ކުޅިވަރު

ލުކާކޫ ވިދާލި މެޗުގައި ޗެލްސީން ވިލާ ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީން ކުޅުނު މެޗުގައި އެސްޓޮން ވިލާގެ މައްޗަށް ކުރި ހޯދައިފިއެވެ.

ރަށުން ބޭރުގައި ރޭ ކުޅުނު މެޗު ޗެލްސީން ކާމިޔާބުކުރީ ފަހަތުން އަރައި، 3-1 ގެ ނަތީޖާއަކުންނެވެ. "ބޮކްސިން ޑޭ"ގެ ފަހު މެޗެއްގެ ގޮތުގައި ރޭ ޗެލްސީން ކުޅުނު މެޗުން މޮޅުވެ، އެޓީމުން ވަނީ ލީގު ތާވަލުގެ ދެވަނައިގައި އޮތް ލިވަޕޫލާ ޕޮއިންޓުގެ ގޮތުން ހަމަކޮށްފައެވެ. ޗެލްސީން 19 މެޗުން ހޯދި 41 ޕޮއިންޓާއެކު ލިވަޕޫލާ ހަމަކުރި އިރު، ލިވަޕޫލަށް 41 ޕޮއިންޓް ލިބިފައި ވަނީ 18 މެޗުންނެވެ. މި ހަފުތާގައި ލިވަޕޫލުން ލީޑްސްއާ ދެކޮޅަށް ކުޅެން އޮތް މެޗު، ކޮވިޑް 19ގެ ސަބަބުން ވަނީ ފަސްކޮށްފައެވެ.

އެސްޓޮން ވިލާއިން މެޗަށް ނުކުތީ އެސިސްޓެންޓް ކޯޗުގެ އިރުޝާދުގެ ދަށުންނެވެ. ވިލާގެ ކޯޗު ސްޓީވަން ޖެރާޑް ކޮވިޑަށް ޕޮޒިޓިވް ވެ، މިވަގުތު ހުރީ އެކަހެރިވެގެންނެވެ. ޖެރާޑް އެނބުރި ބެންޗަށް އަންނާނީ މި ހަފުތާ ތެރޭގައި އޮންނަ މެޗަށް ފަހުގައެވެ.

ރޭ ކުޅުނު މެޗުގެ 28 ވަނަ މިނެޓުގައި ވިލާއިން ލީޑު ނެގީ ރީސް ޖޭމްސް އަތުން ބައިކޮޅަށް ވަން ގޯލަކާ އެކުގައެވެ. އަރިމަތިން މެޓް ޓާގެޓް ނެގި ހުރަސް ޗެލްސީ ގޯލަށް ވަނީ ރީސް ޖޭމްސްގެ ފައިގައި ޖެހި މިސްރާބު ބަދަލު ވެގެންނެވެ. އެ ގޯލަށް ހަ މިނެޓުވެސް ނުވަނީސް ޗެލްސީއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ވިލާގެ އޭރިއާ ތެރެއިން ކޭޝް، ކަލުމް ހަޑްސަން އޮޑޯއީއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްދިނީ ޖޯޖީނިއޯ އެވެ.

ދެވަނަ ހާފަށް ޗެލްސީން ވަނީ ބެލްޖިއަމްގެ ފޯވަޑް ލުކާކޫ ކުޅެން ނެރެފައެވެ. ރޭގެ މެޗަށް ލުކާކޫ ނުކުތީ ކޮވޑް 19ގެ ސަބަބުން މެޗުތަކެއް ގެއްލިފައި ހުންނަން ޖެހުމަށް ފަހުއެވެ. އަދި އޭގެ ކުރިން އަނިޔާގެ ސަބަބުންވެސް ލުކާކޫއަށް މެޗުތަކެއް ގެއްލިފައިވެއެވެ. ދެވަނަ ހާފުގައި ޗެލްސީއަށް ލީޑު ނަގައިިދިން ގޯލު ޖަހައި، ތިންވަނަ ގޯލަށް ފުރުސަތު ފަހި ކުރުމުގައި ލުކާކޫގެ ދައުރު ފެނުނީ ބޮޑުކޮށެވެ.

ތިންވަނަ ގޯލަކީ ލުކާކޫއަށް އޭރިއާ ތެރެއިން ވިލާގެ ޑިފެންޑަރު ކުރި ފައުލަކަށް ލިބުނު ޕެނަލްޓީގައި ޖޯޖީނިއޯ ޖެހި ގޯލެކެވެ. ޗެލްސީއަށް މިހާތަނަށް 12 ޕެނަލްޓީއެއް ލީގުގައި ލިބިފައިވާ އިރު، އޭގެ ތެރެއިން 10 ޕެނަލްޓީއެއް ކާމިޔާބުކޮށްދިނީ ޖޯޖީނިއޯއެވެ.