ޚަބަރު

ކުރިއެރުން ނުދޭތީ ސިއްހީ ދާއިރާގެ 489 މުވައްޒަފަކު ކޯޓަށް

މުހައްމަދު އިޝާން

މަގާމުގެ ކުރިއެރުން ނުލިބޭތީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ 489 މުވައްޒަފަކު، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އާއި ހެލްތް މިނިސްޓްރީ އަދި ފިނޭންސް މިނިސްޓްރީއާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ސިއްހީ ފަންނުވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލް ޔޫނިއަން (އެޗްޕީޔޫ) އާއި ޕަބްލިކް އިންޓްރަސްޓް ލޯ ސެންޓާ (ޕީއައިއެލްސީ) މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ފަންނީ އޮނިގަނޑެއް ހަދައި ތަންފީޒު ކުރަމުން ނުގެންދާތީ މުވައްޒަފުންނަށް އެއް ހަމައަކުން ވަޒީފާގެ ކުރިއެރުން ލިބުމުގެ ހައްގުން މަހުރޫމްވެފައިވާ ކަމަށެވެ.

އެހެންކަމުން ސިވިލް ސާވިސްގެ މުވައްޒަފުންގެ ތެރެއިން ސިއްހީ ދާއިރާގައި މަސައްކަތްކުރާ 489 މުވައްޒަފުން، އެ މުވައްޒަފުން ނިސްބަތްވާ އެޗްޕީޔޫގެ ފަރާތުން މިއަދު ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ 2008 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށްވެސް ހެލްތް ޕްރޮފެޝަންގެ ފަންނީ ވަޒީފާތަކުގެ ކުރިއެރުން ލިބިފައިނުވާތީ އާއި ވަޒީފާގެ އޮނިގަނޑެއް ނެތުމުގެ ސަބަބުން ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އަސާސީ ހައްގުތަކުން އެފަރާތްތައް މަހުރޫމްވެފައިވާތީ ކަމަށްވެސް ބަޔާނުގައިވެއެވެ.

މީގެ އިތުރުން ވަޒީފާގެ ކުރިއެރުން ލިބޭނެ އޮނިގަނޑެއް ތައްޔާރުކޮށް ތަންފީޒުކުރުމަށް ސީއެސްސީއަށާއި ހެލްތު މިނިސްޓްރީ އަދި ފިނޭންސް މިނިސްޓްރީގެ އިތުރުން ކަމާގުޅޭ ދައުލަތުގެ އެންމެހާ އިދާރާތަކުގެ މައްޗަށް އަމުރެއް ނެރެދިނުމަށް ވެސް ސިވިލް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށް ބަޔާނުގައިވެއެވެ.

ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އެޗްޕީޔޫއަކީ ލެބް ޓެކްނީޝަނުންތަކެއް އިސްވެ، ސިއްހީ ދާއިރާގެ މަސައްކަތްތެރިންގެ ހައްގުގައި ވަކާލާތުކުރަން 2019 ގައި އުފެއްދި ޖަމިއްޔާއެކެވެ.