ރައްޔިތުންގެ މަޖިލީހުގެ ށ.ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެމްއެންޕީގެ މީޑިއާ އޮފިޝަލު، ވަން އޮންލައިން އަށް މިއަދު ވިދާޅުވީ، އިލެކްޝަންސް ކޮމިޝަންގައި ދަފްތަރު ކުރެވިފައިވާ އެ ޕާޓީގެ ކޮންމެ މެންބަރަކަށްވެސް އެ އިންތިހާބުގައި ވާދަ ކުރުމަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
ވީމާ، މި ބައި އިލެކްޝަންގައި ވާދަކުރަން ބޭނުންވާ އެޕާޓީގެ މެންބަރުން އެކަމަށް އެދޭ ފޯމް ފުރިހަމަކޮށް، ފޯމާއެކު ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކާއެކު، 23 ޑިސެމްބަރު ވާ ބުރާސްފަތި ދުވަހުގެ 5:00 ގެ ކުރިން ޕާޓީ އޮފީހަށް ހުށަހެޅުމަށް އެދޭ ކަމަށްވެސް ވިދާޅުވިއެވެ. އަދި ކަމާބެހޭ ފޯމު އެ ޕާޓީގެ މެއިލް އެޑްރެސް [email protected] އަށް މެއިލް ކުރެއްވުމުންވެސް ފޯމް ބަލައިގަންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
ކުރިމަތިލާ ފަރާތްތަކުގެ އަދަދަށް ބަލައި، އިންތިހާބަށް ކުރިމަތިލާނެ ފަރާތެއް ހޮވުމަށް ޕްރައިމަރީއެއް ބާއްވަން ޖެހޭ ހާލަތެއްގައި، މިމަހު 28 ގައި އެކަމަށް ޓަކައި ބާއްވާ ވޯޓުލުން ކުރިއަށްދާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
އެދުވަހުގެ ވޯޓު ލުން ކުރިއަށްދާނީ ހެނދުނު 10:00 ން ހަވީރު 5:00 އަށް ކޮމަންޑޫ ދާއިރާގެ ރަށްރަށުގެ އިތުރުން މާލޭގެ އެމްއެންޕީ އޮފީހުގައި ކަމަށްވެސް ބުނެފައިވެއެވެ.
މީޑިއާ އޮފިޝަލު ވިދާޅުވީ ކޮމަންޑޫ ދާއިރާއަށް އެ ޕާޓީން ވާދަ ކުރާނެ ކެންޑިޑޭޓެއް ކަނޑައަޅާނީ ޕާޓީގެ އިންތިހާބީ ކޮމިޓީން ކަމަށެވެ.
އެ ޕާޓީގެ އިންތިހާބީ ކޮމިޓީ އެކުލަވައިލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ބުރާސްފަތި ދުވަހުގެ ނިޔަލަށް އެ ކޮމިޓީގެ އެކުލަވާލައި ނިންމައިލެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ކުރިމަތި ލުމަށް ކަނޑައަޅާފައިވާ ހަމައެކަނި ޝަރުތަކީ ޕާޓީގެ މެންބަރަކަށް ވުން ކަމަށެވެ. އޭގެ އިތުރުން ކުރިމަތިލާ ފަރާތްތަކަށް އިސްކަންދޭނެ ވަކި ކަމެއް ކަނޑައަޅާފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް ކަމަށް ގާބިލު ތައުލީމީ މީހުން ކުރިމަތި ލުމަކީ އެދޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
ޕާޓީގެ ފަރާތުން އެ ގޮނޑިއަށް ކުރިމަތިލާން ކަނޑައަޅާ ފަރާތަށް ޕާޓީގެ ފަރާތުން މާލީ ގޮތުންނާއި އެހެން ގޮތްގޮތުން އެހީތެރިވެދޭނެ ކަމަށްވެސް އަސްރާ ވިދާޅުވިއެވެ.
ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ، އެ މަގާމު ފުރުއްވަމުން ގެންދެވި އެމްޑީޕީގެ މެންބަރު ހުސެއިން ވަހީދު ކެންސަރު ބަލީގައި އަވަހާރަވުމުންނެވެ. އޭނާ އަވަހާރަވީ އެ ބަލީގައި ހާލު ސީރިއަސް ވެ، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ. ކެންސަރު ބަލީގައި ހުސައިން ފަރުވާ ހޯއްދަވަމުން ގެންދަވާތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.
މޯލްޑިވްސް ނެޝަނަލް ޕާޓީ
މޯލްޑިވްސް ނެޝަނަލް ޕާޓީ
މޯލްޑިވްސް ނެޝަނަލް ޕާޓީ
މޯލްޑިވްސް ނެޝަނަލް ޕާޓީ