ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިންޑިއާގެ ރައްޔިތެއް ކަމަށްވާ ސުގަންޔާ ދޫކޮށްލުމަށް ކުރި އަމުރު ބާތިލު ކޮށް އަލުން އޭނާ ހައްޔަރު ކުރަން ހައިކޯޓުން އަމުރު ކޮށްފިއެވެ.
މި މައްސަލައަކީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން އިންޑިއާގެ ރައްޔިތެއް ކަމަށްވާ ޝަތީޝް ކުމާރު ހިންގާ ކުންފުންޏެއްގައި ވަޒީފާ އަދާ ކުރަމުންދިޔަ އިންޑިއާގެ ދެ ރައްޔިތުން ކަމަށްވާ ސުގަންޔާ އާއި ވަސަންތާ ކުމާރާ ދެމީހުން ވެގެން ޝަތީޝް އަށް ހަމަލާދީ އޭނާއަށް އަނިޔާ ކޮށް އޭނާ މަރައިލާން އުޅުނު ކަމަށްބުނާ މައްސަލައެކެވެ.
މި މައްސަލައަށް ސުގަންޔާ ދީފައިވާ ބަޔާނުގައި ބުނެފައި ވަނީ، އޭނާ މާލެ ގެނައީ އެ ކުންފުނީގެ މުވައްޒިފެއްގެ ގޮތުގައެވެ. ނަމަވެސް އޭނާ ރާއްޖެ އެތެރެ ވެފައި ވަނީ ޓޫރިސްޓް ވިސާގައި މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ގައެވެ.
މި މައްސަލައައި ހިމެނޭ ވަސަންތާ އަކީ ވެސް ޝަތީޝްގެ މުވައްޒިފެއް ކަމަށާއި، ނަމަވެސް އޭނާ ރާއްޖެ އެތެރެ ވެފައި ވަނީ ޝަތީޝް ދުބާއީގައި ކުރާ ވިޔަފާރީގެ މަސައްކަތް ކުރުމަށް އެ ގައުމަށް ދިއުމުގެ ކުރިން ކަރަންޓީން ވުމުގެ ބޭނުމުގައި ޓޫރިސްޓް ވިސާގައި ކަމަށްވެސް ބުނެފައިވެއެެވެ.
މިހާދިސާ ހިނގިއިރު އެ ތިން މީހުންވެސް އުޅެމުންދިޔައީ ހުޅުމާލެ ކޮލަމްބޯ ކެފޭ ހުންނަ އިމާރާތުގެ ފުރަތަމަ ފަންގިފިލައިގައެވެ.
މިމީހުންގެ މެދުގައި މައްސަލަ ޖެހިފައި ވަނީ، 80،000 ރުޕީސްގެ މުސާރައެއް ދޭނަމޭ ކިޔައިގެން ސުގަންޔާ ވަޒީފާއަށް ރާއްޖެ ގެނަސް ތިން މަސް ވެގެންދިޔައިރުވެސް ޝަތީޝް އޭނާއަށް މުސާރަ ނުދޭ މައްސަލަ އާއި، ކަރަންޓީނު ނިމުމުންވެސް ވަސަންތާ ދުބާއީއަށް ނުފޮނުވައި އެ ކުންފުނީގައި މަސައްކަތް ކުރުވުމާއި މުސާރައިގެ ގޮތުގައި ކުޑަ އުޖޫރައެއް ކަމަށްވާ 20،000 ރުޕީސް ދޭ މައްސަލައިގައެވެ. މީގެ އިތުރުން އެމީހުން ހުޅުމާލެއަށް ބަދަލު ވުމުގެ ކުރިން މާލޭގައި ކުއްޔަށް ހިފައިގެން އުޅުނު އެޕާޓްމެންޓަށް ނުދައްކައި އޮތް 17،000 ރުފިޔާގެ މައްސަލައިގައި އެ ފައިސާ ދައްކަން ޖެހޭ، އިންޑިއާގެ ރައްޔިތެއް ކަމަށްވާ އެންތޮނީ، ޝަތީޝްގެ އިތުރުން ސުގަންޔާ އާއި ވަސަންތާ އަށް މަރުގެ އިންޒާރު ދިން މައްސަލަވެސް އޭގެ ތެރޭގައި ހިމެނެއެވެ.
އެއީ ވަސަންތާއަށް އެންތޮނީ މަރުގެ އިންޒާރު ދިނީ ޝަތީޝްގެ ސަބަބުން ކަމަށް ބުނެ އޭނާ ޝަތީޝްގެ ލޯމަތީގައި ޖަހާފައި ވާތީއެވެ.
އިތުރަށް މައްސަލަ ގޯސްވެ ސުގަންޔާ އާއި ވަސަންތާ ވެގެން ޝަތީޝް އެއްވެސް ތަނަކަށް ދިޔަނުދީ ކޮޓަރީގައި ބަންދުކޮށް އޭނާގެ ވޮލެޓާއި ފޯނު ގަދަކަމުން އަތުލައި އޭނާގެ ބޭންކު އެކައުންޓުން ތިރީސް ހާހާއި ސާޅީސް ހާހާ ދެމެދުގެ އިންޑިއާ ރުޕީސް ސުގަންޔާގެ ބޭންކު އެކައުންޓަށް ޓްރާންސްފާ ކުރި ކަމަށްވެސް ބުނެފައިވެއެވެ.
އެންމެ ފަހުން ހުސްވި ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުގެ ރޭ ދަންވަރު އެ ދެމީހުން ވެގެން އެކި ގޮތްގޮތުން ޝަތީޝް މަރާލަން އުޅުނު ކަމަށާއި، އެ އެޕާޓްމަންޓްގައި ތަޅާފޮޅުން ގިނަވެގެން އެ މައްސަލަ ފުލުހަށް ރިޕޯޓު ކުރީ ޖެހިގެން މައްޗަށް ހުރި ފަންގިފިލާގައި އުޅުނު އަލީ ޣާނިމް ކިޔާ މީހެއް ކަމަށްވެސް ބުނެފައިވެއެވެ.
މި މައްސަލައިގައި އެމީހުން ހައްޔަރު ކޮށް ބަންދުގެ މުއްދަތު ޖަހަމުން ގެންގޮސްފައި ވަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުންނެވެ.
ނަމަވެސް ސުގަންޔާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ހުސްވި ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން އެކޯޓުން އޭނާ ޝަތުރުކޮށް ދޫކޮށްލަން އަމުރު ކުރިއެވެ.
މި ހުކުމަކީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ކުރި އެ އަމަރު ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބެލުމަށްފަހު ކުރި ހުކުމެކެވެ. މި މައްސަލައިގައި އިއްޔެ ހައިކޯޓުން ހުކުމް ކޮށްފައި ވަނީ، ސުގަންޔާ ދޫކޮށްލުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ނިންމި ނިންމުން ބާތިލުކޮށް 15 ދުވަހުގެ މުއްދަތަށް އޭނާ ބަންދުގައި ބެހެއްޓުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު