ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު، އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ހައްޔަރުކޮށްފި އެވެ.
"ވަން" އަށް ކަށަވަރުވެފައިވާ ގޮތުގައި، ޖާބިރު ހައްޔަރުކޮށްފައި ވަނީ މިއަދުގެ ވަގުތެއްގަ އެވެ. ޖާބިރު ހައްޔަރުކުރީ އޭނާ ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ސިވިލް ކޯޓުން ކޮށްފައިވާ އަމުރެއް ތަންފީޒު ކުރުމުގެ ގޮތުން ކަން ވެސް ވަނީ އެނގިފަ އެވެ.
ޖާބިރު މިއަދު ހައްޔަރު ކުރި އިރު އޭނާ ހުންނެވީ ހުވަދުއަތޮޅުގެ ކޮންމެވެސް ރަށެއްގަ އެވެ. އެހެން ނަމަވެސް އެއީ ސީދާ ކޮން ރަށެއް ކަން އަދި ވަނީ ޔަގީން ކުރެވޭ ގޮތް ނުވެފަ އެވެ.
ޖާބިރު ހައްޔަރު ކުރި އިރު، އޭނާއާ ގުޅޭ ގިނަ ޝަކުވާތަކެއް ސޯޝިއަލް މީޑިއާގައި އެކި ފަރާތްތަކުން އަންނަނީ ކުރަމުންނެވެ. އޭނާއާ ގުޅޭ ބައެއް މައްސަލަތައް ކޯޓު ތަކަށާއި ފުލުހުންނަށް ވެސް ހުށަހަޅާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
ޖާބިރުގެ އަމަލުތައް މި ފަހަކަށް އައިސް ހުންނަ ގޮތުން، އޭނާ ހައްޔަރުކޮށް، މައްސަލަތައް ބަލަން ސިޔާސީ އެކި ފަރާތްތަކުން ވެސް ވަނީ ގޮވާލައިފަ އެވެ. އަދި އޭނާ ހައްޔަރުކުރުމަށް އާންމުންގެ ތެރެއިން ވެސް ގިނަ ބަޔަކު އަންނަނީ ގޮވައިލަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބައެއް ދުވަސްދުވަހު ޖާބިރު ދައްކަވާފައިވާ ވާހަކަތަކަކީ މެމްބަރުންނަށް ލިބިވަޑައިގަންނަވާ އިމްތިޔާޒުގެ ދަށުން ވިޔަސް ދެއްކެވޭނެ ވާހަކަތަކެއް ނޫން ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
ކާށީދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު
ކާށީދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު