އދ. ދަނގެތީގައި އަނިޔާވެރި ގޮތަކަށް މަރާލުމަށްފަހު ފެންވަޅަކަށް ވައްޓައިލައިފައި އޮއްވައި ފެނުނު މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލައިގައި މިއަދު ބާއްވަން އޮތް ޝަރީއަތް ކެންސަލް ކޮށްފިއެވެ.

އެ މައްސަލައިގައި ދައުވާކޮށްފައި ވަނީ ބަނގުލާދޭޝް ރައްޔިތެއް ކަމަށްވާ ޝާ އަލޮމް މިއާ (ސާލިމް) ގެ މައްޗަށެވެ.

އެ މައްސަލައިގައި އޭނާގެ މައްޗަށް ދެ ދައުވާއެއް ކޮށްފައިވެއެވެ. އެއީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާ އެވެ.

މި ދެ ދައުވާގެ އަޑުއެހުން ތާވަލްކޮށްފައި އޮތީ މިއަދު ހެނދުނު 10:30 އަށެވެ. މިއަދުގެ ޝަރީއަތް ކެންސަލް ކުރީ ކީއްވެގެން ކަމެއް ކޯޓުން ނުބުނެއެވެ.

މަހުމޫދު މަރާލުމަށްފަހު ބޮލާއި ފައިގައި ގޯންޏެއް އަޅުވައި، ފަޅުގެއެއްގައި ހުރި ވަޅަކަށް ވައްޓާލާފައި އޮއްވައި ފެނުނީ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުގެ ރޭ އޮތް ސާފް ޗެމްޕިއަންޝިޕް މެޗަށްފަހު އޭނާ ގެއިން ނުކުމެގެން ދިޔަ ގޮތަށް ހަބަރެއް ނުވެގެން ހޯދަމުން އަންނަނިކޮށެވެ.

މަހުމޫދު ގެ ހަށިގަނޑު ފެނުނުއިރު 30 ތަނަކަށް ވަޅިން ހަމަލާދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މި މައްސަލައިގައި ސާލިމްގެ މައްޗަށް ކުށް ސާބިތު ކުރެވޭ ވަރަށް ހެކި އެބަހުރި ކަމަށެވެ. އަދި މަހުމޫދު މަރައިލި ކަމަށް އޭނާ އެއްބަސްވެފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.