މާލޭ ސިޓީ ކައުންސިލުން ހުޅުމާލޭ ރަޖިސްޓްރީކުރި މައްސަލައާ އެފަހުން ކަންކަން ކުރަމުން އަންނަ ގޮތުގެ ސަބަބުން ކުންފުންޏަށް ގެއްލުންވަމުން އަންނަ ކަމަށް ހައުސިން ޑިވްލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

މިމަހުގެ އަށް ވަނަ ދުވަހު މާލޭ ސިޓީ ކައުންސިލުން ވަނީ އެޗްޑީސީއަށް ދީފައިވާ ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކޮށްފައެވެ. ރަޖިސްޓްރީ ބާތިލުކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށް އެޗްޑީސީ އާއި ސިޓީ ކައުންސިލާ ދެމެދު ދަނީ ބަހުގެ ހަމަލާތައް ބަދަލުވަމުންނެވެ.

އެޗްޑީސީން އިއްޔެ ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 60 ބިން ވިއްކަން ބީލަމަށް ހުޅުވާލުމުން ސިޓީ ކައުންސިލާއި އެޗްޑީސީއާ ދެމެދު ވަނީ އަނެއްކާވެސް ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފައެވެ. އެގޮތުން މާލޭ ސިޓީ ކައުންސިލުން މިއަދު ވަނީ އެކަމާ ގުޅިގެން ބަޔާނެއް ނެރެފައެވެ.

އެބަޔާނަކަށް ރައްދުދެމުން އެޗްޑީސީން މިރޭ ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ގޯތި ވިއްކުމަށްޓަކައި އެކުންފުނިން ކުރި އިއުލާނުގެ ދަށުން ބީލަމަށް ހުޅުވާލެވޭ 60 ބިމުގެ ގާނޫނީ މިލްކުވެރިފަރާތަކީ އެ ކުންފުނި ކަމަށެވެ. އެހެންކަމުން އެބިމުގެ މިލްކުވެރި ފަރާތުގެ ހައިސިއްޔަތުން އެބިމުން ތަސައްރުފު ކުރުމުގެ ފުރިހަމަ ބާރާއި އިހުތިޔާރު އެކުންފުންޏަށް އޮންނާނެ ކަމަށެވެ.

ހުޅުމާލޭގެ ބިމަކީ ކައުންސިލުގެ އިދާރީ އިހުތިސާސް ހިނގާ ސަރަހައްދުގައިވާ ބިމެއް ކަމަށް ވިޔަސް ހުޅުމާލެ ބިމަކީ މާލެ ސިޓީ ކައުންސިލުގެ މިލްކުވެރިކަން އެބިމުގެ މައްޗަށް ހިނގާނެ ބިމެއް ނޫންކަން ލާމަރުކަޒީ ގާނޫނަށް ބެލުމުން އެގެން އޮންނަ ކަމަށް އެޗްޑީސީން ބުންޏެވެ.

އެ ކުންފުންޏަކީ ކުންފުންޏާ ބެހޭ ގާނޫނުގެ ދަށުން ރަޖިސްޓަރީ ވެފައިވާ އުފުލޭ މުދަލާއި ނުއުފުލޭ މުދާ ގާނޫނު ހުއްދަ ކުރާ ގޮތުގެ މަތިން ހޯދުމާއި ލިބގަތުތުމާއި ދެމިގެންވާ ގޮތަށް މުދާ ލިބިގަތުމުގެ ގާނޫނީ ހައްގު ލިބިދީފައިވާ ޝަހުޝެއް ކަމަށްވެސް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ، ހުޅުމާލެއަކީ އެ ކުންފުނީގެ މުދަލަކަށްވުމުން ހުޅުމާލޭގެ ދެވަނަފިޔަވަހީގެ ބިން ވިއްކުމުގެ ފުރިހަމަ އިހްތިޔާރު އެބައޮތް ކަމަށެވެ. ކުންފުންޏަށް ލިބިދީފައިވާ ގާނޫނީ ހައްގަށް އުނިކަން އަންނަ ކަންކަމާއި، އިންވެސްޓަރުންގެ މެދުގައާއި އާންމު ފަރުދުންގެ މެދުގައި ކުންފުނީގެ އިތުބާރުގެއްލޭ ގޮތަށް ސިޓީ ކައުންސިލުން މިއަދު ނެރެފައިވާ ބަޔާނަކީ އޭގައި ހާގީގަތާއި ހިލާފު އޮޅުވާލުންތަކެއް ހިމެނޭ ބަޔާނަކަށްވުމުން އެކަން ކުށްވެރިކުރާކަމަށް އެޗްޑީސީން ބުންޏެވެ.

މީގެ އިތުރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ގޯތި ވިއްކަން އެ ކުންފުނިން ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ސިޓީ ކައުންސިލުން ބުނެފައިވުމަކީ ކުންފުނީގެ ފަރާތުން ސިޓީ ކައުންސިލްގެ މައްޗަށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ނެރެފައިވާ ވަގުތީ އަމުރުގައި ބަޔާންކޮށްފައިވާ ކަންކަމާ ހިލާފުވުން ކަމަށް އެޗްޑީސީން ބުންޏެވެ. ވެ.

"މާލޭ ސިޓީ ކައުންސިލުން މިފަހަކަށް އައިސް މިކޯޕަރޭޝަންގެ ހައްގުތަކަށް އުނިކަން ލިބޭފަދަ ގޮތަކަށް މިފަދަ ބަޔާންތައް ނެރެމުންދިއުމުގެ ސަބަބުން މިކޯޕަރޭޝަނަށް ނުހަނު ގެއްލުން ލިބެމުންދާތީވެ، މިފަދަ ކަންކަން ތަކުރާރު ނުކުރެއްވުމަށް މާލޭ ސިޓީ ކައުންސިލަށް އިލްތިމާސްކުރަން،" އެޗްޑީސީން ބުންޏެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ހުޅުމާލެ ފިޔަވަހި ދޭކުން ބިން ވިއްކަން ނިންމި ސިޔާސަތު ބަދަލުކުރަން ޖެހޭ ކަމަށެވެ. އަދި މިހާރުން މިހާރަށް މާލޭގައި ގޯތި ބޭނުންވެފައިވާ ވަރަށް ގިނަ ބަޔަކު އެބަ ތިބި ކަމަށާއި އެ މީހުންނަށް ގޯތި ނުދީ އަދި އެކަމުގައި ކައުންސިލްގެ ބަހެއް ވެސް ނެތި މުއްސަނދިންނަށް ގޯތި ވިއްކަން ހުޅުވާލި ހުޅުވާލުން ކުށްވެރިކުރާ ކަމަށެވެ.

ލާމަރުކަޒީ ގާނޫނުގެ ފަސް ވަނަ ބާބުގެ 39 ވަނަ މާއްދާގައިވާ ގޮތުން ކައުންސިލުގެ އިހުތިސޯސްގައި ހިމެނޭ ބިމެއް ބޭނުންކުރާ ނަމަ، އެކަމާ ގުޅޭ މަޝްވަރާ ކައުންސިލާ އެކު ކުރަންޖެހޭ ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ. އަދި ހުޅުމާލޭ ބިމުގެ ރަޖިސްޓްރީ ބާތިލުކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމި ނިންމުމަށް އަމަލުކުރުން މަޑުޖައްސާލުމުގެ މައްސަލަ ނުނިމެނީސް، އެޗްޑީސީއަށް ގޯތި ނުވިއްކޭނެ ކަމަށް ވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.