އެންސްޕާ އާއި ޒަކާތު ފަންޑު މެދުވެރިކޮށް ފިލިޕީންސްގައި ތިބި ދިވެހި ދަރިވަރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފިލިޕީންސަށް އެރި ބާރުގަދަ ތޫފާން، ރާއީއަކީ މިއަހަރު އެގައުމަށް އެރި އެންމެ ބާރުގަދަ ތޫފާނެވެ. އެ ތޫފާނުގައި ގަޑިއަކު 195 ކިލޯމީޓަރު (121 މޭލު) ބާރުމިނުގައި ވައި ޖެހި، އެގައުމުގެ އެކި ސަރަހައްދުތަކުން ބިންގަނޑު ކަނޑައިގެން ގޮސް އެކި ސިޓީތަކަށް ވަނީ ބޮޑެތި ގެއްލުން ލިބިފައެވެ. މިގޮތަށް ގެއްލުންވި އެއް ސިޓީއަކީ ސީބޫއެވެ. އެ ސިޓީގައި ގާތްގަނޑަކަށް ރާއްޖޭގެ 45 ދަރިވަރުން ދިރިއުޅެއެވެ.

ފޮރިން މިނިސްޓްރީން މިރޭ ބުނީ ފިލިޕީންސްގެ ސޭބޫ ސިޓީގައި ތައުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންތަކެއް ދިރިއުޅެމުން ދިޔަ ޑޯމިޓަރީއަށް ބޮޑެތި ގެއްލުންތަކެއްވެ، ފެނާއި ކަރަންޓު ކެނޑި، މުއާސަލާތީ އަދި އެހެނިހެން އަސާސީ ހިދުމަތްތަކަށް ބުރޫ އަރާފައިވާ ކަމަށެވެ.

"އެކަމުގެ ސަބަބުން ހާލުގައި ޖެހިފައިވާ ދަރިވަރުން އަސާސީ ހިދުމަތްތައް ލިބެންހުރި ހިޔާވައްސަކަށް ވަގުތީގޮތުން ބަދަލުވުމަށްޓަކައި އެންސްޕާ އާއި ޒަކާތު ފަންޑު މެދުވެރިކޮށް ދިވެހި ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފި،" ފޮރިން މިނިސްޓްރީން ބުންޏެވެ.

ދަރިވަރުން ދިރިއުޅެމުން ދިޔަ ސަރަހައްދަށް ކަރަންޓުގެ ހިދުމަތް އިއާދަކޮށް ފެނާއި އެހެނިހެން އަސާސީ ހިދުމަތްތައް ދިނުމަށް ފިލިޕީންސްގެ ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށާއި އެކަމަށް މަހެއްހާ ދުވަސް ހޭދަވާނެ ކަމަށް ފިލިޕީންސްގެ އެމްބަސީން ބުނެފައިވާ ކަމަށެވެ. އެހެންވެ ދިވެހި ސަރުކާރުން އެއްމަސް ދުވަހުގެ މުއްދަތަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ދަރިވަރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މިނިސްޓްރީން ކަމާ ގުޅުންހުރި އިދާރާތަކާއެކު ކުރަމުންގެންދާ ކަމަށެވެ.

ސީބޫ ސިޓީގައި ހުންނަ އެއާވޯކްސް އޭވިއޭޝަން އެކެޑަމީގައި ހުރި ދަރިވަރަކު އިއްޔެ "ވަން" އަށް ކިޔައިދިން ގޮތުގައި ޑޯމް ބިލްޑިންގުގެ އޯލްޑް ބިލްޑިންގުގެ ތިން ރޫމެއްގެ ސީލިން ވެއްޓި, އެއް ކޮޓަރީގެ ފުރާޅުގެ ޓިނުގަނޑު ނައްޓައިގެން ގޮސްފައިވާ ކަމަށާއި އާ ބިލްޑިންގެ ކޮރިޑޯގެ ސީލިން އާއި ތިން ރޫމެއްގެ ސީލިން ވެއްޓިފައިވާ ކަމަށެވެ. އަދި ދަރިވަރުން ނިދަނީ ހޯލްވޭ ތަކާއި ޑޯމެޓްރީގެ ޑްރައިވޭގައި ކަމަށްވެސް އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި މުޅި ސަރަހައްދުން ކަރަންޓު ކެނޑި ފެނުގެ ހިދުމަތްވެސް ނުލިބޭ އިރު, އެ ހިދުމަތް ހަމައެކަނި ލިބެނީ ހޮސްޕިޓަލާއި މޯލްއަކުންނެވެ. އަދި ކަރަންޓު އެންމެ އަވަހަށްވެސް ލިބޭނެ ކަމަށް އެގައުމުގެ ސަރުކާރުން ބުނަނީ މަހެއްހާ ދުވަސް ފަހުންނެވެ.

