އޭސީސީގައި ތިއްބެވި ތިން މެންބަރުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައި މަޖިލިސް ތަޅުމަށް ފޮނުވާފައި ވަނިކޮށް އެ ތިން މެންބަރުން ވެސް އިސްތިއުފާ ދެއްވައިފިއެވެ.
އޭސީސީގެ މަސައްކަތްތައް އެންމެ އެދެވޭ ސްޕީޑުގައި ކުރިއަށް ނުދާކަމަށް ފެންނާތީ އާއި އޮޑިޓް އޮފީހުން ހެދި ޕާފޯމަންސް އޮޑިޓުން ވެސް އެގޮތަށް ދައްކާ ކަމަށްބުނެ އޭސީސީގައި އެންމެ ފަހުން ތިއްބެވި ތިން މެންބަރުން އެ ކޮމިޝަނުން ވަކިކުރަން ކޮމިޓީން ނިންމީ ރޭ އޮތް އެ ކޮމިޓީގެ ބައްދަލުވުމުގައެވެ.
އޭސީސީގެ މީޑިއާ އޮފިޝަލު ހަސަން މަނިކު "ވަން އޮންލައިން" އަށް މިއަދު ވިދާޅުވީ، އެ ކޮމިޝަނުގައި ތިއްބެވި ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބު ރައީސް ފާތުމަތު އަނޫލާ އާއި މެންބަރު އާއިޝަތު އަބުދުﷲ ކޮމިޝަނުގެ މެންބަރުކަމުން މިއަދު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
އެ ބޭފުޅުން ކޮމިޝަނުން ވަކި ކުރަން މަޖިލިސް ކޮމިޓީން ރޭ ފާސްކުރީ، އެކަން މަޖިލިސް ތަޅުމުގައި އިއުލާނު ކުރުމަށްފަހު އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވުމުން، ލިޔުމުން ޖަވާބުދާރީވުމަށް އޭސީސީގެ މެންބަރުންނަށް ފުރުސަތު ދިނުމަށްފަހުގައެވެ.
ކޮމިޓީން ބޭއްވި ރޭގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވީ ލިޔުމުން ޖަވާބު ދާރީވުމަށް ކޮންމެ މެންބަރަކުވެސް 21 ސަފުހާއަށްވުރެ ދިގު ސިޓީއެއް ކޮމިޓީއަށް ފޮނުވާފައިވާ ކަމަށެވެ. އެ ސިޓީތައް ކޮމިޓީއަށް ފޮނުވީ އިއްޔެ މެންދުރު ކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ.
ރޭގެ ބައްދަލުވުމުގައި އެ ލިޔުންތައް ދިރާސާ ކުރުމަށް އެކަށީގެން ވާ ވަގުތު ލިބިފައި ނުވާކަމަށް ވިދާޅުވެ އެކަމަށް އިތުރު ވަގުތު ދިނުމަށް، ކޮމިޓީގައި ތިއްބެވި ޖޭޕީގެ އިސްދޫ ދާއިރާގެ އަލީ ހަމީދާއި އެމްއެންޕީގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވަރަށް ބޮޑަށް ވަކާލާތު ކުރެއްވިއެވެ. އަދި އެކަމަށް ޓަކައި ތިން ދުވަހުގެ މުއްދަތެއް ދިނުމަށް އަލީ ހަމީދު ހުށަހެޅުއްވުމުން އުޝާމް ތާއީދުވެސް ކުރެއްވިއެވެ.
ނަމަވެސް އެކަމަށް އެކަށީގެންވާ ވަގުތު ދެވިފައިވާ ކަމަށް ވިދާޅުވެ އޭސީސީ މެންބަރުން ވަކި ކުރަން ކޮމިޓީން ފާސްކުރަން އެމްޑީޕީގެ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު ހުށަހެޅުއްވިއެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ އެމްޑީޕީގެ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމެވެ.
އެ ހުށަހެޅުން ކޮމިޓީން ފާސްކުރީ ކޮމިޓީ ބައްދަލުވުމުގައި ތިއްބެވި އަށް މެމްބަރުންގެ ތެރެއިން އެމްޑީޕީގެ ފަސް މެންބަރުން ވޯޓު ދެއްވައިގެންނެވެ.
