އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމި ނިންމުމަކީ އިންސާފުވެރި ނިންމުމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްގެ، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ބުނެފިއެވެ.
އޭސީސީގައި އެންމެ ފަހަށް ތިއްބެވި ތިން މެމްބަރުން ކަމަށްވާ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބު ރައީސް ފާތުމަތު އަނޫލާ އަދި މެމްބަރު އާއިޝަތު އަބުދުﷲ ކޮމިޝަނުގެ މެމްބަރުކަމުން ވަކިކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން، ރޭ ފާސްކޮށް މަޖިލިސް ތަޅުމަށް ވަނީ ފޮނުވައިފައެވެ.
އެކަމާ ގުޅިގެން އެ ބޭފުޅުން މިއަދު ވަނީ އޭސީސީގެ މެމްބަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.
ކޮމިޓީގެ ނިންމުމާ ގުޅިގެން އެމްއެންޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އޭސީސީގެ މެންބަރުން ވަކިކުރަން ކޮމިޓީން ނިންމި މައިގަނޑު ސަބަބަކީ އެމްއެމްޕީއާރުސީގެ ހިޔާނާތާއި އެފަދަ އެހެނިހެން މައްސަލަތައް ތަހުގީގުކޮށް އިންސާފު ގާއިމުކޮށްފައި ނުވުމާއި އޮޑިޓާ ޖެނެރަލްގެ އޮފީހުން ހެދި ޕާފޯމަންސް އޮޑިޓް ރިޕޯޓު ކަމަށެވެ.
ނަމަވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތައް ބެލުމަށް "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" 17 ނޮވެމްބަރު 2018 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ގަރާރަކުން އުފައްދަވާފައިވާ ކަމަށާއި ގާނޫނީ ގޮތުން އޭސީސީއަށް ވުރެ ބޮޑެތި ބާރުތަކެއް އެ ކޮމިޝަނަށް ދީފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތާއި ކުރީގެ ސަރުކާރުން ހިންގާފައިވާ ހިޔާނާތުގެ އެހެނިހެން މައްސަލަތައް ބަލަމުން ދަނީ އެސެޓް ރިކަވަރީ ކޮމިޝަންގެ ބެލުމުގެ ދަށުން ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ކަމަށްވާއިރު، މައްސަލަތައް އެކަށީގެންވާ ގޮތަށް ބެލިފައި ނެތްކަމަށް ބުނެ، ހަމައެކަނި އޭސީސީގެ މެމްބަރުން ޒިންމާދާރު ކުރުވުމަށް މަގާމުން ވަކި ކުރުމަކީ އިންސާފުވެރި ގޮތެއްނޫން ކަމަށްވެސް ބުނެފައިވެއެވެ.
އޭސީސީ މެމްބަރުން ވަކިކުރަން ކޮމިޓީން ނިންމި ދެވަނަ ސަބަބަކީ އޮޑިޓާ ޖެނެރަލްގެ އޮފީހުން ހެދި ޕާފޯމަންސް އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ކަންކަން ކަމަށްވާއިރު އެއީ އެކެއް ޖެނުއަރީ 2015 އިން 31 ޖުލައި 2020 ގެ ނިޔަލަށް އޭސީސީން ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށް ބިނާކޮށް ހަދާފައިވާ އޮޑިޓެއް ކަމަށް ވެސް އެޕާޓީން ބުނެފައިވެއެވެ.
އޭސީސީގައި މިހާރު ތިއްބެވި މެމްބަރުންނަކީ ނުވައެއް ސެޕްޓެމްބަރު 2019 ގައި އެމަގާމަށް އައްޔަންކޮށްފައިވާ ބަޔަކަށް ވާއިރު، އެ މުއްދަތުގެ ކުރިން އޭސީސީން ހިންގާފައިވާ ތަހުގީގުތަކުގައި އަމަލު ކޮށްފައިވާ ގޮތުގެ ޒިންމާ މިހާރު ތިއްބެވި މެމްބަރުން ނަންގަވަން ޖެހުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ.
މަޖިލިސް ރިސެސްގައި އޮތް ދުވަސްތަކެއްގައި، ދައުރުން ބޭރުން ޖަލްސާތައް ބާއްވައި އޭސީސީގެ މެމްބަރުންގެ މަގާމުތައް ހުސްވެ، އެ ކޮމިޝަނަށް އަލުން މެމްބަރުން އައްޔަން ކުރުމަކީ ދިގު މުއްދަތެއް ހޭދަވާނެ ކަމަކަށްވާއިރު، ގާނޫނުއަސާސީން އުފައްދާފައިވާ މިފަދަ މުހިއްމު މުއައްސަސާއެއްގެ މަސައްކަތްތައް ހުއްޓި، އެ ކޮމިޝަން ގާނޫނީ ހުސްކަމެއްގެ ތެރެއަށް ދިއުމަކީ އެކަމުގެ ސަބަބުން ގާނޫނީ އިތުރު މައްސަލަތަކެއް ދިމާވާނެ ކަމެއް ކަމަށްވެސް އެ ޕާޓީން ބުނެފައިވެއެވެ.
އޭސީސީގެ މެމްބަރުން ވަކި ކުރުމުގެ މަސައްކަތް ކޮމިޓީގައި ކުރިއަށްދިޔައިރު، އެ މައްސަލަ ދިރާސާ ކުރަން އިތުރު ވަގުތު ދޭންޖެހޭ ކަމަށާއި ހަމައެކަނި ޕާފޯމަންސް އޮޑިޓް ރިޕޯޓަށް ބަލައިގެން އެ މެމްބަރުން ވަކި ނުކުރެވޭނެ ކަމަށް ވިދާޅުވެ، އެންމެ ބޮޑަށް ވަކާލާތު ކުރެއްވީ އެމްއެންޕީގެ ނައިބު ރައީސް އަދި މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމްއެވެ. އުޝާމް އަކީ އެ ކޮމިޓީގެ މެމްބަރެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު