މޯލްޑިވަސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ށ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަ ކުރާނީ ކޮމަންޑޫއަށް އުފަން އަބްދުލް ހަންނާން އިދުރީސް ކަމަށް އެ ޕާޓީން ބުނެފިއެވެ.
އެމްއެންޕީއިން މިއަދު މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ، އެމްއެންޕީގެ ޓިކެޓް ބޭނުންވާ ފަރާތްތަކަށް އެޕާޓީން ފުރުސަތު ހުޅުވާލުމުން ކުރިމަތިލާފައި ވަނީ ހަންނާން އެކަނި ކަމަށެވެ. އެހެންވެ އެ ޕާޓީގެ ކައުންސިލުން ހަންނާނަށް ޓިކެޓު ދިނުމަށް ނިންމާފައިވާ ކަމަށެވެ.
ތައުލީމީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރުމަށްފަހު މިހާރު ހަންނާނަކީ އަމިއްލަ ވިޔަފާރީގައި އުޅުއްވާ ބޭފުޅެވެ. އެމްއެންޕީ އުފެއްދުމަށް އެންމެ ފުރަތަމަ ސޮއި ކުރެއްވި ބޭފުޅުންގެ ތެރޭގައި ވެސް ހަންނާން ހިމެނެއެވެ.
ހަންނާން ވަނީ 2013 އިން 2019 އަށް ވިލާ ކޮލެޖުގެ ޝަރީއާ އެންޑް ލޯ ފެކަލްޓީގެ މެނޭޖަރެއްގެ މަގާމު އަދާކުރައްވައިފައެވެ. އަދި ހދ. ހަނިމާދޫ ސުކޫލާއި ރ. އިނގުރައިދޫ ސޫކޫލާއި ނ. މާފަރު ސުކޫލާއި ރ. ހުޅުދުއްފާރު ސުކޫލުގެ އިތުރުން ށ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ކަން ކުރައްވާފައިވެއެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާނެ ކަމަށް މިހާތަނަށް އިއުލާން ކޮށްފައި ވަނީ އެމްއެންޕީގެ އިތުރުން އެމްޑީޕީ އާއި ޕީޕީއެމުންނެވެ. ޖުމްހޫރީ ޕާޓީއިން ބުނެފައިވަނީ ބައި އިލެކްޝަނުގައި ވާދަކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
އެމްޑީޕީގެ ފަރާތުން ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރަނީ ފޯކައިދޫ ކައުންސިލްގެ ރައީސް ކަން މިދިޔަ ތިން ދައުރު ކުރެއްވުމަށްފަހު މިހިނގާ ދައުރުގައި ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލް މަގާމުގައި ހުންނެވި މުހައްމަދު ރާޝިދުއެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލީ އެ ދާއިރާގެ މެންބަރެއްގެ ގޮތުގައި ހުންނެވި ހުސައިން ވަހީދު މިމަހުގެ 14 ވަނަ ދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެންނެވެ.
ބައި އިލެކްޝަންގައި ވާދަކުރުމަށް އީސީން ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. ވޯޓުލުން ކުރިއަށް ދާނީ އަންނަ އަހަރުގެ ފެބްރުއަރީ ފަސްވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު