ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ރާއްޖޭގެ ރައީސްކަމުގައި އިތުރު ދައުރަކު ހުންނަވާނެ ކަމަށް ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވިއެވެ.
ކ. މާފުށްޓަށް އިތުރުކުރި ބިމާއި ޕިކްނިކް އައިލެންޑް ރަށު ކައުންސިލާ ހަވާލުކުރަން މިއަދު ހަވީރު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ މި ސަރުކާރުން އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގާ ސްޕީޑުގައި ތަރައްގީގެ މަޝްރޫއުތައް ހިންގި އެއްވެސް ދުވަސްވަރެއް މި ނޫނީ ނުދެކޭ ކަމަށެވެ.
އަސްލަމް ވިދާޅުވީ މިހާރު ކުރިއަށްގެންދާ މަޝްރޫއުތަކާއި އަދި ކުރިއަށް ހުރި މަޝްރޫއުތަކާއެކު މި ދައުރުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް 18 ބިލިއަން ރުފިޔާ ހޭދަކުރާނެ ކަމަށެވެ. އެގޮތުން ކުރިއަށް ހުރި މަޝްރޫއުތަކާއެކު 373 މަޝްރޫއު ކުރިއަށްގެންދާނެ ކަމަށް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންގޮސް، ރާއްޖެ ތަރައްގީވެފައިވާ ގައުމަކާ ކައިރިއަށް ގެންދިއުމަށް އިތުރު ދައުރެއްގައި ރައީސް ވެރިކަން ކުރައްވާނެ ކަމަށެވެ.
"އެމަނިކުފާނު އިރާދަކުރެވިއްޔާ މި ފަސް އަހަރަށް ވުރެ އިތުރަށް ހުންނަވާނެ،" އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ މާދަމާ ސޮއިކުރާ ފެނާއި ނަރުދަމާގެ މަޝްރޫއުތަކާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމު ކުރަން ހަވާލުކުރެވޭނެ ކަމަށެވެ.