މި އަހަރު ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް 1.3 މިލިއަން ޓޫރިސްޓުން ގެނައުމުގެ އަމާޒަށް ވާސިލުވެއްޖެއެވެ.
މިއަދު ހަވީރު ގަލިވް އެއާ އިން ރާއްޖެ އައި ޓޫރިސްޓުންގެ ތެރެއިން 1.3 ވަނަ ޓޫރިސްޓަކަށް އައިސްފައިވަނީ ރުމެނީއާގެ ރައްޔިތެއް ކަމަށްވާ ކޮންސްޓެންޓައިން ސްޓޭލިއަން އެމިލްއެވެ. އޭނާ އައީ އާއިލާއާ އެކު ޗުއްޓީ ހޭދަކުރަން ބަނޑޮސް އައިލެންޑް ރިސޯޓަށެވެ. އޭނާ އެންމެ ފުރަތަމަ ރާއްޖެ އައީ މީގެ ފަސް އަހަރު ކުރިން ހަނީމޫނަށެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކޮންސްޓެންޓައިން ސްޓޭލިއަން އެމިލްއަށް މަރުހަބާ ކިޔާފައިވަނީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދުގެ އިތުރުން މޯލްޑިވަސް އެސޯސިއެޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަޒީރެވެ.
އެއާޕޯޓުގައި ހުންނަވައިގެން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވީ މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން އައިސްފައިވާ ކަމަށާއި އަންނަ އަހަރަށް ޓާގެޓް ކުރަނީ ދެ މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުން ކަމަށެވެ.
ޑރ. މައުސޫމް ވިދާޅުވީ އަންނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގައި ރާއްޖެއަށް ގެންނަން ކަނޑައަޅާފައިވަނީ 1.6 މިލިއަން ޓޫރިސްޓުންނެވެ. އެހެންކަމުން މިއީ ބަޖެޓަށް ވުރެ ހަތަރު ލައްކަ އިތުރު އަދަދެއް ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ ކޮވިޑްގެ ސަބަބުން މިދިޔަ ދޮޅު އަހަރު ޓޫރިޒަމް އިންޑަސްޓްރީއަށް ބޮޑު ގެއްލުންތަކެއްވެފައިވާ ކަމަށާއި އެ ދާއިރާގެ ވިޔަފާރިވެރިންނަށް ލިބުނު ގެއްލުންތަކުން އަރައިގަނެ ހިންދަމައި ލެވުނީ މިއަހަރު ކަމަށެވެ.
ކޮވިޑްގެ ބަލިމަޑުކަމަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ފަހުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ އިއްޔެއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެ ރާއްޖެއަށް 7,098 ޓޫރިސްޓުން އައިސްފައިވެއެވެ. މިއީ މިއަހަރުގެ ތެރޭގައިވެސް 7000 ޓޫރިސްޓުން ރާއްޖެ އައި ފުރަތަމަ ފަހަރެވެ.
މީގެ ކުރިން އެއް ދުވަހާ އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ. އެއީ 6,955 ފަތުރުވެރިންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު