ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 60 ބިން ވިއްކަން އެޗްޑީސީން މިއަދު ބީލަމަށް ހުޅުވާލައިފިއެވެ.

އެޗްޑީސީން މިއަދުކުރި އިއުލާނެއްގައި ބުނީ، ދެވަނަ ފިޔަވަހިން ވިއްކަން ހުޅުވާލާފައިވަނީ 1،603.07 އަކަފޫޓާއި 2،633.93 އަކަފޫޓާ ދެމެދުގެ ބޮޑުމިނުގެ 60 ބިމެއް ކަމަށެވެ. އެބިންތައް ވިއްކުމަށްޓަކައިި ބީލަން ވިއްކަން ފަށާނީ އަންނަ ހޯމަ ދުވަހު ކަމަށެވެ.

ބިންތަކާ ބެހޭ މައުލޫމާތު ދިނުން އޮންނާނީ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހު ކަމަށާއި ބީލަން ފޯމުތައް ވިއްކަނީ 500 ރުފިޔާއަށް ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

ބީޗް ފޮރޮންޓާއި ބީޗް ސައިޑަށް ވަކިން ހާއްސަކޮށް ދެ ބީލަން ފޯމެއް އެޗްޑީސީން ވަނީ ތައްޔާރުކޮށްފައެވެ. ބީޗް ފްރޮންޓު ސައިޑުން ވިއްކުމަށް ހަމަޖެހިފައިވަނީ 26 ގޯއްޗެކެވެ. އަދި ބީޗު ސައިޑުން ވިއްކުމަށް ހަމަޖެހިފައިވަނީ 34 ހަތަރު ގޯއްޗެކެވެ.

ބިން ގަތުމަށް ބީލަން ހުށަހެޅުން އޮންނާނީ ނުވައެއް ފެބްރުއަރީ އަދި 16 ފެބްރުއަރީގައެވެ. އަދި ބީލަމަށް ހުޅުވާލުން ވެސް ހަމަ އެ ދެދުވަހު އޮންނާނެ ކަމަށާއި ބީލަން ފޮތް ގަތުމާއި މައުލޫމާތު ސާފުކުރުމުގެ މަރުހަލާ އީމެއިލް މެދުވެރިކޮށް ކުރިއަށް ގެންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ ބީޗް ފްރޮންޓާއި ބީޗް ސައިޑުގެ ބިންތަކަށް ހުށަހަޅާ ބީލަމުގެ ބިޑް ސެކިއުރެޓީ ގޮތުގައި 320،000 ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ދެ ވަނަ ފިޔަވަހިން ބިން ވިއްކައިގެން ލިބޭ ފައިސާ ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ސްކޫލްތަކަށާއި މަގުތަކާއި އަދި އެހެނިހެން އިޖުތިމާއީ އުމްރާނީ ބޭނުންތައް ފުރިހަމަކުރަން ކަމަށްވެސް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން މީގެ ކުރިން ބުނެފައިވަނީ ހުޅުމާލެ ފިޔަވަހި އެކަކުން ބިން ގަނެފައިވާ މީހުންނަށް ފިޔަވަހި ދޭކުން ބިން ނުވިއްކާނެ ކަމަށެވެ.

ދެވަނަ ފިޔަވަހިން މީގެ ކުރިން ވެސް ބިން ވިއްކަން ހުޅުވައިލިއެވެ. އެކަމަކު މާލޭގެ ތޮއްޖެހުމަށް ލުޔެއް ހޯދަން ހިއްކި ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން ބިން ވިއްކުން އިންސާފުވެރި ނޫން ކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރުކުރުމުން އެކަން ވަނީ ހުއްޓާލައިފައެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން 240 ހެކްޓަރުގެ ބިން ވަނީ ހިއްކައިފައެވެ. ބޮޑު އާބާދީއަކަށް އަމާޒުކޮށްފައިވާ އެތަނުގައި ސޯޝަލް ހައުސިންއަށް 6،720 ފްލެޓާ އެކު ގިނަ އިމާރާތްތަކެއްގެ މަސައްކަތް މިހާރު ވެސް ކުރަމުން އެބަދެއެވެ.