މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމާއި ގެދޮރުގެ މައްސަލައަށް ހައްލު ހޯއްދަވައި ދެއްވުމަށް 4000 ގޯތި ދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ފެނާއި ނަރުދަމާ ނެތް ހުރިހާ ރަށެއްގެ މަޝްރޫއުތައް ހަވާލުކުރުމަށް ސްޓެލްކޯ ހޯލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރައްޔިތުންގެ ބޭނުމަށް ޓަކައި ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް އަދިވެސް އެބަހުރި ކަމަށާއި އޭގެ ތެރެއިން އެންމެ ބޮޑު ކަމަކީ މާލޭގެ ރައްޔިތުންގެ ގޯތި ގެދޮރުގެ މައްސަލަ ކަމަށެވެ.

އެއީ ބޮޑު މައްސަލައެއް ކަމަށާއި ނަމަވެސް ސިޔާސީ އެކިއެކި ފައިދާ ހޯދުމަށް ޓަކައި ކަނޑައެޅިގެން ކަން އޮތް ގޮތް އެނގިތިބެ އެ ވާހަކަ ދައްކާ މީހުން އެބަ އުޅޭ ކަމަށް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މި ސަރުކާރުގައި މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމާއި ގެދޮރުގެ މައްސަލައަށްވެސް ހައްލެއް ހޯދައިދޭނަން،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މި ސަރުކާރުން މިހާރުވެސް ހުޅުމާލޭގައި 5000 ހައުސިން ޔުނިޓް އިމާރާތްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ރާވާފައި އެބަ އޮތް ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ގޯތި ދޭނީ ގުޅިފަޅުން އެކަންޏެއް ނޫން. ހުޅުމާލޭވެންވެސް ގޯތި ދޭނަން. އެހެން ފަޅުތަކުންވެސް ގޯތި ދޭނަން. އަޅުގަނޑުމެން މި ދައްކަނީ 1000 ގޯތީގެ ވާހަކައެއް ނޫން. އޭގެ ދެގުނަ ތިންގުނަ، އިރާދަކުރެއްވިއްޔާ ހަތަރު ގުނަ ގޯތި މާލޭގެ ރައްޔިތުންނަށް އަމާޒުކޮށްގެން ދޭނަން،" ރައީސް ވިދާޅުވިއެވެ.