ކޮވިޑް-19ގެ ބަލިމަޑުކަމަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ފަހުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ އިއްޔެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެ ރާއްޖެއަށް 7,098 ޓޫރިސްޓުން އައިސްފައިވެއެވެ. މިއީ މިއަހަރުގެ ތެރޭގައިވެސް 7000 ޓޫރިސްޓުން ރާއްޖެ އައި ފުރަތަމަ ފަހަރެވެ.

މީގެ ކުރިން އެއް ދުވަހާ އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ. އެއީ 6,955 ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެގެ ނިޔަލަށް 1,294,392 ޓޫރިސްޓުން ރާއްޖެ އައިސްފައިވެއެވެ. މިއަހަރުގެ ތެރޭގައި ރާއްޖެ އަންނާނެ ކަމަށް ލަފާކުރި 1.3 މިލިއަން ޓޫރިސްޓުންގެ އަދަދު ހަމަވާން ބާކީ ބޭނުންވާނީ 5,508 ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނި ގޮތުގައި, އެ އަމާޒު މިއަދު ހާސިލުވާނެއެވެ. އަދި އެކަމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ކުޑަ ރަސްމިއްޔާތެއްވެސް ބޭއްވުމަށް ވަނީ ނިންމައިފައެވެ.