ވައިގެމަގުން ރާއްޖެއަށް މަސްވާތަކެތި އެތެރެކޮށް ވިއްކައި އެ ބޭނުންކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބްރެޒިލްގެ ރައްޔިތެއް ކަމަށްވާ ނައިރު ނުނެސް ޑިސްސޫޒާ ބަންދުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ކުރިއަމުރު ހައިކޯޓުން ބާހިލެއް ނުކޮށްދިނެވެ.
މިއީ ހުސްވި ނޮވެމްބަރު މަހުގެ ދެވަނަ ދުވަހު ވައިގެ މަގުން ރާއްޖެ އައި ބްރެޒިލްގެ ދެ މީހުން ކަމަށްވާ، ނައިރު ނުނެސް ޑިސްސޫޒާ އާއި ކުރިސްޓިއާނޯ ސިލްވާ ރޮޑްރިޖް ޖޫނިއާ އާ ދެމީހުން އިތުރު ބަޔަކާ ބައިވެރިވެގެން ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށް، ބޭނުންކޮށް، އެތަކެތީގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި އޭގެ ތެރެއިން ނައިރު ނުނެސް ޑިސްސޫޒާ ހައްޔަރު ކުރި މައްސަލައެކެވެ.
މި މައްސަލައާ ގުޅިގެން އެކި ދުވަސް މަތިން އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށް އެންމެ ފަހުން ފަސް ވަނަ ފަހަރަށް އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް މިމަހު އެއްވަނަ ދުވަހު ކުރިމިނަލް ކޯޓަށް ހުށަހެޅިއެވެ. ނަމަވެސް އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމުގެ ބަދަލުގައި އެއްވެސް ޝަރުތެއްނެތި އޭނާ ދޫކޮށްލަން ކުރިމިނަލް ކޯޓުން އަމުރު ކުރިއެވެ.
ކުރިމިނަލް ކޯޓުން އެގޮތަށް އަމުރު ކުރުމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
މި މައްސަލައިގެ އިސްތިއުނާފުގައި ޕީޖީން އެދިފައި ވަނީ ނައިރު ނުނެސް ޑިސްސޫޒާ ބަންދުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލުކޮށް ކަސްޓޯޑިއަލް ޖަލެއްގައި އޭނާ ބަންދު ކުރުމަށް އަމުރު ކޮށްދިނުމަށެވެ.
މިމައްސަލަ ބެލުމަށްފަހު ހައިކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނެފައި ވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ހުށަހަޅާފައިވާއިރު، އެ މައްސަލަގައި އިތުރު ހެއްކެއް ހޯދިފައި ނުވާ ކަމަށެވެ. މުއްދަތު އިތުރު ކޮށްދިނުމަށް އެދި ކޯޓަށް ހުށަހެޅި ފޯމުގައި ހެކި ނުވަތަ ގަރީނާގެ ގޮތުގައި ބަޔާންކޮށްފައި ވަނީ ފުރަތަމަ ދުވަހުވެސް ހިމަނާފައިވާ ތަކެތި ކަމަށްވާ، އޭނާއާއެކު ރާއްޖެ އައި ކްރިސްޓިއާނޯ ސިލްވާ ރޮޑްރިޖް ޖޫނިއާގެ ނަމުގައި ހުރި ލަގެޖުގެ ތެރެއިން އެއްކޮށް އެއް ޕެކެޓުގެ ގޮތުގައި ކޮކެއިން ޕެކެޓެއް ފެނިފައިވުމާއި، ސީނަށް ދިޔަ ފުލުހުން ބުނާ ބުނުމުގެ އިތުރުން މި ދެމީހުންގެ އަންނައުނު އަޅާފައި ހުރީ އެއް ލަގެޖަކަށް ވުމާއި މަސްތުވާތަކެތި އަޅާފައި ހުރި ލަގެޖުގައި ހުރީ ހަމައެކަނި މަސްތުވާތަކެތިކަމަށެވެ.
އޭނާ ބަންދުގައި 29 ދުވަސް ވީއަިރުވެސް ފުރަތަމަ ދުވަހު ލިބިފައިވާ ހެކި ގަރީނާ ފިޔަވައި އިތުރު ހެއްކެއް ގަރީނާއެއް ފުލުހުންނަށް ދެއްކިފައި ނުވާ ކަމަށްވެސް ބުނެފައިވެއެވެ.
އެއްވެސް މުއްދަތެއް ނެތް ގޮތަށް ފުލުހުންގެ ބަންދުގައި އޭނާ ބެހެއްޓުމަށް ހައިކޯޓުގައި އެދިފައިވާއިރު، އޭނާގެ މައްޗަށް ދައުވާ ކުރުމާއި ނުކުރުމާމެދު ގޮތެއް ނިންމާފައި ނުވާ ކަމަށްވެސް ހުކުމްގައި ބުނެފައިވެއެވެ.
ދޫކޮށްލައިފިނަމަ އޭނާގެ ކިބައިން މުޖުތަމައަށް އޮތް ނުރައްކަލެއް، ދައުލަތުން ބަޔާން ކޮށްދޭން ޖެހޭ ކަމަށާއި، ހަމައެކަނި އެހެން ބުނުމަކުން ނުފުދޭ ކަމަށްވެސް ބުނެފައިވެއެވެ.
ތުހުމަތު ކުރެވޭ މައްސަލައިގައި އޭނާ އިތުރަށް ބަންދުގައި ބަހައްޓަން ޖެހޭ ޝަރުއީ އަދި ގާނޫނީ ވިޔަސް ސަބަބެއް ދައުލަތަށް ދެއްކިފައި ނުވާ ކަަމަށް ވެސް ބުނެފައިވެއެވެ.
އެހެންކަމުން އޭނާ ދޫކޮށްލުމަށް ކުރިނަލް ކޯޓުން ކޮށްފައިވާ އަމުރު ބާތިލުކަމަށް ކަނޑައެޅެން ނެތް ކަމަށާއި ނައިރު ނުނެސް ޑިސްސޫޒާ ކަސްޓޯޑިއަލް ޖަލެއްގައި ބަންދުގައި ބެހެއްޓުމަށް އަމުރު ކުރާނެ ސަބަބެއްވެސް ނެތް ކަމަށް ހައިކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
ހައިކޯޓު
ހައިކޯޓު
ހައިކޯޓު