ދަރިވަރު ބުނި ގޮތުގައި މިވަގުތު ބޯނެ ފެން އެބަހުއްޓެވެ. ނަމަވެސް އެހެނިހެން ކަންކަމަށް ފެން ލިބުމަށް ދަތިވެފައިވާތީ, ފެން ހޯދައި ފެން ވަރައިގެން އުޅެނީ ކައިރި ގެތަކުގެ ފެން ވަޅުންނެވެ.

އެތަނުގައި ތިބި ދަރިވަރުން ބުނި ގޮތުގައި އެމީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ފޭރޭ މީހުންގެ އުނދަގޫ ބޮޑު ސަރަހައްދަކަށް އެތަން ވުމެވެ. ޑޯމެޓްރީގައި ސެކިއުރިޓީ ގާޑަކާއި ތަން ބަލަހައްޓާނެ މީހަކު ހުއްޓަސް, ތޫފާނުގައި ޖެހުނު ވައިގައި ޑޯމެޓްރީގެ ދަގަނޑު ގޭޓު "ފަތްޖެހިފައި" ވާތީ, އެކަމުގެ ނުރައްކާ ބޮޑު ކަމަށް ދަރިވަރުން ބުންޏެވެ.

އޭނާ ބުނި ގޮތުގައި, ފޭރޭ މީހުންގެ ނުރައްކާ އޮތުމުން, ދަރިވަރުން ނިދަނީ ޑިއުޓީ ބަހައިގެން ކަމަށެވެ.

"ވަން" އާ ވާހަކަ ދެއްކި ދަރިވަރަކު ބުނި ގޮތުގައި, ކެއްކުމަށާއި ޒަރޫރީ ބޭނުންތަކަށް ހުރިހާ ކުދިންވެސް ބޭނުންކުރަނީ ކަރަންޓު ސާމާނު ކަމަށާއި ނަމަވެސް ކަރަންޓު ކެނޑިފައިވާތީ, އެ އެއްޗެހި ބޭނުން ނުކުރެވޭ ކަމަށެވެ. ގުރޫޕްތަކަށް ކައްކައިގެން އުޅުނަސް, ކައްކާނެ އުނދުނެއް ނެތް ކަމަށާއި ގޭސްފުޅިވެސް ބާކީ ހުރީ އެންމެ ފުޅިއެއް ކަމަށް ބުންޏެވެ.

ދަރިވަރު ބުނި ގޮތުގައި, ނެޓްވޯކް ނުލިބުމުގެ ސަބަބުން އެ ހާލަތުގައި ތަނަކަށް ގުޅަންވެސް ދާން ޖެހެނީ ދިރިއުޅޭ ސަރަހައްދާ ނުވަ ކިލޯ މީޓަރު ދުރުގައި ހުންނަ ގައިސަނޯ ގްރޭންޑް ނަމަކަށް ކިޔާ މޯލްއަށެވެ. އެ ސަރަހައްދުގައި އުޅޭ އެންމެން ދާ ތަނަކީވެސް އެއީއެވެ. ނަމަވެސް މޯލްއާ ހިސާބަށް ގޮސް ގުޅުމަށްވެސް ކުރަން ޖެހެނީ އުނދަގޫ ދަތުރެކެވެ.

އެ ދަރިވަރު ބުނި ގޮތުގައި, ގިނަ ކުދިންނަށް ފޮނުވާ ފައިސާ ނަގަނީ މަހަކު އެއް ފަހަރު ނުވަތަ ދެ މަހުން އެއް މަހުއެވެ. ނަމަވެސް ތޫފާނުގެ ސަބަބުން މިއަދު ފައިސާ ނެގޭނެ ގޮތެއްވެސް ނެތެވެ. އަތުގައި ހުރި މަދު ޑޮލަރުކޮޅު މާރު ކުރެވޭނެ ގޮތެއް ނެތް އިރު, އެކަން ކޮށްދޭން ގިނަ ބަޔަކު ދެކޮޅު ހަދައެވެ.