ގައުމީ ޓީމުގެ މެޗުތަކެއްގެ ތެރެއިން އަނިޔާވި ޒުވާން ދެ ފޯވާޑުން ކަމަށްވާ މުހައްމަދު ޖައިލަމް (އޮގީ) އާއި މުހައްމަދު ނާއިމް، އަނެއްކާވެސް ކަކުލުގެ އޮޕަރޭޝަން ކޮށްފިއެވެ.
އެ ދެކުޅުންތެރިން ވަނީ މިދިޔަ އަހަރު ކުރީކޮޅުގައިވެސް ކަކުލުގެ އޮޕަރޭޝަން ކޮށްފައެވެ. އީގަލްސްގެ ފޯވަޑް، އުމުރުން 25 އަހަރުގެ ނާއިމްގެ ކަކުލަށް އެންމެ ފުރަތަމަ އަނިޔާވީ 2019 ވަނަ އަހަރު އޮކްޓޫބަރު މަހު ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު މެޗެއްގައެވެ. އެ އަނިޔާއިން ރަނގަޅުވުމަށް މިދިޔަ އަހަރު ކުރީކޮޅު އޮޕަރޭޝަންކޮށް، އަނިޔާއިން ރަނގަޅުވެ ކުޅެމުން ދިޔަ ނާއިމްއަށް ދެން އަނިޔާވީ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ގައުމީ ޓީމުން ގަތަރުގައި ކުރިއަށް ގެންދިޔަ ކޭމްޕުގައި ކުޅުނު އެކުވެރިކަމުގެ މެޗެއްގެ ތެރެއިންނެވެ.
ނާއިމްގެ އޭސީއެލް އަށް ލިބުނު އަނިޔާގެ ސަބަބުން އޮޕަރޭޝަން ކުރީ އިއްޔެ އޭޑީކޭ ހޮސްޕިޓަލުންނެވެ.
ގްރީން ސްޓްރީޓްސްގެ ފޯވަޑު، އުމުރުން 22 އަހަރުގެ އޮގީގެ ކަކުލަށް އެންމެ ފުރަތަމަ ސީރިއަސް އަނިޔާއެއް ލިބުނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިންނެވެ. އެ އަނިޔާއިން ރަނގަޅު ވެ، އޮގީ މިއަހަރު ދަނޑު މައްޗަށް ނުކުތް ނަމަވެސް، 23 އަހަރުން ދަށުގެ ގައުމީ ޓީމާ އެކު އޭޝިއާގެ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ވާދަކުރަން ބަހްރޭނުގައި ކުޅެނިކޮށް އަނެއްކާވެސް ކަކުލަށް އަނިޔާ ލިބުނެވެ. ގައުމީ ޓީމުގެ ފަރާތުން ބުނެފައި ވަނީ އޮގީ ފައިގެ އޭސީއެލް އަދި މެނިސްކަސް އަށް ލިބުނު އަނިޔާއިން ރަނގަޅުވުމަށް އިއްޔެ އޭޑީކޭން އޮޕަރޭޝަން ކޮށްފައިވާ ކަމަށެވެ.
އޮޕަރޭޝަން ކުރި ދެ ކުޅުންތެރިން އެނބުރި އަންނާނެ ޔަގީން ތާރީހެއް އަދި ނޭނގެއެވެ. ކަކުލުގެ އޮޕަރޭޝަންތަކަށްފަހު އެނބުރި އަންނަން އާންމުކޮށް އަހަރަކާ ގާތް ކުރާ ވަރަށް މުއްދަތު ނަގައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު