ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލާނެ ކަމަށް ބުނެ ތަކުރާރުކޮށް އިންޒާރުދިން ހ. ލައިޓްނައިޓް، އިސްމާއީލް ޔާފިސްގެ ނަފުސާނީ ހާލަތު ދެނެގަނެވެންދެން ޝަރީއަތުގެ މަރުހަލާތައް މަޑުޖައްސާލަން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

ޔާފިސްގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް ވަނީ އުފުލައިފައެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރަން ހިތްވަރު ދިނުމުގެ ދައުވާއާއި ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުމުގެ ދައުވާ އަދި ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރި ކަމުގެ ދައުވާއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އެ މައްސަލަތަކުގެ އަޑުއެހުމުގައި ޔާފިސްއަށް ކުރާ ދައުވާތައް ދައުލަތުން ވަނީ އިއްވައިފައެވެ. އެ ހުރިހާ ދައުވާތަކަށް ޔާފިސް އިންކާރުކުރިއިރު ދައުވާތަކުން ދިފާއުވުމަށް ވަކީލަކު ބޭނުންނުވާ ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި ދިފާއުގައި ހުށަހަޅާނެ ހެއްކެއް ނެތް ކަމަށާއި، ޝަރީއަތުގެ ކުރިން ހުށަހަޅާނެ ހުށަހެޅުމެއް ވެސް ނެތް ކަމަށް ބުނެފައެވެ.

ޔާފިސް ދައުވާއަށް އިންކާރުކުރުމުން ގާޒީ ވަނީ، ދައުވާއަށް އިންކާރުކުރާ ސަބަބު ސާފުކޮށް ދިނުމަށް އެދިފައެވެ. ނަފުސާނީ އަދި ޖިސްމާނީ އެއްވެސް ކަމެއް އުޅޭތޯއާއި އެފަދަ އެއްވެސް ސިއްހީ މައްސަލައަކަށް ފަރުވާ ހޯދާފައިވޭތޯ ވެސް ގާޒީ ވަނީ ޔާސިފުއާ ސުވާލު ކުރައްވައިފައެވެ.

ގާޒީގެ ސުވާލުތަކަށް ޖަވާބުދެމުން ޔާސިފު ބުނީ، "ސްކިޓްސްފްރީނިއާ" ކިޔާ ނަފުސާނީ ބައްޔަކަށް އޭނާ 2013 ވަނަ އަހަރާ ހަމައަށް ފަރުވާ ހޯދި ކަމަށެވެ. 2020 ވަނަ އަހަރުވެސް ނަފުސާނީ މައްސަލަތަކެއް ދިމާވެގެން ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ދެއްކި ވެސް ކަމަށް އޭނާ ބުންޏެވެ.

އެ ވާހަކަތަކާ ގުޅިގެން ދައުލަތުން ވިދާޅުވީ، 2013 ވަނަ އަހަރާ ހަމައަށް ޔާފިސް ފަރުވާ ހޯދީ ސައިކޮލޮޖިކަލް ބައްޔަކަށް ނޫން ކަމަށާއި ފުލުހުންގެ ބެލުމުގެ ދަށުން ޔާފިސް ނަފުސާނީ ޑޮކްޓަރަކަށް ދެއްކި ކަމަށެވެ. ނަމަވެސް އެކަމުގެ ލިޔެކިޔުންތައް އަދި ލިބިފައިނުވާ ކަމަށެވެ.

ދައުލަތުގެ ވާހަކަ ނިމުމުން ގާޒީ ވިދާޅުވީ، ތަހުގީގަށް ޔާސިފު ދިން ބަޔާނުންނާއި އޭގައި ދައްކާފައި ހުރި ވާހަކަތަކުން އޭނާގެ ނަފުސާނީ މައްސަލައެއް ހުރުމަކީ ވެދާނެ ކަމެއް ކަމަށެވެ. އެހެންކަމުން އޭނާގެ ހާލަތު ދެނެގަނެވެން ދެން ޝަރީއަތުގެ މަރުހަލާގެ އަޑުއެހުމެއް ނުބާއްވާނެ ކަމަށް ވިދާޅުވިއެވެ.

ގާޒީ ވަނީ، ޔާފިސް ފުލުހުންގެ ބެލުމުގެ ދަށުގައި ހުރުމުން މޯލްޑިވްސް ކަރެކްޝަން ސާވިސް (އެމްސީއެސް) އަށް ބަދަލުކުރެވޭނެ ދުވަހަކާއި، ސައިކައިއަޓްރިސްޓްގެ ލިޔެކިއުންތައް، އަދި އުނގޫފާރު ހޮސްޕިޓަލުން ހޯދި ފަރުވާގެ މައުލޫމާތު ހޯދުމަށް ދައުލަތަށް އަންގައިފައެވެ.

ގާޒީގެ ވާހަކަތައް ނިމުމުން ޔާފިސް ވަނީ ވާހަކަދެއްކުމުގެ ފުރުސަތަކަށް އެދިފައެވެ. އެ ފުރުސަތުގައި ޔާފިސް ބުނީ، އޭނާ ބޭނުން ވަގުތެއްގައި ދައުލަތުން ހަމަޖައްސައިދޭ ވަކީލު ދޫކޮށްލެވުމުގެ ފުރުސަތު އޮތްނަމަ، ވަކީލަކު ހަމަޖައްސައިދޭން އެދޭ ކަމަށެވެ.

އެގޮތަށް އެދުމުން ގާޒީ ވަނީ އެޓާނީ ޖެނެރަލްގެ އޮފީސް މެދުވެރިކޮށް ވަކީލަކު ހަމަޖައްސައިދޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އިތުރަށް ގާޒީ ވިދާޅުވީ، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ ފޯމު އަދި ދިފާއީ ހެކިންގެ ފޯމު ވެސް ޔާސިފަށް ދޫކޮށްދޭނެ ކަމަށާއި އެ ހުށަހެޅުންތައް ހުށަހެޅުމަކީ ޔާފިސްގެ އިހުތިޔާރުގައި އޮތްކަމެއް ކަމަށެވެ.

ޔާފިސް ވާހަކަދެއްކުން ހުރި ގޮތުގެ ސަބަބުން ގާޒީ ޖެހުނީ އެއް ސުވާލުތަކެއް ތަކުރާރުކޮށް ކުރާށެވެ. އަދި ޝަރީއަތުގެ މަރުހަލާތައް ކުރިއަށްގެންދާ ގޮތުގެ އިޖުރާއަތްތައް ޔާފިސްއަށް ބުނެދޭން ގާޒީ މަސައްކަތް ކުރެއްވިއެވެ.

މި މައްސަލަ ބައްލަވަނީ ގާޒީ ދީބަނާޒް ފަހުމީއެވެ.

މިދިޔަ ސެފްޓެމްބަރު 21 ވަނަ ދުވަހު ޔާސިފު ހައްޔަރު ކުރީ ރައީސް ނަޝީދު ރާއްޖެ ވަޑައިގެންފިނަމަ "ބަދުރު ދުވަހު އަބޫ ޖަހުލަށް ހަދާލި ގޮތް ހަދާނެ" ކަމަށް ބުނެ އިންޒާރުކޮށް ފޭސްބުކުގައި ޕޯސްޓެއް ކުރުމުންނެވެ. އަދި "ހައެއް ފަހެއް"ގައި ރައީސް ނަޝީދަށް ދިން ހަމަލާއަށްވުރެ ވަރުގަދަ ހަމަލާއެއް ދޭނެ ކަަމުގެ އިންޒާރުވެސް އޭނާ ދީފައިވެއެވެ.

ޔާސިފު ހައްޔަރުކުރުމަށްފަހު އެންމެ ފުރަތަމަ ބަންދުގެ މުއްދަތު ޖަހަން ގެންދިޔައީ އުނގޫފާރު ކޯޓަށެވެ. އުނގޫފާރު ކޯޓުގެ ހުރުމަތް ކަނޑާލައިގެން 15 ދުވަހަށް ޖަލަށް ލާން ހުކުމް ކުރިއެވެ.

އެފަހުން ކުރިމިނަލް ކޯޓަށް ޔާސިފު ހާޒިރުކުރުމުން އޭނާ ވަނީ ނަޝީދު އަވަހާރަކޮށްލާނެ ކަމަށް ބުނެ އިންޒާރުދީފައެވެ. ޔާސިފުގެ އަމަލަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބަލައި ގާޒީ އަލީ އާދަމް ނިންމެވީ އެއް މަހަށް ޖަލަށް ލުމަށް ހުކުމް ކުރާށެވެ. އެއް މަސް ދުވަހަށް ޖަލަށް ލާން ހުކުމް ކުރުމުންވެސް ޔާސިފު ބުނީ ނަޝީދު އަވަހާރަކޮށްލާނެ ކަމަށެވެ.

ޔާސިފަކީ ރ. މީދޫ މީހަކާ ކައިވެނިކޮށްގެން އެ ރަށުގައި އުޅޭ މާލޭ މީހެކެވެ. ފުލުހުން އޭނާ ހައްޔަރުކުރީ އޭނާގެ އަންހެނުންގެ ގޭގައި ހުއްޓައެވެ.