އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މަސައްކަތަށް ފާޑު ކިޔާ ސިޔާސީ ފަރާތްތަކަކީ، އެ ކޮމިޝަނުން ތަހުގީގުކުރަމުން އަންނަ މައްސަލަތަކާ ގުޅުން ހުރި ފަރާތްތައް ކަމަށާއި، ފާޑު ކިޔަނީ އެ ފަރާތްތަކާ ގުޅުން ހުރި ތަހުގީގުތައް ވަކި ދިމާއަކަށް އަނބުރާލުވަން ކަމަށް އޭސީސީން ބުނެފިއެވެ.
އޭސީސީން އެގޮތަށް އިއްޔެ ބުނީ، އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ އޭސީސީގެ ޕާފޯމަންސް އޮޑިޓަށް ރައްދު ދެއްވައެވެ. އޭސީސީން ބުނީ ވަކި ފަރާތަކަށް ބުރަ ނުވެ މަސްއޫލިއްޔަތު އަދާކުރުމުގެ ނަތީޖާއަކަށް ވީ މެންބަރުންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުން ކަމަށެވެ. އޭސީސީން ބުނީ، މިހާތަނަށް އެ ކޮމިޝަނުން ކޮށްފައިވާ މަސައްކަތުން ވަކި ފަރާތަކަށް ބުރަ ނުވެ މަސްއޫލިއްޔަތު އަދާކުރިކަން އެނގޭނެ ކަމަށެވެ. އަދި ކޮމިޝަނަށް ސިޔާސީ ނުފޫޒު ނުފޯރުވޭނެ ކަން ވެސް ސާބިތުކޮށްދީފައި ވާނެ ކަމަށެވެ.
އެ ކޮމިޝަނަށް ފާޑު ކިޔުން އަމާޒުވަނީ ސިޔާސީ ވިސްނުމަކަށް ނުވަތަ ވަކި ފަރާތަކަށް ބެލުމެއްނެތި ތަހުގީގުތައް ކުރިއަށްގެންގޮސް ނިންމުންތައް ނިންމާތީ ކަމަށް އޭސީސީން ބުންޏެވެ. ފާޑުކިޔާ ފަރާތްތަކަކީ އޭސީސީން ތަހުގީގުކުރާ މައްސަލަތަކާ ގުޅުން ހުރި ފަރާތްތައް ކަމަށް ވެސް އޭސީސީން ބުންޏެވެ. އަދި އެފަދަ މީހުންގެ ބޭނުމަކީ ސިޔާސީ މަސައްކަތްތައް ވަކި ޓާގެޓްތަކެއް ކަނޑައަޅައި ކޮމިޝަނާ ދެކޮޅަށް އަމާޒުކޮށް ކޮމިޝަންގެ މަސައްކަތް ފެއިލްކޮށްލުން ކަމަށެވެ.
ނަމަވެސް އިހުލާސްތެރިކަމާއެކު ވަކި ފަރާތަކަށް ބުރަނުވެ މަސްއޫލިއްޔަތު އަދާކުރުމުން ނަތީޖާއަކަށް ވީ ވޭތުވެމިދިޔަ ދެ އަހަރު ތެރޭގައި މެންބަރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ތަކުރާރުކޮށް ރައްޔިތުންގެ މަޖިލީހުން މަސައްކަތް ކުރުން ކަމަށް އޭސީސީއިން ބުންޏެވެ.
"ސިޔާސީގޮތުން ވަކި ފަރާތަކަށް ބުރަ ނުވާކަމާއި، ކޮމިޝަނަށް ނުފޫޒު ނުފޯރުވޭނެކަން ވާނީ ސާބިތުކޮށްދީފައެވެ. ކޮމިޝަނުގެ ތަހުގީގުތައް ކުރިއަށްގެންދިއުމުގައިވެސް ވަކި ސިޔާސީ ވިސްނުމަކަށް ނުވަތަ ވަކި ފަރާތަކަށް ބެލުމެއްނެތި ތަހުގީގުތައް ކުރިއަށްގެންގޮސް ނިންމުންތައް ނިންމާތީ އެކަމުގެ މަސްލަހަތު ހިމެނޭ ފަރާތްތަކުގެ ފާޑުކިޔުންތައް ކޮމިޝަނަށް ތަކުރާރުކޮށް އަމާޒުވެއެވެ. އެފަދަ މީހުންގެ ސިޔާސީ މަސައްކަތްތައް ވަކި ޓާގެޓްތަކެއް ކަނޑައަޅައި ކޮމިޝަނާ ދެކޮޅަށް އަމާޒުކުރެއެވެ. އަދި ނިޒާމުގެ އެތެރެއިންނާއި ބޭރުން އެކި ސިފަސިފައިގައި ކޮމިޝަނުގެ މަސައްކަތްތައް ފެއިލްކޮށްލުމަށް މަސައްކަތްކުރިތަން ފެނިގެންދިޔައެވެ. ނަތީޖާއަކަށް ވެގެންދިޔައީ މި ކޮމިޝަނުގެ ދައުރުގައި ވޭތުވެމިދިޔަ ދެ އަހަރު ތެރޭގައި ކޮމިޝަނުގެ މެންބަރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ތަކުރާރުކޮށް މަސައްކަތް ކުރުމެވެ."
މީގެ އިތުރުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި އުސޫލާ ހިލާފަށް މީހުން ހާޒިރުކުރާކަމަށް ކޮމިޓީން ފާހަގަކުރި މައްސަލައަށް ރައްދު ދެއްވައި އޭސީސީން ބުނީ، އޭސީސީގެ ގާނޫނުގައި ކޮމިޝަނުގެ މަސްއޫލިއްޔަތެއްގެ ގޮތުގައި ތަހުގީގުކުރުން ހިމެނޭއިރު، ކޮމިޝަނުގެ ތަހުގީގުތައް ކުރިއަށް ގެންދިއުމުގައި ބަލަމުން ގެންދަނީ ކޮމިޝަނުގެ ގާނޫނުނާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނާއި، ކޮމިޝަނުގެ ތަހުގީގު ކުރުމުގެ އިޖުރާއަތުގެ ގަވާއިދާއި އަދި އެހެނިހެންވެސް ގުޅުން ހުރި ގާނޫނުތަކާއި ގަވާއިދުތަކަށް ކަމަށެވެ. އަދި ބުނީ މައްސަލަތައް ތަހުގީގުކުރަނީ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކަން ކޮމިޝަނުން ކަށަވަރުކުރާ ކަމަށެވެ. ތަހުގީގުތައް ހިންގުމުގެ އިޖުރާއަތްތައް ފުރިހަމަކުރުން ބިނާކުރާނީ، ގާނޫނީ ތަރަހައިގެ ތެރޭގައި ކަމަށާއި ތުހުމަތުކުރެވޭ ފަރާތުގެ މަގާމަށް ނުވަތަ ހައިސިއްޔަތަށް ބަލައިގެނެއް ނޫން ކަމަށް އޭސީސީއިން ބުންޏެވެ.
"ކޮމިޝަނުގެ ތަހުގީގުތައް ކުރިއަށް ގެންދިއުމުގައި ބަލަމުން ގެންދަނީ ކޮމިޝަނުގެ ގާނޫނުނާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނާއި، ކޮމިޝަނުގެ ތަހުގީގު ކުރުމުގެ އިޖުރާއަތުގެ ގަވާއިދު އަދި އެހެނިހެންވެސް ގުޅުން ހުރި ގާނޫނުތަކާއި ގަވާއިދުތަކަށެވެ. ގާނޫނުތަކާއި ގަވާއިދުތަކުގެ ތަރަހައިގެ ތެރެއިން ކޮމިޝަނުގެ ތަހުގީގުތައް ހިނގަމުންދާނެކަން ކޮމިޝަނުން ކަށަވަރުކުރާނެއެވެ. އަދި ކޮމިޝަނުގެ ތަހުގީގުތައް ހިންގުމުގެ އިޖުރާއަތްތައް ފުރިހަމަކުރުން ބިނާކުރާނީ، މި ދެންނެވި ގާނޫނީ ތަރަހައިގެ ތެރޭގައެވެ. އެއްގޮތަކަށްވެސް ތުހުމަތުކުރެވޭ ފަރާތުގެ މަގާމަށް ނުވަތަ ހައިސިއްޔަތަށް ބަލައިގެނެއް ނޫނެވެ." އޭސީސީން ބުންޏެވެ.
އޭސީސީން އިތުރަށް ބުނީ، އޮޑިޓްގައި ބެލި ހަތަރު އަހަރާއި އަށް މަސް ދުވަހަކީ އޭސީސީގައި މިހާރު ތިބި މެންބަރުން މަގާމުގައި ތިބި މުއްދަތެއް ނޫން ކަމަށެވެ. މިއަދާ ހަމައަށް މިދައުރުގެ މެންބަރުންގެ މުއްދަތުގެ ތެރެއިން މިވީ ދެ އަހަރާއި ތިން މަހާއި 17 ދުވަސްކަމަށެވެ. 31 ޖުލައި 2020އާ ހަމައަށް މިދައުރުގެ މެންބަރުކަމުގެ މުއްދަތުން ހިނގާފައިވަނީ 10 މަސް ދުވަސްކަން ވެސް އޭސީސީއިން ފާހަގަކުރިއެވެ.
އޮޑިޓު ރިޕޯޓުގައި، އޮޑިޓުގެ ސްކޯޕު (އޮޑިޓު ކުރެވޭ މުއްދަތު) އޭސީސީއާ ހިއްސާކޮށްފައިވާ ކަމަށް ބުނެފައިވާއިރު، އޮޑިޓު ފެށުމަށް ކޮމިޝަނާއެކު ބޭއްވި ބައްދަލުވުމުގައި، އޮޑިޓުގެ ސްކޯޕަކީ 2015 އިން ފެށިގެން 2019ގެ ނިޔަލަށް ކަމަށް ބުނެފައިވާ ކަމަށް އޭސީސީން ބުންޏެވެ. އެހެންކަމުން، އޮޑިޓުގެ ސްކޯޕް ބަދަލުކޮށް، 2020 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ސްކޯޕު ފުޅާކޮށްފައިވަނީ އޭސީސީއާ މަޝްވަރާކޮށް އެއްބަސްވިގޮތާ ހިލާފަށް ކަމަށް އޭސީސީން ބުންޏެވެ.
އިއްޔެ އޭސީސީން އޮޑިޓް އޮފީހުގެ ރިޕޯޓަށް ރައްދު ދިން އިރު މިއަދުގެ ހަވީރުގެ ވަގުތެއްގައި މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ އޭސީސީގެ މެންބަރުންގެ އިތުބާރު ނެތްކަމަށް ފާސްކޮށް މަގާމުން ވަކިކުރަން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ނިންމައިފައެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން
އެންޓި ކޮރަޕްޝަން ކޮމިޝަން
އެންޓި ކޮރަޕްޝަން ކޮމިޝަން