އަރަބިއްޔާ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލައިގެ ދާއިމީ ހައްލަކަށް މިހާރުގެ ބާޖަމާލުއްދީން ހުރި ގޯތި ތެރޭގައި އާ އިމާރާތެއް އެޅުމަށް ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް އެކަން ހާމަކުރެއްވީ އަރަބިއްޔާ ސްކޫލުގެ ޕީޓީއޭގެ ބޭފުޅުންނާއި ބައްދަލުކުރައްވައި އެބޭފުޅުންގެ ކަންބޮޑުވުންތައް އެއްސެވުމަށް މިއަދު ހެނދުނު ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ބައްދަލުކުރެއްވުމުގައެވެ.
ރައީސް އޮފީހުން ބުނީ، އެ ބައްދަލުކުރެއްވުމުގައި އަރަބިއްޔާ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލައިގެ ދާއިމީ ހައްލަކަށް ސަރުކާރުން ނިންމާފައި ވަނީ މިހާރުގެ ބާޖަމާލުއްދީން ހުރި ގޯތި ތެރޭގައި ޖާގައިގެ ގޮތުން މިހާރަށްވުރެ ތަނަވަސް އާ އިމާރާތެއް އެޅުން ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށެވެ. އަދި އެ ބައްދަލުކުރެއްވުމުގައި މިހާރު އަރަބިއްޔާ ސްކޫލު ހިންގާ އިމާރާތުގައި ހުރި ދަތިތަކާއި އިމާރާތުގެ މައްސަލަތަކެއް ހުރުމުން އެޑިއުކޭޝަން މިނިސްޓްރީން ވަގުތީ ގޮތުން ދެއްވި ހައްލުތަކާމެދު ހުރި ކަންބޮޑުވުންތަކާއި އެމީހުން ބޭނުންވާ ގޮތްތައްވެސް ރައީސްއާ ހިއްސާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ އޮފީހުން ބުނީ، އަރަބިއްޔާގެ ބެލެނިވެރިން ހުށަހެޅި އިތުރު ކަންކަން ބަލައި އެކަންކަމަށްވެސް ހައްލެއް ހޯއްދަވައިދެއްވުމަށް އެޑިއުކޭޝަން މިނިސްޓަރާ މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށެވެ.
އަރަބިއްޔާ ސްކޫލުގެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބި, ތަން ބޮލަށް ވެއްޓިދާނެ ކަމުގެ ބިރު އޮތުމުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ ސްކޫލުގެ ދަރިވަރުން ވަގުތީ ގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރަން ނިންމައި, ހުޅުމާލޭގައި މިހާރު ހަދަމުން އަންނަ އެއް ސްކޫލު އަރަބިއްޔާއަށް ހާއްސަކުރަން ނިންމައިފައެވެ.
ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީގެ އެ ނިންމުމަކީ އަރަބިއްޔާ ސްކޫލުގެ ދަރިވަރުންގެ އަރަބި އިސްލާމީ މަންހަޖުގެ ތައުލީމު ފުނޑުފުނޑުވާނެ ކަމެއް ކަމަށް ބުނެ, އެ ނިންމުމާ އެއްގޮތަށް އަމަލު ކުރެވެން ނެތް ކަމަށް ބެލެނިވެރިން ވަނީ ބުނެފައެވެ. އަދި އެކަމާ ދެކޮޅަށް އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިން ދަނީ އިހުތިޖާޖު ކުރަމުންނެވެ.
ޚަބަރު
ޚަބަރު