ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓަކު ހޮވަން ބާއްވާ ޕްރައިމަރީއަށް ކުރިމަތިލާން މިއަދު ހުޅުވާލައިފިއެވެ.

މިއަދު އެ ޕާޓީން ބުނީ، އަންނަ ފެބްރުއަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރާނެ ފަރާތެއް ކަނޑައެޅުމަށް ޓަކައި ޕީޕީއެމް/ޕީއެންސީގެ އެެތެރޭގެ ޕްރައިމަރީއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ޕީޕީއެމްގެ ޓިކެޓުގައި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރެވޭނެ ފަރާތްތަކުގެ މެދުގައި ބާއްވާ ޕްރައިމަރީގެ ވޯޓު ނެގުން އޮންނާނީ މިމަހު 26 ވަނަ ދުވަހު މެންދުރު 2:00 ފެށިގެން ހަވީރު 5:00 ޖެހުމާ ހަމައަށެވެ. އަދި ބައި އިލެކްޝަނުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަ ކުރުމަށް އެދޭ ފަރާތްތަކަށް އެކަމަށް އެދުމުގެ އެ ފުރުސަތު މިމަހުގެ 21 ވަނަ ދުވެހުން ފެށިގެން 23 ވަނަ ދުވަހުގެ ހަވީރު 4:00 ޖެހުމާ ހަމައަށް ހުޅުވާފައިވާކަމަށް ޕީޕީއެމުން ބުންޏެވެ.

އިދިކޮޅު ކޯލިޝަނުގެ މެންބަރެއްގެ ގޮތުގައި މިމަހުގެ 20 ވަނަ ދުވަހާ ހަމައަށް ރަޖިސްޓްރީ ވެފައިވާ މެމްބަރުންގެ ތެރެއިން ޕްރައިމަރީގައި ވާދަކުރަން ޝައުގުވެރިވާ ފަރާތްތަކުން، ފޯމުލުމަށް އެދޭކަމަށް ޕީޕީއެމުން ވަނީ ބުނެފައެވެ.

އެމްޑީޕީ، ޖުމްހޫރީ ޕާޓީ އަދި އެމްއެންޕީ އިން ކޮމަންޑޫ ދާއިރާގެ ޕްރައިމަރީއަށް ވަނީ ހުޅުވާލައިފައެވެ. އެންމެ ފުރަތަމަ ކޮމަންޑޫ ދާއިރާގެ ޕްރައިމަރީއަށް ވާދަކުރުމުގެ ފުރުސަތު ހުޅުވީ އެމްޑީޕީންނެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ، އެ މަގާމު ފުރުއްވަމުން ގެންދެވި އެމްޑީޕީގެ މެންބަރު ހުސެއިން ވަހީދު ކެންސަރު ބަލީގައި އަވަހާރަވުމުންނެވެ. އޭނާ އަވަހާރަވީ އެ ބަލީގައި ހާލު ސީރިއަސްވެ، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ. ކެންސަރު ބަލީގައި ހުސައިން ފަރުވާ ހޯއްދަވަމުން ގެންދަވާތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ން ވަނީ އަންނަ ފެބުރުއަރީ ފަސް ވަނަ ދުވަހު ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ބާއްވަން ނިންމައިފަ އެވެ.