އޭސީސީގެ މަސައްކަތްތައް އެކަށީގެންވާ ބާރު މިނުގައި ކުރިއަށް ނުދާ ކަމަށް ބުނެ އެ ކޮމިޝަންގެ ހުރިހާ މެންބަރުން ވަކި ކުރުމުގެ މަސައްކަތް މިިނިވަން މުއައްސަސާތަކުގެ ކޮމެޓީން ފެށީ މަޖިލިސް ޗުއްޓީގައި އޮއްވައި ދައުރުން ބޭރުންނެވެ.
މަޖިލިސް ގަވާއިދު ބުނާގޮތުން މިނިވަން މުއައްސަސާއެއްގެ މެންބަރުންތަކެއް މަޖިލިސް ކޮމިޓީއަކަށް ފެނިގެން ވަކި ކުރާނަމަ، އެކަން އެކޮމިޓީން ޖެހޭނީ މަޖިލީހަށް ހުށަހަޅާށެވެ. އަދި އެފަދަ މައްސަލައެއް މަޖިލީހަށް ހުށަހެޅުމުން އެކަން މަޖިލީހުގެ ރައީސް މަޖިލީހުގައި އިއުލާން ކުރުމަށްފަހު ބަހުސް ކުރުމަކާ ނުލައި އެ މައްސަލަ ދިރާސާ ކުރުމަށް ކަމާ ގުޅޭ ކޮމިޓީއަށް ފޮނުވަން ވާނެއެވެ.
އެހެންކަމުން އޭސީސީގެ މެންބަރުން ވަކި ކުރުމުގެ މައްސަލަ ކޮމިޓީން މަޖިލީހަށް ފޮނުވުމުން، މިމަހު 16 ވަނަ ދުވަހު ދައުރުން ބޭރުން ބޭއްވި މަޖިލިސް ޖަލްސާގައި މަޖިލިސް ރައީސް އެކަން އިއުލާނުކުރައްވައި، އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް އަލުން ކޮމިޓީއަށް ފޮނުއްވިއެވެ.
އެކަމަށް ޓަކައި ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބޭއްވީ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެމަތިން މަޖިލީހުގެ 31 މެންބަރަކު އެކަމަށް ޓަކައި މަޖިލީހުގެ ޖަލްސާތަކެއް ބާއްވައި ދިނުމަށް އެދިވަޑައިގެން މަޖިލީހުގެ ރައީސަށް ހުށަހެޅުއްވުމުންނެވެ. އެކަމަށް އެދިވަޑައިގެން ހުށަހެޅުއްވި ހުރިހާ މެންބަރުންނަކީވެސް އެމްޑީޕީގެ މެންބަރުންނެވެ.
ފަސް މެންބަރުން ތިއްބަވާ އޭސީސީގެ ހުރިހާ މެންބަރުން ވަކި ކުރުމަށް މިމަހު 16 ގައި މަޖިލީހަށް ހުށަހެޅުމާ ގުޅިގެން ދެ މެންބަރަކު ވަނީ ކުރީން އިސްތިއުފާ ދެއްވައިފައެވެ. އެއީ އިބްރާހިމް ޝަކީލް އާއި އަލީ އަޝްރަފު އެވެ.
ކޮމިޓީގެ ނިންމުމާ ގުޅިގެން އޭސީސީ އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އޭސީސީގެ މަސައްކަތަށް ފާޑު ކިޔާ ސިޔާސީ ފަރާތްތަކަކީ، އެ ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ މައްސަލަތަކާ ގުޅުން ހުރި ފަރާތްތައް ކަމަށާއި، ފާޑު ކިޔަނީ އެ ފަރާތްތަކާ ގުޅުން ހުރި ތަހުގީގުތައް ވަކި ދިމާއަކަށް އަނބުރާލުމަށް ކަމަށެވެ.
ވަކި ފަރާތަކަށް ބުރަ ނުވެ މަސްއޫލިއްޔަތު އަދާކުރުމުގެ ނަތީޖާއަކަށް ވީ މެންބަރުންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުން ކަމަށެވެ. އޭސީސީން ބުނީ، މިހާތަނަށް އެ ކޮމިޝަނުން ކޮށްފައިވާ މަސައްކަތުން ވަކި ފަރާތަކަށް ބުރަ ނުވެ މަސްއޫލިއްޔަތު އަދާކުރިކަން އެނގޭނެ ކަމަށެވެ. އަދި ކޮމިޝަނަށް ސިޔާސީ ނުފޫޒު ނުފޯރުވޭނެ ކަން ވެސް ސާބިތުކޮށްދީފައި ވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު