު އެއްމިލިޔަން ޑޮލަރު ލޯންޑާކުރި މައްސަލައިގައި އެންމެ ފުރަތަމަ އެމަނިކުފާނު ފުލުހަށް ހާޒިރުކުރީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާ ގުޅިގެން ހިންގި އެ ތަހުގީގު ތެރެއިން ރައީސް ޔާމީނު ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
ރައީސް ޔާމީނަށް ތުހުމަތު ކުރާ މަނީ ލޯންޑަރިންގެ މައްސަލަ އާއި ރިޝްވަތު ގަބޫލުކުރުމުގެ މައްސަލަ ތަހުގީގުކޮށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވުމުން، އެ މައްސަލަ ޕީޖީން ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ.
ކުރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ރައީސް ޔާމީނުގެ މައްސަލައިގައި އެންމެ ފުރަތަމަ ދިފާއީ ވަކީލަކަށް ހަމަޖެއްސީ އާޒިމާ ޝުކޫރު އެވެ. ނަމަވެސް އާޒިމާ ޝުކޫރަށް ރައީސް ޔާމީން ތަމްސީލު ނުކުރެވޭނެ ކަމަށް ކުރިމިނަލް ކޯޓުން ކަނޑައެޅުމުން ދެން ދިފާއީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވަނީ އެމަނިކުފާނުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދުއެވެ.
ވަގުތުން ގެނެސްދެމުން ގެންދިޔަ ރައީސް ޔާމީނުގެ ޝަރީއަތުގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރައީސް ޔާމީނުއާ ދެކޮޅަށް ހެކިބަސް ދިން ވަގުތަށެވެ. ރައީސް ޔާމީނުގެ ފަރާތުން ހޫނު ސުވާލުތަކެއް އަދީބަށް ވަނީ އަމާޒުވެފައެވެ. އަދީބު އެހުރިހާ ސުވާލުތަކަށް ޖަވާބު ދީފައިވަނީ ވަރަށް ހަމަޖެހިލައިގެން ހުރެއެވެ. ދިފާއީ ވަކީލުންގެ ޓީމުން އަދީބުގެ ހެކިބަސް ގަބޫލު ނުކުރެވޭނެ ކަމަށް ވިދާޅުވިޔަސް، ކުރިމިނަލް ކޯޓުން ނިންމީ އަދީބުގެ ހެކިބަސް ގަބޫލު ކުރެވޭނެ ކަމަށެވެ. ރައީސް ޔާމީނާ ދެކޮޅަށް އަދީބު ދިން ހެކިބަހަށް ބުރަދަންދީ ކުރިމިނަލް ކޯޓުން ހުކުމް ކުރީ ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ގަބޫލުކުރުމުގެ ކުށުގެ ދައުވާ ރައީސް ޔާމީނުގެ މައްޗަށް ސާބިތުވާ ކަމަށެވެ.
- ހައި ކޯޓުގައި ކުރިއަަށްދިޔަ ރައީސް ޔާމީނުގެ ޝަރީއަތް
ކުރިމިނަލް ކޯޓުގެ އެ ހުކުމް ރައީސް ޔާމީނުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކުރުމުން އެ މައްސަލައިގެ އަޑުއެހުންތައް ފަށާފައިވަނީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. ހައި ކޯޓަށް އެ މައްސަލަ ރައީސް ޔާމީނުގެ ފަރާތުން ހުށަހެޅީ އިސްތިއުނާފީ 75 ނުކުތާ އެކުގައެވެ. ހައި ކޯޓުން އެ މައްސަލަ ބެލުމަށްފަހު ހުކުމްކުރީ ކުރިމިނަލް ކޯޓުން ރައީސް ޔާމީނުގެ މައްޗަށް އިއްވާފައިވާ ހުކުމް ރަނގަޅު ކަމަށެވެ. މިއީ އަޣުލަބިއްޔަތުން އިއްވި ހުކުމެކެވެ. ރައުޔު ތަފާތުފި ހައި ކޯޓުގެ ފަނޑިޔާރު ހުސެއިން ޝާހިދު ރައުޔުގައި ވިދާޅުވެފައިވަނީ ހެކިބަސް ދިން އަދީބަކީ އަދުލުވެރިކަން ގެއްލިފައިވާ ފާސިގެއް ކަމަށެވެ. އަދި އަދީބަކީ ރައީސް ޔާމީނު އަވަހާރަކޮށްލަން މަސައްކަތްކުރި މީހެއް ކަމުން، އަދުއްވަކު ދޭ ހެކިބަސް ބަލައިނުގަނެވޭނެ ކަމަށެވެ.
- ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ ރައީސް ޔާމީނުގެ ޝަރީއަތް
ހައި ކޯޓުން ރައީސް ޔާމީނުގެ މައްޗަށް ކުރި ހުކުމް ދެމެހެއްޓުމުން ދެން އެ މައްސަލަ ރައީސް ޔާމީނުގެ ފަރާތުން ހުށަހަޅާފައިވަނީ ސުޕްރީމް ކޯޓަށެވެ. އެމަނިކުފާނު ދިފާއީ ވަކީލު އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށްފަހު ވިދާޅުވެފައިވަނީ ކުރިމިނަލް ކޯޓުންނާއި ހައި ކޯޓުން އިންސާފު ނުލިބުނަސް ސުޕްރީމް ކޯޓުން އިންސާފު ލިބޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. ސުޕްރީމް ކޯޓަށް ރައީސް ޔާމީނުގެ ފަރާތުން ވަނީ މައްސަލައިން ދިފާއުވުމަށް އާ ހެކިތަކެއް ވެސް ހުށަހަޅައިފައެވެ. އަދި ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލުމަށާއި، ހުކުމް ތަންފީޒުކޮށްދިނުން ފަސް ކުރުމުގެ އަމުރަކަށް އެދިފައެވެ.
ސުޕްރީމް ކޯޓަކީ އިންސާފު ހޯދުމުގެ އެންމެ ފަހުގެ ދޮރާއްޓެވެ. ރައީސް ޔާމީނުގެ ފަރާތުން ހުށަހެޅި އެ ތިން ހުށަހެޅުމާއި އެއް ގޮތަށް އަމުރު ނުނެރެވޭނެ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކުރި ވަގުތު ރައީސް ޔާމީނުގެ މޫނުމައްޗަށް ވެރިވި ނުތަނަވަސްކަން ޓީވީ ބަލަން ތިބި އެންމެނަށް ފެންނާނެއެވެ. ނަމަވެސް އެ ނުތަނަވަސްކަން ފޮރުވާލުމަށްފަހު އެމަނިކުފާނު ގެންދިޔައީ އަމިއްލަފުޅަށް މައްސަލައިން ދިފާއުވުމަށް ވަކާލާތު ކުރައްވަމުންނެވެ. ބައެއް ފަހަރު އެ މަނިކުފާނަކީ ފުންނާބު އުސް ގާނޫނީ ވަކީލެކޭ ހީވާ ފަހަރުވެސް އާދެއެވެ.
ސުޕްރީމް ކޯޓުން ރައީސް ޔާމީނުގެ މައްސަލަ ބެލުމަށްފަހު ހުކުމްކުރީ ރައީސް ޔާމީނުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ. ސުޕްރީމް ކޯޓުން އެގޮތަށް ހުކުމްކުރީ އެސްއޯއެފްގެ އެކައުންޓަށް ޖަމާވެފައިވާ އެއް މިލިޔަން ޑޮލަރާއި ގުޅޭ ތަފްސީލުގައި ދައުލަތުން ހުށައަޅާފައިވާ ޗެކާއި ޑިޕޮސިޓް ސްލިޕްގެ ނަންބަރާއި އެކައުންޓް ސްޓޭޓްމަންޓްގައިވާ ނަމްބަރާ ފުށު އަރާތީއެވެ. އެފުށުގެ އެރުމުގެ ސަބަބުން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާއަކީ ގއ. ވޮޑަމުލާގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެމްއެމްޕީއާރްސީއަށް ދޫކުރި އެއްމިލިޔަން ޑޮލަރުކަމާމެދު ޝައްކު އުފެދުނެވެ. އަދި އެ ޝައްކުގެ މަންފާ ޔާމީނަށް ލިބިދޭން ޖެހޭނެކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކުރީއެވެ.
ތިން ފަނޑިޔާރުންގެ އިއްތިގާގުން ކުރި ހުކުމުގައި އިތުރަށް ބުނެފައިވަނީ ދައުލަތުން ހުށެހެޅި އަހުމަދު އަދީބުގެ ހެކިބަސް ރައީސް ޔާމީނާ ދެކޮޅަށް ބޭނުންކުރުން ރައްކާތެރި ނޫން ކަމަށެވެ.
ކުރިމިނަލް ކޯޓަށާއި ހައި ކޯޓަށް ފާހަގަ ނުވި ޗެކު ނަމްބަރުގެ ވާހަކަ އެންމެ ފުރަތަމަ ފަނޑިޔާރުންގެ ސަމާލުކަމަށް ގެނައީ ރައީސް ޔާމީނެވެ. އެގޮތުން ރައީސް ޔާމީނު ވިދާޅުވެފައިވަނީ ޗެކު ނަމްބަރު ދިމާވެފައި ނުވާކަން ކުރިމިނަލް ކޯޓުގަ އާއި ހައި ކޯޓުގައި ވެސް ފާހަގަކުރި ކަމަށެވެ. ނަމަވެސް ހުކުމް ކުރީ އެކަމަށް ރިއާޔަތް ނުކޮށް ކަމަށެވެ.
- ރައީސް ޔާމީނު އަދިވެސް ކޯޓު މަރުހަލާތަކުގައި އުޅެން ޖެހިދާނެ
ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން ވަނީ އިތުރު ހަތަރު ދައުވާއެއް މިހާރު އުފުލައިފައެވެ. އެއީ ވެސް ހަމަ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާތަކެވެ. އެއީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ރައީސް ޔާމީނު މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ނަގައި، ލޯންޑާ ކޮށްފައިވާ ކަމަށް ކުށުގެ ތުހުމަތުގެ އިތުރުން ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީނުއަށް ދައުލަތުން ކޮށްފައިވާ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާއެވެ.
ކޮންމެ ގޮތެއް ވިޔަސް މި ވަގުތަށް ރައީސް ޔާމީން އެވަނީ މިނިވަންވެވަޑައިގެންފަ އެވެ. އަދި އެމަނިކުފާނާއި ޓީމުންވެސް ބުނަނީ އިންސާފުވެރި ޝަރީއަތަކުން އެމަނިކުފާނަކީ ކުށްވެރިޔެއް ކަމަށް ކަނޑަ އަޅާނެ ޖާގައެއް ނޯންނާނެ ކަމަށެވެ. މި ވަގުތު އެމަނިކުފާނު އެ ހުންނެވީ ފުލް ގިޔަރުގަ އެވެ. އެމަނިކުފާނު މިނިވަންވުމާ އެކު ސިޔާސީ މައިދާން ވަނީ އިތުރަށް ހަލަބޮލިވެފަ އެވެ. އިދިކޮޅު ހަރަކާތްތަކަށް ވަނީ ދިރުން އައިސްފަ އެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް