އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި މިހާރު ތިއްބެވި ތިން މެންބަރުން އެ ކޮމިޝަނުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވައިފިއެވެ.

އޭސީސީގައި މިހާރު ތިއްބެވި އެކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބު ރައީސް ފާތުމަތު އަނޫލާ އާއި މެމްބަރު އާއިޝަތު އަބުދުﷲ ކޮމިޝަނުގެ މެންބަރުކަމުން ވަކި ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ފާސްކުރީ، އެކަން މަޖިލިސް ތަޅުމުގައި އިއުލާން ކުރުމަށްފަހު އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވުމުން، ލިއުމުން ޖަވާބުދާރީވުމަށް އޭސީސީ މެމްބަރުންނަށް ފުރުސަތު ދިނުމަށްފަހުގައެވެ.

ކޮމިޓީން މިއަދު ބޭއްވި ޖަލްސާގައި މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ ލިޔުމުން ޖަވާބު ދާރީވުމަށް ކޮންމެ މެމްބަރަކުވެސް 21 ސަފުހާއަށްވުރެ ދިގު ސިޓީއެއް ކޮމިޓީއަށް ފޮނުވާފައިވާ ކަމަށެވެ. އެ ސިޓީތައް ކޮމިޓީއަށް ފޮނުވީ މިއަދު މެންދުރު ކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ.

އެކަމާބެހޭގޮތުން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އެ ލިޔުންތައް ދިރާސާ ކުރުމަށް އެކަށީގެންވާ ވަގުތު ލިބިފައި ނުވާކަމަށް ބުނެ އެކަމަށް އިތުރު ވަގުތު ދިނުމަށް، ކޮމިޓީގައި ތިއްބެވި ޖޭޕީގެ އިސްދޫ ދާއިރާގެ އަލީ ހަމީދާއި އެމްއެންޕީގެ ވިލިމާލެ ދާއިރާގެ މެމްބަރު އަމުމަދު އުޝާމް ވަރަށް ބޮޑަށް ވަކާލާތު ކުރެއްވިއެވެ. އަދި އެކަމަށްޓަކައި ތިން ދުވަހުގެ މުއްދަތެއް ދިނުމަށް އަލީ ހަމީދު ހުށަހެޅުއްވުމުން އުޝާމް ތާއީދުވެސް ކުރެއްވިއެވެ.

ނަމަވެސް އެކަމަށް އެކަށީގެންވާ ވަގުތު ދެވިފައިވާ ކަމަށް ވިދާޅުވެ އޭސީސީ މެމްބަރުން ވަކި ކުރަން ކޮމިޓީން ފާސްކުރަން އެމްޑީޕީގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު ހުށަހެޅުއްވިއެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ އެމްޑީޕީގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމެވެ.

އެ ހުށަހެޅުން ކޮމިޓީން ފާސްކުރީ ކޮމިޓީ ބައްދަލުވުމުގައި ތިއްބެވި އަށް މެމްބަރުންގެ ތެރެއިން އެމްޑީޕީގެ ފަސް މެމްބަރުން ވޯޓު ދެއްވައިގެންނެވެ.

އޭސީސީގެ މަސައްކަތްތައް އެކަށީގެންވާ ބާރު މިނުގައި ކުރިއަށްނުދާ ކަމަށްބުނެ އެ ކޮމިޝަންގެ ހުރިހާ މެމްބަރުން ވަކި ކުރުމުގެ މަސައްކަތް މިިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފެށީ މަޖިލިސް ޗުއްޓީގައި އޮއްވައި ދައުރުން ބޭރުންނެވެ.

މަޖިލިސް ގަވާއިދު ބުނާގޮތުން މިނިވަން މުއައްސަސާއެއްގެ މެމްބަރުންތަކެއް މަޖިލިސް ކޮމިޓީއަކަށް ފެނިގެން ވަކި ކުރާނަމަ، އެކަން އެކޮމިޓީން ޖެހޭނީ މަޖިލީހަށް ހުށަހަޅާށެވެ. އަދި އެފަދަ މައްސަލައެއް މަޖިލީހަށް ހުށަހެޅުމުން އެކަން މަޖިލީހުގެ ރައީސް މަޖިލީހުގައި އިއުލާން ކުރުމަށްފަހު ބަހުސް ކުރުމަކާ ނުލައި އެ މައްސަލަ ދިރާސާ ކުރުމަށް ކަމާ ގުޅޭ ކޮމިޓީއަށް ފޮނުވަން ވާނެއެވެ.

އެހެންކަމުން އޭސީސީގެ މެމްބަރުން ވަކި ކުރުމުގެ މައްސަލަ ކޮމިޓީން މަޖިލީހަށް ފޮނުވުމުން، މިމަހު 16 ވަނަ ދުވަހު ދައުރުން ބޭރުން ބޭއްވި މަޖިލިސް ޖަލްސާގައި މަޖިލިސް ރައީސް އެކަން އިއުލާނުކޮށް، އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް އަލުން ކޮމިޓީއަށް ފޮނުވިއެވެ.

އެކަމަށްޓަކައި ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބޭއްވީ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެމަތިން މަޖިލީހުގެ 31 މެމްބަރަކު އެކަމަށްޓަކައި މަޖިލީހުގެ ޖަލްސާތަކެއް ބާއްވައި ދިނުމަށްއެދި މަޖިލީހުގެ ރައީސަށް ހުށަހެޅުމުންނެވެ. އެކަމަށް އެދި ހުށަހެޅި ހުރިހާ މެމްބަރުންނަކީވެސް އެމްޑީޕީގެ މެންބަރުންނެވެ.

ފަސް މެމްބަރުން ތިއްބަވާ އޭސީސީގެ ހުރިހާ މެމްބަރުން ވަކި ކުރުމަށް މިމަހު 16 ގައި މަޖިލީހަށް ހުށަހެޅުމާ ގުޅިގެން ދެ މެމްބަރަކު ވަނީ އިސްތިއުފާ ދެއްވައިފައެވެ. އެއީ އިބްރާހިމް ޝަކީލް އާއި އަލީ އަޝްރަފުއެވެ.