ބަންގުލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރައްވާ ޖަލްސާ، ބުރާސްފަތި ދުވަހު ހަވީރު ބާއްވަން ނިންމައިފިއެވެ.
ބަންގުލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ، ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ މާދަމާ މެންދުރުގެ ވަގުތެއްގައި, ބިމާން ބަންގުލަދޭޝް އެއާލައިންގެ ވީވީއައިޕީ ފުލައިޓެއްގައެވެ.
މަޖިލީހުގެ އިދާރާއިން މިއަދު ބުނީ ބަންގުލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ ތަގުރީރު ކުރެއްވުމަށް ބާއްވާ ޖަލްސާ އޮންނާނީ ބުރާސްފަތި ދުވަހުގެ ހަވީރު 4:00ގައި ކަމަށެވެ.
ބަންގުލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ، ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން އެ މަޖިލީހުގެ ޖަލްސާގައި ތަގުރީރު ކުރެއްވުމުގެ ދައުވަތު އެރުއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ އިއްޔެއެވެ. ދައުރުން ބޭރުން އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެކަމަނާއަށް ދައުވަތު އެރުވުމަށް ފާސްކުރީ ޖަލްސާއަށް ވަޑައިގެން ތިއްބެވި 45 މެންބަރުންގެ ތެރެއިިން 44 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
މަޖިލިސް ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވީ ބަންގުލަދޭޝްގެ ބޮޑުވަޒީރު މަޖިލީހަށް ވަޑައިގެން ތަގުރީރު ކުރައްވާ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް 153 ފަރާތަކަށް ދައުވަތު ދެއްވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި މަޖިލިސް މެމްބަރުންނާއި ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނާއި ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރެއްވި ބޭފުޅުންގެ ތެރެއިން 28 ބޭފުޅަކާއި މިނިސްޓަރު ފެންވަރުގެ ބޭފުޅުންގެ ތެރެއިން އަށް ބޭފުޅަކާއި ޗީފް އޮފް ޑިފެންސް ފޯސް އާއި ޕޮލިސް ކޮމިޝަނަރު ހިމެނިވަޑައިގަންނަވައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް, ބަންގުލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ރާއްޖެއާއި ބަންގުލަދޭޝްއާ ދެމެދު ހަތަރު އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވެއެވެ.
ސޮއިކުރާ އެއްބަސްވުންތަކުގެ ތެރޭގައި ދެގައުމުގެ ދެމެދުގައި ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމަކާއި ސިއްހީ ދާއިރާއާ ގުޅޭ އެއްބަސްވުމެއްގެ އިތުރުން ޒުވާނުންނާއި ކުޅިވަރު ތަރައްގީކުރުމާ ބެހޭ އެއްބަސްވުމެއް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އޭގެ އިތުރުން ދެގައުމުގެ ދެމެދު ސޮއިކޮށްފައިވާ ސިއްހީ ތަޖުރިބާކާރުން ރެކްރޫޓު ކުރުމުގެ އެއްބަސްވުން އާކުރުމަށްވެސް ހަމަޖެހިފައިވާ ކަމަށް ބަންގުލަދޭޝްގެ ނޫސްތަކުގައި ބުނެފައިވެއެވެ.
ރިޕޯޓުތައް ބުނާ ގޮތުން, މި ދަތުރުފުޅުގައި ދެގައުމުގެ ދެމެދު އޮތް ރަހުމަތްތެރިކަމުގެ ރަމްޒެއްގެ ގޮތުން ބަންގުލަދޭޝް އިން ރާއްޖެއަށް 13 އަސްކަރީ ވެހިކަލް ހަދިޔާކުރާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު